Roadha Mihaaru
އެއީ ވިނަރެސް ދޫކުރެވޭނެ ރަނގަޅު އަގު: މިނިސްޓަރު

އިއުލާންކޮށްފައި ވަނީ ވިނަރެސް ދޫކުރެވޭނެ އެންމެ ރަނގަޅު އަގު: މިނިސްޓަރު

15 ޖޫން 2022

މެދުފަންތީގެ މީހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި ވިނަރެސް ފްލެޓް ދޫކުރަން ކަނޑައެޅި އަގާ މެދު އާއްމުންގެ ޝަކުވާ ބޮޑުވެފައި ވަނިކޮށް، އެ އަށް ވުރެ ކުޑަ އަގެއްގައި އެތަންތަން ދޫކުރެވެން ނެތް ކަމަށާއި އެޗްޑީސީން މިހާރު ކަނޑައަޅާފައި ވަނީ އެންމެ ރަނގަޅު އަގު ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފެށި ފްލެޓްތައް ވިއްކަން އެޗްޑީސީން އިއުލާންކުރި އިރު އެޕާޓްމަންޓެއްގެ އަގު އުޅެނީ 4.9 މިލިން ރުފިޔާ އާއި ހަ މިލިއަން ރުފިޔާއާ ދެމެދުގަ އެވެ. ޑައުން ޕޭމަންޓަށް 375،000ރ. - 457،000ރ. ދައްކަން ޖެހެ އެވެ.

ތިން ކޮޓަރި އަށް މަހަކު ދައްކަން ޖެހޭ ވަރު އުޅެނީ 19،000ރ. އާއި 23،000ރ. ގަ އެވެ. މި އެޕާޓްމަންޓަށް 25 އަހަރަށް ބަހާލައިގެން ވެސް ފައިސާ ދެއްކޭ ކަމަށް އެޗްޑީސީން ބުނެފައިވެ އެވެ.

އެ ފްލެޓްތައް އަގު ބޮޑުކޮށް ވިއްކާ ސަބަބާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުކުރުމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ފްލެޓްތައް ދޫކުރަނީ ފިނިޝިން ވެސް ނިންމައި ދިރިއުޅެން ފެށޭވަރުކޮށްފައި ކަމަށެވެ. އެ ފްލެޓްތައް މިހާރު ދޫކުރަން ކަނޑައަޅާފައި ވަނީ އެކަން ކުރެވެން އޮތް އެންމެ ހެޔޮއަގުގައި ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަސްލަމް މަޖިލީހުގައި: ވިނަރެސް ފްލެޓް ދޫކުރަން ނިންމާފައި ވަނީ ދޫކުރެވެން އޮތް އެންމެ ރަނގަޅު އަގުގައި ކަަމަށް މިނިސްޓަރު ދެކެވަޑައިގަންނަވާ. -- ފޮޓޯ | މަޖިލިސް

މިނިސްޓަރު އަސްލަމް މަޖިލީހުގައި: ވިނަރެސް ފްލެޓް ދޫކުރަން ނިންމާފައި ވަނީ ދޫކުރެވެން އޮތް އެންމެ ރަނގަޅު އަގުގައި ކަަމަށް މިނިސްޓަރު ދެކެވަޑައިގަންނަވާ. -- ފޮޓޯ | މަޖިލިސް

ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި ޔާމީންގެ ސަރުކާރުން އެ ފްލެޓްތައް ދޫކުރަން ނިންމީ މަހަކު 7،000ރ. އަށެވެ.

އެއީ ޔާމީންގެ ސަރުކާރުން ފެށި 1،530 ޔުނިޓުގެ ހައުސިން މަޝްރޫއު ކަމަށާއި އަދަދުތައް މި ސަރުކާރުން 1،340 ޔުނިޓަށް ކުޑަކޮށް، "ވިނަރެސް"ގެ ނަންދީ އަތްނުފޯރާހާ އަގުބޮޑުކޮށް ވިއްކަމުންދާ ދިއުން ބަދަލުކުރަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އަސްލަމް ވަނީ މުއިއްޒުގެ އެ ވާހަކަ ދޮގު ކުރައްވައިފަ އެވެ.

