Roadha Mihaaru
ވޯލްޑް ކަޕްގެ ފަހު ޓިކެޓް ކޮސްޓަ ރިކާ އަށް

ނިއުޒިލްނެޑް ކަޓުވާލައި ގަތަރު ވޯލްޑް ކަޕްގެ ފަހު ޓިކެޓު ކޮސްޓަ ރިކާ އަށް

15 ޖޫން 2022

އަލް ރައްޔާން، ގަތަރު (ޖޫން 15) - ނިއުޒިލެންޑާ ދެކޮޅަށް ކުޅެ 1-0 އިން މެޗު ކާމިޔާބުކޮށް ކޮސްޓަ ރިކާ، އަންނަ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ފަހު ޖާގަ ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަލް ރައްޔާން، ގަތަރު (ޖޫން 15) - ނިއުޒިލެންޑާ ދެކޮޅަށް ކުޅެ 1-0 އިން މެޗު ކާމިޔާބުކޮށް ކޮސްޓަ ރިކާ، އަންނަ ނޮވެމްބަރު މަހު ގަތަރުގައި ބާއްވާ ފީފާ ވޯލްޑް ކަޕުގެ ފަހު ޖާގަ ހޯދައިފި އެވެ.

ނިއުޒިލެންޑް ވަނީ އޯޝޭނިއާ ބައްރުގެ ވޯލްޑް ކަޕް ކޮލިފައިންގެ އެއްވަނަ ހޯދައިފަ އެވެ. އަދި ކޮސްޓަ ރިކާ ޕްލޭއޮފްގައި ކުޅެން ޖެހުނީ އުތުރު އެމެރިކާ ބައްރުގެ ކޮލިފައިންގެ ހަތަރުވަނަ ލިބުމުންނެވެ.

ތިންވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދަން ނުކުތް ނިއުޒިލެންޑާ ދެކޮޅަށް ކޮސްޓަ ރިކާ އިން މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ތިންވަނަ މިނިޓުގައި ޖަހައި ދިނީ ކުރިން އާސެނަލް އަށް ކުޅުނު ފޯވާޑް ޖޮއެލް ކޭމްބެލް އެވެ.

ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅެ ނިއުޒިލެންޑުން މެޗު ނިންމާލީ 10 ކުޅުންތެރިންނާ އެކު އެވެ. އެއީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ކޮސްޓާ ބަރްބަރޯސެސް އަށް ވީއޭއާރުގެ އެހީގައި ރެފްރީ، 69 ވަނަ މިނިޓުގައި ރަތް ކާޑު ދެއްކުމުންނެވެ.

ނިއުޒިލެންޑުގެ ފޯވާޑް ވުޑް، ކޮސްޓާ ރިކާ ގޯލާ އަމާޒުކޮށް ހަމަލައެއް ފޮނުވާޅަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުޒިލެންޑުގެ ފޯވާޑް ވުޑް، ކޮސްޓާ ރިކާ ގޯލާ އަމާޒުކޮށް ހަމަލައެއް ފޮނުވާޅަން މަސައްކަތް ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ނިއުޒިލެންޑަށް ކުޅޭ ނިއުކާސަލް ޔުނައިޓެޑުގެ ފޯވާޑް ކްރިސް ވުޑް ވަނީ ފުރަތަމަ ހާފު ނިމެނިކޮށް ގޯލެއް ޖަހައިފަ އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ ވުޑް އަށް ބޯޅަ ޕާސް ކުރުމުގެ ކުރިން ނިއުޒިލެންޑް ކުޅުންތެރިއަކު ކޮސްޓަ ރިކާގެ ކުޅުންތެރިއަކަށް ފައުލް ކޮށްފައި ކަމަށް ނިންމައިފަ އެވެ. އޭގެ އިތުރުން ވެސް ވުޑް އަށް ވަނީ ގޯލުޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރު ވެފަ އެވެ.

