ހދ. ގެ ރަށްތަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު އިރާކޮޅު ވަޑައިގަތީ އެ އަތޮޅު ނެއްލައިދު އަށެވެ. އެކަމަކު އެ ރަށުގެ ރައްޔިތުން މިނިސްޓަރަށް ކީ، ސަރުކާރުތަކުން މީގެ ކުރިން ކުރި ވައުދުތައް ނުފުއްދުމުން އެކަން ހަނދާނުން ނުފިލާނެ ވަރުގެ މަރުހަބާއެކެވެ. މައުސޫމަށް އެ މީހުން ދައްކައިދިނީ ދެކެމުން އައި ޒަމާންވީ ސަރަހައްދީ ރިސޯޓްތަކެވެ.
22 އޮކްޓޯބަރ 2022
ހދ. ގެ ރަށްތަކަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި މިއަދު އިރާކޮޅު ވަޑައިގަތީ އެ އަތޮޅު ނެއްލައިދު އަށެވެ. އެކަމަކު އެ ރަށުގެ ރައްޔިތުން މިނިސްޓަރަށް ކީ، ސަރުކާރުތަކުން މީގެ ކުރިން ކުރި ވައުދުތައް ނުފުއްދުމުން އެކަން ހަނދާނުން ނުފިލާނެ ވަރުގެ މަރުހަބާއެކެވެ. މައުސޫމަށް އެ މީހުން ދައްކައިދިނީ ދެކެމުން އައި ޒަމާންވީ ސަރަހައްދީ ރިސޯޓްތަކެވެ.
މިނިސްޓަރު އެންމެ ފުރަތަމަ ރަށަށް ފައިބައި ވަޑައިގަތް އިރު ބަހައްޓާފައި ހުރީ ރިސޯޓެއްގެ ރިސެޕްޝަން އޭރިޔާ އެކެވެ. އެ ތަނުގެ ކައިރީގައި އެ ރަށު ޒުވާނަކު ރިސެޕްޝަނިސްޓަކަށް ހުރި އިރު އޭނާ ހުރީ ރިސޯޓުތަކުގައި ބޭނުންކުރާނެ ޔުނީފޯމެއް ވެސް ލައިގެންނެވެ. ފޭއްޔަކާއި ހުދު ގަމީހެއް ލައިގެން އަދި ބޮލުގައި ހުދުކުލައިގެ ފަގުޑިއެއް އަޅައިގެންނެވެ. އެއީ ރިސޯޓުތަކުން ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ދާއިރު އާންމުކޮށް ހެދުން އަޅާ ގޮތެވެ.
ރިސެޕްޝަންގައި "ނާގޯށި ރިސެޕްޝަން" ޖަހާފައި ހުއްޓެވެ. އަދި ކުޑަ މުރައިދު އާއި ވައިކަރަ މުރައިދޫ އިނގިރޭސި ބަހުން ލިޔެފައި ހުއްޓެވެ. އެއީ ރިސޯޓު ހަދަން އެ އަތޮޅުން ދޫކޮށްފައިވާ ތިން ރަށެވެ.
ނެއްލައިދޫން ޓޫރިޒަމް މިނިސްޓަރަށް ކީ މަރުހަބާ-- ފޮޓޯ: ސޯޝަލް މީޑިއާ
މިނިސްޓަރު ރަށުތެރެއަށް ވަޑައިގެންނެވި ވަރަކަށް ފެންނާނެހެން ދެން ވެސް ހުރީ ރިސޯޓުތަކުގެ ތަންތަނެވެ. ސްޕާތަކާއި ދޮންވެލި ގޮނޑުދޮށްތަކުގައި ކުޑަޖަހައިގެން ގުޑުގުޑާ ބޯން ތިބޭ މަންޒަރާއި ރިސޯޓުތަކުގައި ހިންގާނެ ޑައިވިން ސެންޓަރުތައް ވެސް ތަމްސީލުތަކެއްގެ ސިފައިގައި މައުސޫމަށް ދައްކައިލި އެވެ.
