Roadha Mihaaru
ގުޅިފަޅު އިތުރަށް ހިއްކަން 1.6 ބިލިއަންގެ ލޯނެއް

ގުޅިފަޅު އިތުރަށް ހިއްކަން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

16 ޖޫން 2022

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފި އެވެ.

މި ލޯނު ނެގީ ތިން ބޭންކެއް މެދުވެރިކޮށެވެ. އެއީ އޭކޭއޭ ޔޫރަޕިއަން އެކްސްޕޯޓް އެންޑް ޓްރޭޑް ބޭންކާއި ނެދަލޭންޑްސްގެ އޭބީއެން އޭއެމްއާރްއޯ ބޭންކާއި އައިއެންޖީ ބޭންކެވެ.

ރާއްޖޭގެ ފަރާތުން މި ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ.

ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތާއި ލޯނުގެ އިންޓްރެސްޓް ރޭޓާ ގުޅޭ މައުލޫމާތު ފިނޭންސުން އަދި ހާމައެއް ނުކުރެ އެވެ.

މި ލޯނުގެ ދަށުން ގުޅިފަޅު އިތުރަށް ހިއްކައި، އާ ޕޯޓެއް ތަރައްގީކޮށް މާލޭގައި މިހާރު ބޭނުންކުރާ ވިޔަފާރި ބަނދަރު އެތަނަށް ބަދަލުކުރެވޭނެ ކަމަށް ފިނޭންސުން ބުންޏެވެ.

މި ލޯނުގެ އިތުރުން ސަރުކާރުން މި އަހަރުގެ މިހާތަނަށް ދެ ލޯނެއް ނަގާފައިވެ އެވެ. އެއީ ބަޖެޓް ސަޕޯޓަށް ކާގިލް ފައިނޭޝަލް ސާވިސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން ނެގި 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނާއި އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުން ނެގި 18 މިލިއަން ޑޮލަރު (278 މިލިއަން ރުފިޔާ) ގެ ލޯނު ހިމެނެ އެވެ. މި ލޯނު ނެގީ ސަރުކާރުން ހިންގާ ކުނި މެނޭޖްމެންޓް ޕްރޮޖެކްޓަށެވެ.

ފިނޭންސް މިނިސްޓްރީ ޓްވީޓް

މި ސަރުކާރުން މިހާތަނަށް ވަނީ 38 ބިލިއަން ރުފިޔާގެ ދަރަނި ނަގައިފަ އެވެ. އެއީ ލޯނުގެ ގޮޮތުގައި 37 ބިލިއަން ރުފިޔާ އާއި ސޮވެރިން ގެރެންޓީގެ ގޮތުގައި ނެގި 1.1 ބިލިއަން ރުފިޔާ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދަރަނީގެ ގޮތުގައި 39 ބިލިއަން ރުފިޔާ ނެގި އެވެ. އެއީ ލޯނުގެ ގޮތުގައި ނެގި 26.5 ބިލިއަން ރުފިޔާ އާއި ސޮވެރިން ގެރެންޓީގެ ގޮތުގައި ނެގި 12.6 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ދަރަނި މި އަހަރު ނިމޭ އިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. ނަމަވެސް އަހަރު ދެބައި ނުވަނީސް ދައުލަތުގެ ދަރަނި މިހާރު ވަނީ 99 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އިތުރުވާ އިރު ދަރަނި އަދާކުރަން ސަރުކާރުން ހޭދަކުރާ ވަރު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މި އަހަރު ދައުލަތުން 5.7 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރާނެ އެވެ. އެންމެ ކައިރި މުސްތަގްބަލެއްގައި ދައުލަތުން ދަރަނި އަދާކުރަން އެންމެ ބޮޑު ހޭދަކުރާނީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދައުލަތުން ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭނެ އެވެ.