މިއީ ކޮސްޓަ ރިކާ ވޯލްޑް ކަޕަށް ކޮލިފައިވި ހަވަނަ ފަހަރެވެ. އަދި މިފަހަރު ވާނީ އެޓީމު ޖެހިޖެހިގެން ވާދަކުރާ ތިންވަނަ ވޯލްޑް ކަޕަށެވެ. ވޯލްޑް ކަޕުގައި އެޓީމު ހިމެނެނީ 2010 ގެ ޗެމްޕިއަން ސްޕެއިން އާއި ހަތަރު ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޖަރުމަނާއި އޭޝިއާގެ ގަދަ ބާރު ޖަޕާނާ އެކު އެއް ގުރޫޕެއްގަ އެވެ.

ކޮސްޓަ ރިކާގެ ލަނޑު ޖަހައިދިން ކޭމްބެލް.-- ފޮޓޯ: އޭއެފްޕީ

ކޮސްޓަ ރިކާގެ ލަނޑު ޖަހައިދިން ކޭމްބެލް.-- ފޮޓޯ: އޭއެފްޕީ

ކޮސްޓަ ރިކާ ވޯލްޑް ކަޕުގައި އެންމެ ބޮޑު ކާމިޔާބެއް ހޯދީ 2014 ވަނަ އަހަރެވެ. އެފަހަރު އެ ގައުމު ވަނީ ގުރޫޕް ސްޓޭޖުގައި އިންގްލެންޑާއި އިޓަލީ ކަޓުވާލައި، އުރުގުއޭ ފަހަތަށް ޖައްސާލައި ގުރޫޕްގެ އެއްވަނަ ހޯދައިގެން ނޮކައުޓް ބުރަށް ދަތުރު ކޮށްފަ އެވެ. ނޮކައުޓް ފުރަތަމަ ބުރުގައި ގްރީސް އަތުން މޮޅުވި ނަމަވެސް މުބާރާތުން ކެޓީ ކުއާޓާ ފައިނަލުގައި ނެދަލެންޑްސް އަތުން ބަލިވެގެންނެވެ.

މިދިޔަ އޭޕްރީލް މަހުގެ ވޯލްޑް ކަޕުގެ ގުރު ނެގި ނަމަވެސް، މުބާރާތުގައި ވާދަކުރާ 32 ޓީމު ފައިނަލްވީ މިރޭ ކޮސްޓާ ރިކާ އާއި ނިއުޒިލެންޑް ބައްދަލުކުރި އިންޓަ ކޮންޓިނެންޓަލް ޕްލޭއޮފަށް ފަހު އެވެ.

މިއަހަރުގެ ވޯލްޑް ކަޕް ކުރިއަށް ދާނީ އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 18 ގެ ނިޔަލަށެވެ.

ވޯލްޑް ކަޕުގެ ގުރޫޕްތައް ބެހިފައި ވާގޮތް:

ގުރޫޕް އޭ: ގަތަރު، އެކުއެޑޯ، ސެނެގާލް، ނެދަލެންޑްސް

ގުރޫޕް ބީ: އިންގްލެންޑް، އިރާން، އެމެރިކާ، ވޭލްސް

ގުރޫޕް ސީ: އާޖެންޓީނާ، ސައުދީ އަރަބިއާ، މެކްސިކޯ، ޕޮލެންޑް

ގުރޫޕް ޑީ: ފްރާންސް، ޑެންމާކް، ޓިއުނީޝިއާ، އޮސްޓްރޭލިއާ

ގުރޫޕް އީ: ސްޕެއިން، ޖަރުމަން، ޖަޕާން، ކޮސްޓަ ރިކާ

ގުރޫޕް އެފް: ބެލްޖިއަމް، ކެނަޑާ، މޮރޮކޯ، ކްރޮއޭޝިއާ

ގުރޫޕް ޖީ: ބްރެޒިލް، ސާބިއާ، ސްވިޒަލެންޑް، ކެމެރޫން

ގުރޫޕް އެޗް: ޕޯޗުގަލް، ގާނާ، އުރުގުއޭ، ދެކުނު ކޮރެއާ