Roadha Mihaaru
ޓްރާންސްޕޯޓު ލިންކުގެ ދަތުރުތައް ފަށައިފި

ޓްރާންސްޕޯޓު ލިންކުގެ ދަތުރުތައް ފަށައިފި

12 ޖޫން 2022

މުޅި ރާއްޖެ ހައި ސްޕީޑް ލޯންޗުން ގުޅައިލާ "ރާއްޖެ ޓްރާންސްޕޯޓު ލިންކް" (އާރުޓީއެލް) މިއަދު ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މުޅި ރާއްޖެ ހައި ސްޕީޑް ލޯންޗުން ގުޅައިލާ "ރާއްޖެ ޓްރާންސްޕޯޓު ލިންކް" (އާރުޓީއެލް) މިއަދު ފަށައިފި އެވެ.

ތިން ފިޔަވައްސަކަށް ބަހާލައިގެން ގެންދާ ދަތުރުތައް ފަށާފައިވަނީ ފޭސް އެކެއްގައި ހިމެނޭ ހދ. އަތޮޅުންނެވެ.

އެ މަޝްރޫއު ހަވާލުކޮށްފައިވާ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް "މިހާރު" އަށް ވިދާޅުވީ މިއަދު ފެށި ފުރަތަމަ ދަތުރު ވަރަށް ރަނގަޅު ކަމަށެވެ.

ފޭސް އެކެއްގައި ދެން ހިމެނެނީ ހއ އަދި ށ. އަތޮޅެވެ. އާޒިމް ވިދާޅުވީ އަންނަ މަސް ނިމުމުގެ ކުރިން އެ ޒޯންގެ ދަތުރުތައް އެއްކޮށް ފެށޭނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ސެޕްޓެމްބަރުގައި މުޅި ރާއްޖޭގެ ދަތުރުފަތުރު، އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުން ގުޅާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ މަޝްރޫއަށް 800 މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ހިނގާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އާރުޓީއެލްގެ ޕެސެންޖާ ފެރީ ގުޅައިލާނީ ތިން ގޮތަކަށެވެ. އެއީ ކޮމިއުޓް ލިންކާއި ނަން-ކޮމިއުޓް ލިންކް އަދި ހައިވޭ ލިންކެވެ.

ކޮމިއުޓް ލިންކަކީ ކައިރި ރަށްތައް ގުޅުވައިދޭ ކުރު ދަތުރުތަކަށް ހާއްސަކޮށްފައިވާ ނިޒާމެވެ. އެއީ އާއްމުކޮށް ކުރަންޖެހޭ މަސައްކަތްތައް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ދަތުރެވެ. އަދި އެ ދުވަހު ހިދުމަތް ހޯދުމަށް ފަހު އެނބުރި ރަށަށް އައުމަށް މަގުފަހިވާނެ އެވެ. ނަން-ކޮމިއުޓް ލިންކަކީ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމަށް ހަމަޖެހިފައިވާ މަގެވެ. އެ ދަތުރުތައް ދިގުވެފައި ދުރު ރަށްތަކަށް ދެވޭނެ އެވެ. އެ ލިންކުގައި ހިމެނޭ ރަށްތަކުގައި އެއާޕޯޓު އަދި ވިޔަފާރި ހަބްތައް ހިމެނޭނެ އެވެ. އެއީ ކޮންމެ ދުވަހަކު ދަތުރުކުރަން ނުޖެހި، ޒޯންގައި ހިމެނޭ ރަށްތަކުން ފަސޭހައިން ހިދުމަތް ހޯދޭނެ މަގެކެވެ. ހައިވޭ ލިންކަކީ އެއް ރީޖަންގެ ދަތުރުފަތުރުގެ ހަބާ، އަނެއް ރީޖަންގެ ދަތުރުފަތުރުގެ ހަބް ގުޅުވައިދޭ ލިންކެވެ.

ދެ ވަނަ ޒޯނުގައި ނ، ރ، ބ، އަދި ޅ އަތޮޅެވެ. ތިން ވަނަ ޒޯނުގައި ކ، އއ، އދ، އަދި ވ. އަތޮޅެވެ. ހަތަރު ވަނަ ޒޯނުގައި މ، ފ، ދ، ތ، އަދި ލ އަތޮޅެވެ، ފަސް ވަނަ ޒޯނުގައި ގއ، ގދ އަތޮޅު އަދި ހަ ވަނަ ޒޯނުގައި ފުވައްމުލަކާއި އައްޑު އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ތިން އަހަރުން ދަށުގެ ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެ ލޯންޗުގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ. އަދި އާރްޓީއެލްގެ މޮބައިލް އެޕްލިކޭޝަނުން ދަތުރާ ގުޅޭ އިތުރު ތަފްސީލް ލިބޭނެ ކަމަށެވެ.