ނެއްލައިދޫން ޓޫރިޒަމް މިނިސްޓަރަށް ކީ މަރުހަބާ-- ފޮޓޯ: ސޯޝަލް މީޑިއާ
އެއް ބަޔަކު ތިބީ ބީޗް ވޮލީ ކުޅޭށެވެ. އަނެއް ބަޔަކު މައުސޫމަށް ދައްކައިދިނީ ރިސޯޓުތަކުގައި ކުޅޭ މޫދު ކުޅިވަރުތަކާއި ސްޕާގެ ހިދުމަތެވެ. ރިސޯޓެއްގެ ރިސެޕްޝަން އެކަންޏެއް ނޫނެވެ. ޖަކޫޒީއެއް ގޮތަށް އެއްޗެއް ވެސް ހުރީ ބަހައްޓައިފަ އެވެ. ރިސޯޓުތަކުގެ މުވައްޒަފުން މަސައްކަތް ނިންމާލައި "ނައިޓަށް" ރަށަށް ދާން ފެރީ އަށް އަރާ ތަން ވެސް މައުސޫމަށް ފެނިވަޑައިގަތެވެ.
ނެއްލައިދޫން ޓޫރިޒަމް މިނިސްޓަރަށް ކީ މަރުހަބާ-- ފޮޓޯ: ސޯޝަލް މީޑިއާ
ނެއްލައިދޫގެ މީހުން ބުނާގޮތުން، ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުނުއިރު ވެސް އެ އަތޮޅުގައި ރިސޯޓެއް ނެތުމަކީ ސަރުކާރުތަކުން ވެފައިވާ އިހުމާލެކެވެ.
އެހެންވެ، މިއީ އެ ރަށުގެ މީހުންގެ އިހުސާސްތައް ދައްކުވައި ދެވޭނެ އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ބައެއް މީހުން ސޯޝަލް މީޑިއާގައި ބުންޏެވެ. ކޮންމެ ސަރުކާރަކުން ވަނީ ވައުދެވެ. ހަގީގަތަކަށް ހަދައެއް ނުދެ އެވެ. ދައްކަނީ ދަޅަ އެވެ. މި ސަރުކާރުގެ ހާލަތު ވެސް ހަމަ އެއްގޮތް ކަމުން ޓޫރިޒަމް މިނިސްޓަރަށް ރައްޔިތުންގެ އިހުސާސްތައް ބަންޑުންކޮށްލީ ދެކޭ ހުވަފެންތައް ހަގީގަތަކަށް ވުމުން ފެންނާނެ މަންޒަރުތަކުންނެވެ.
ހދ. ނާގޯށީގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށުމަށް ނިންމާފައިވާ ކަމަށް އެމްޓީޑީސީން ބުނެފައި ވަނީ މިދިޔަ ޖޫން މަހުގަ އެވެ.
ނާގޯށި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަން ރަޝިއާގެ ކުންފުންޏެއް ކަމަށްވާ ތްރީކޭ އާ އެންމެ ފުރަތަމަ ހަވާލުކުރީ 2007ގަ އެވެ. އެ ރަށުގައި 600 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަން އެމްޓީޑީސީން މަސައްކަތް ކުރި ނަމަވެސް ދައްކަން ޖެހޭ ކުލި ގަވައިދުން ނުދެއްކުމުގެ ސަބަބުން، ނުވަ އަހަރު ފަހު 2016 ގައި އެ ކުންފުނީގެ އެއްބަސްވުން ބާތިލްކުރީ އެވެ.
