Roadha Mihaaru
"އިންޑިއާގެ އެހީން އިގްތިސާދު 15 ބިލިއަނަށް އަރާނެ"

އިންޑިއާގެ އެހީއާ އެކު އިގްތިސާދު 15 ބިލިއަނަށް ބޮޑު ކުރެވޭނެ: އަމީރު

26 ފެބުރުއަރީ 2023

އިންޑިއާގެ މާލީ އެހީއާ އެކު ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ހަ ބިލިއަން ރުފިޔާ އިން 15 ބިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިންޑިއާގެ މާލީ އެހީއާ އެކު ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ހަ ބިލިއަން ރުފިޔާ އިން 15 ބިލިއަން ރުފިޔާއަށް ބޮޑުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ޕޫނޭގައި ކުރިއަށްދާ "އޭޝިއާ އިކޮނޮމިކް ޑައިލޮގް" ގައި އަމީރު ދެއްކެވި ވާހަކައާ ހަވާލާދީ އެ ގައުމުގެ ބައެއް ނޫސްތަކުން ރިޕޯޓްކުރި ގޮތުގައި އިންޑިއާ އިން މާލީ އެހީ ހޯދައިގެން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކުގެ ހަގީގީ މަންފާ ފެންނާނީ ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ތެރޭގަ އެވެ.

އަމީރު ވިދާޅުވީ، ތިލަމާލެ ބްރިޖާއި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާއި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ނިމުމުން، ރާއްޖޭގެ އިގްތިސާދު މުޅިން ބަދަލުކޮށްލާނެ ކަމަށެވެ.

"މިހާރު ރާއްޖެއަކީ ހަ ބިލިއަން ޑޮލަރުގެ އިގްތިސާދެއް. އެކަމަކު އުތުރާއި ދެކުނުގައި ހަދާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަބަބުން ކުރިއަށް އޮތް 5-10 އަހަރު ތެރޭ ރާއްޖޭގެ އިގްތިސާދު 15-20 ބިލިއަން ޑޮލަރުގެ އިގްތިސާދަކަށް ހެދޭނެ،" އޭނާ ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓު ތަރައްގީކުރަނީ އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ފެންވަރަކަށެވެ. އަދި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓު ހަދަނީ އަހަރަކު 1.8 މިލިއަން ޓޫރިސްޓުން ގެނެވޭނެ ފެންވަރަށެވެ.

މިދިޔަ އަހަރު ފިނޭންސް މިނިސްޓަރު ވަނީ އިންޑިއާއިން 15 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އެހީއެއް ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ އެހީ އެވެ. އެހެންވެ އެއީ ލޯނު ގޮތަށް އަނބުރާ ދައްކަން ޖެހޭނެ ފައިސާ އެވެ.