"އެއީ ކަނޑައެޅިގެން އިތުރުފުޅުއް. އެ ފްލެޓްތައް 7،000ރ. އަށް ދޭން ނިންމާފައެއް ނުވޭ. ނުވެސް ދެވޭނެ އެ އަގަކަށް،" އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މެދުފަންތީގެ ހައުސިންގައި މާލޭގެ މިހާރު ރޭޓަކީ މަހަކު 25،000ރ.ގެ ކުއްޔެއް ކަމަށާއި ދިގު މުއްދަތަކުން ދައްކައި ހަލާސްކުރަން ވިނަރެސް ދޫކުރަނީ އެ އަށް ވުރެން ކުޑަ އަގަކަށް ކަމަށެވެ.

އެޗްޑީސީން ވަނީ ވިނަރެސް ފްލެޓް މަޝްރޫއަށް 163 މިލިއަން ޑޮލަރު (2.5 ބިލިއަން ރުފިޔާ) ހަރަދުކޮށްފަ އެވެ. އެ ފްލެޓްތައް ވިއްކާ އަގުތައް ބޮޑުކަމަށް ރިއަލް އެސްޓޭޓް ވިޔަފާރިވެރިން ވެސް ބުނެ އެވެ.

އެޕާޓްމެންޓްތަކާ ބެހޭ މައުލޫމާތު އެޗްޑީސީގެ މުއައްޒަފަކު އެ ތަންތަން ބަލަން އައި އާންމުނަށް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެޕާޓްމެންޓްތަކާ ބެހޭ މައުލޫމާތު އެޗްޑީސީގެ މުއައްޒަފަކު އެ ތަންތަން ބަލަން އައި އާންމުނަށް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

މި މައްސަލައިގައި "މިހާރު" އާ ވާހަކަ ދެއްކެވި ވިޔަފާރިވެރިއަކު ވިދާޅުވީ، އެޗްޑީސީން ވިނަރެސް ވިއްކަނީ ސޯޝަލް މިންގަނޑަށް ބެލުމަށް ވުރެ ބޮޑަށް ފައިދާ ހޯދަން ކަމަށެވެ. އެހެންވެ، އެ ވަރުގެ ފައިދާއެއް ލިބެން އޮއްވައި، އެ ހޯދުމުގެ މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ތަނުން ލިބޭ ހިދުމަތްތަކާއި ޖާގަ އަށް ބަލާއިރު އެ ތަނުގެ އަގާ މެދު ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

"ފާހާނަ އެހާ ކުޑަ. އެހާ ބޮޑު އަގެއްގައި ވިއްކާ އިރު، ޕޫލް އާއި އެހެން ކޮމާޝަލް ފްލެޓްތަކުގައި ހުންނަ ހިދުމަތްތަކެއް ނެތް،" އޭނާ ވިދާޅުވެފައިވެ އެވެ.

އެޗްޑީސީން ބުނި ގޮތުގައި އަގުތައް ކަނޑައަޅާފައި ވަނީ އެކި ފްލޯތައް އެކި ވަރަށް، އަދި އެ އެޕާޓްމެންޓަކުގެ ޖާގަ އާއި ލިބޭ ވިއު އަށް ބެލުމަށް ފަހު އެވެ. އަދި ކުރިއަށް އޮތްތަނުގައި މި ސަރަހައްދު ވާނީ ހުޅުމާލެ ފޭސް ދޭއްގެ އެންމެ ޕްރައިމް ސަރަހައްދަށް ކަމަށް ވެސް އަގު ބޮޑުވުން ދިފާއުކޮށް، އެޗްޑީސީން ބުނެފައިވެ އެވެ.