ނެއްލައިދޫން ޓޫރިޒަމް މިނިސްޓަރަށްކީ މަރުހަބާ-- ފޮޓޯ: ސޯޝަލް މީޑިއާ
އޭރު އެ ރިސޯޓްގެ 37 ޕަސެންޓް މަސައްކަތް އޮތީ ނިންމައިފަ އެވެ. ރަށުގައި ހަދާ ވިލާތަކާއި ރެސްޓޯރެންޓްތަކާއި އެހެނިހެން އިމާރާތްތަކުގެ ކޮންސްޓްރަކްޝަންގެ ގިނަ މަސައްކަތްތައް ހުރީ ގާތްގަނޑަކަށް އޭރު ނިމިފަ އެވެ. ރަށުގެ މަސައްކަތްކުރަން ބަޔަކު ހޯދަން އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެކަން ކާމިޔާބުވީ މިއަހަރުގެ މާޗު ހިސާބުގަ އެވެ. އެ ކާމިޔާބީއާއެކު އެމްޓީޑީސީން ބުނެފައި ވަނީ ނާގޯށި ތަރައްގީކޮށް ނިމޭތީ ތިން އަހަރުން ކަމަށެވެ.
ނެއްލައިދޫން ޓޫރިޒަމް މިނިސްޓަރަށްކީ މަރުހަބާ-- ފޮޓޯ: ސޯޝަލް މީޑިއާ
ކުޑަ މުރައިދޫ ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ދޫކުރީ 2017 ވަނަ އަހަރު އެވެ. އެކަމަކު، މިހާތަނަށް އެއްވެސް މަސައްކަތެއް ފަށައިފައެއް ނުވެ އެވެ.
ހދ. އަތޮޅަކީ ރާއްޖޭގެ އާބާދީން ތިން ވަނަ އަށް އެންމެ ބޮޑު އަތޮޅު ނަމަވެސް މިއަދާ ހަމައަށް އެ އަތޮޅުގައި ހުޅުވާފައި ވަނީ އެންމެ ރިސޯޓެކެވެ. ކޮންމެ ސަރުކާރަކުން ވެސް އެ އަތޮޅުގެ މީހުންނަށް ދައްކަނީ ރިސޯޓުތަކުގެ ހުވަފެންތަކެވެ. އެ ހުވަފެން ބަލަން ތިބޭތާ އެތައް ޒަމާނެއް ވެއްޖެ އެވެ. ނެއްލައިދޫން ރީތި ގޮތުގައި ޓޫރިޒަމް މިނިސްޓަރަށް ދައްކައިލީ ހދ. އަތޮޅުގެ މީހުން މިހާތަނަށް ކެތްކޮށްލައިގެން ތިބި ވަރެވެ.
ބޮޑުތިލަދުންމައްޗަށް އެންމެ ރަނގަޅީ ލޯކަލް ޓޫރިޒަމް: މިނިސްޓަރު
ރިސޯޓު ކުލި ކުޑަކުރިޔަސް ފައިދާ ބޮޑުވާނެ: މައުސޫމް
"އަމާޒަކީ މިނިމަމް ވޭޖަށްވުރެ ރަނގަޅު ގޮތެއްވުން"
އަލިފުށީގެ ފަޅުގައި ރިސޯޓެއް ހަދަން އިއުލާނުކުރަނީ
ޓޫރިސްޓް ފެސިލިޓީތަކުން ކޮވިޑް19 އަށް ސާމްޕަލް ނަގަނީ
މިމަހު 7،000 އަށް ވުރެ ގިނަ ޓޫރިސްޓުން އަންނާނެ
ކޮވިޑް ނެގެޓިވް ވުމުން ނޫނީ ރާއްޖެ ނާދެވޭ ގޮތް ހަދަނީ
ޓޫރިސްޓުން އިތުރުވާނީ ކޮވިޑް ނަންބަރު ދަށްކުރެވިގެން
ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓް ހުޅުވައިފި
ނާގޯށި ތަރައްގީނުކުރާތީ އަމިއްލަ އިންވެސްޓަރަކަށް ދެނީ