Roadha Mihaaru
މިދިޔަ އަހަރު އެސްއޯއީތަކުން 5.4 ބިލިއަންގެ ފައިދާ

މިދިޔަ އަހަރު އެސްއޯއީތަކުން 5.4 ބިލިއަން ރުފިޔާގެ ފައިދާ

14 ޖޫން 2022

މިދިޔަ އަހަރު ސަރުކާރުގެ އެސްއޯއީތަކުން ސާފު ފައިދާގެ ގޮތުގައި 5.4 ބިލިއަން ރުފިޔާގެ ފައިދާ ހޯދައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މިދިޔަ އަހަރު ސަރުކާރުގެ އެސްއޯއީތަކުން ސާފު ފައިދާގެ ގޮތުގައި 5.4 ބިލިއަން ރުފިޔާގެ ފައިދާ ހޯދައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ އަހަރު އެންމެ ބޮޑު ފައިދާއެއް ހޯދީ އެންމެ ފަހު ކުއާޓަރުގަ އެވެ. އެ ކުއާޓަރުގައި 2.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ހަތަރު ވަނަ ކުއާޓަރުގައި އެންމެ ބޮޑު ފައިދާއެއް ލިބުނީ އެޗްޑީސީ އާއި އެމްއޭސީއެލް، ބީއެމްއެލް، އެމްޓީޑީސީ އާއި އެސްޓީއޯ އާއި ދިރާގުގެ ފައިދާ މައްޗަށް ދިއުމާ ގުޅިގެންނެވެ. އެ ކުންފުނިތަކަށް ފައިދާގެ ގޮތުގައި ބޮޑު އަދަދެއް ހަމައެކަނި ހަތަރު ވަނަ ކުއާޓާގައި ލިބުނެވެ.

ހަތަރު ވަނަ ކުއާޓަރުގައި އެޗްޑީސީ އަށް އެހާ ބޮޑު ފައިދާއެއް ލިބުނީ އެ ކުންފުނިން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ހުޅުމާލެއިން ބިން ވިއްކައިގެންނެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ލިބުނީ، ބީއެމްއެލް، އެމްއޭސީއެލް، ދިރާގު، އެޗްޑީސީ އަދި އެސްޓީއޯ އެވެ. އެ ފަސް ކުންފުނީގެ ފައިދާ 4.8 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އެހެންވެ، ސަރުކާރު ހިއްސާވާ 30 ކުންފުނީގެ ތެރެއިން 85 ޕަސެންޓް ފައިދާ ލިބެނީ މި ހަތަރު ކުންފުނިންނެވެ.

އެންމެ ބޮޑު ފައިދާއެއް ލިބުނު ކުންފުނިތައް

- ބީއެމްއެލް: 1.7 ބިލިއަން ރުފިޔާ

- އެމްއޭސީއެލް: 1.1 ބިލިއަން ރުފިޔާ

- ދިރާގު: 813 މިލިއަން ރުފިޔާ

- އެޗްޑީސީ: 746 މިލިއަން ރުފިޔާ

- އެސްޓީއޯ: 478 މިލިއަން ރުފިޔާ

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ދަރަނީގެ އެންމެ ބޮޑު ރިސްކުއޮތް އޮތީ ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ސްޓެލްކޯ އާއި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓު ކުންފުންޏާއި ރޯޑް ޑިވެލޮޕްމެންްޓް ކޯޕަރޭޝަންގަ އެވެ. އެ ކުންފުނިތަކުގެ މާލިއްޔަތާ އަޅާ ބަލާއިރު ދަރަނި އިންތިހާ އަށް ބޮޑުވަނީ މި ކުންފުނިތަކަށް އެންމެ އެކަށީގެންވާ ވަރުގެ ފައިދާއެއް ނުލިބުމާއި، ގެއްލުމުގައި ހިންގަން ޖެހުމާއި އަދި މަޝްރޫއުތަކަށް ބޮޑެތި އަދަދުތަކުން ލޯނު ނަގާތީ އެވެ.

މިދިޔަ އަހަރު އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓަށް 65 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވެ އެވެ. މިއާ އެކު ކުންފުނީގެ ހަރަދުތައް ހަމަޖެއްސުމަށް ލޯނު ނަގަން ޖެހުނެވެ. އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން މިދިޔަ އަހަރު އެންމެ ބޮޑު ގެއްލުމެއް ލިބުނު ކުންފުނިތަކުގެ ތެރޭގައި ވެމްކޯ އާއި ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަނާއި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ހިމެނެ އެވެ. ވެމްކޯ އަށް މިދިޔަ އަހަރު 67 މިލިއަން ރުފިޔާގެ ގެއްލުންވި އެވެ. ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނަށް 59 މިލިއަން ރުފިޔާގެ ގެއްލުންވީ އިރު ރީޖަނަލް އެއާޕޯޓްސް އަށް 42 މިލިއަން ރުފިޔާގެ ގެއްލުންވަނީ ވެފަ އެވެ.