Roadha Mihaaru
ދިވެހި: ކުދިންގެ ޝައުގުވެރިކަން ގެއްލެނީ ކީއްވެ؟

ދިވެހި: ކުދިންގެ ޝައުގުވެރިކަން ގެއްލެނީ ކީއްވެ؟

06 ޖުލައި 2022

ދިވެހި/ އިސްލާމް މާއްދާއޭ ބުނުމުން ބައެއް ދަރިވަރުންގެ ބޮލުގައި ރިއްސަ އެވެ؛ މިއީ ހަމަ ހަގީގަތުގައި ވެސް ރާއްޖޭގެ ތައުލީމީ ނިޒާމުގައި އޮތް ވަރަށް ސީރިއަސް މައްސަލައެކެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ބައެއް ޕްރިންސިޕަލުންނާއި ޓީޗަރުން ވެސް އެކިއެކި ޖަލްސާތަކާއި ޕޮލިސީ ބައްދަލުވުންތަކުގައި ފާހަގަކޮށްފައިވާ ކަމެކެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދިވެހި/ އިސްލާމް މާއްދާއޭ ބުނުމުން ބައެއް ދަރިވަރުންގެ ބޮލުގައި ރިއްސަ އެވެ؛ މިއީ ހަމަ ހަގީގަތުގައި ވެސް ރާއްޖޭގެ ތައުލީމީ ނިޒާމުގައި އޮތް ވަރަށް ސީރިއަސް މައްސަލައެކެވެ. އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ބައެއް ޕްރިންސިޕަލުންނާއި ޓީޗަރުން ވެސް އެކިއެކި ޖަލްސާތަކާއި ޕޮލިސީ ބައްދަލުވުންތަކުގައި ފާހަގަކޮށްފައިވާ ކަމެކެވެ.

ރާއްޖެ އަކީ ދިވެހި ބަހުން ވާހަކަ ދައްކާ، އަދި އިސްލާމްދީނުގެ މަތީގައި ދެމިތިބި ބަޔަކަށް ވާއިރު، ތައުލީމީ ދާއިރާ އިން ވެސް އުފައްދާ ސުވާލަކީ، އިނގިރޭސި މީޑިއަމަަށް ހިންގާ ސްކޫލުތަކުގައި ދިވެއްސާއި އިސްލާމް ކިޔަވަން ކުދިން ޝައުގުވެރި ނުވަނީ ކީއްވެތޯ އެވެ؟ ހާއްސަކޮށް ދިވެހި ބަހެވެ.

މިއީ ރަނގަޅު ބަހުސެއް ކުރެވިދާނެ މައްސަލަ އެކެވެ.

ފުރަތަމަ މައްސަލަ: ޅަ އުމުރުގެ ދުވަސްތައް

ބައެއް ޓީޗަރުން ބުނާ ގޮތުގައި ސްކޫލުގައި އެތައް ބައިވަރު މާއްދާތަކެއް ކިޔަވައިދޭ އިރު، ދިވެއްްސާއި އިސްލާމް އެ ދަރިވަރުންގެ ފޭވަރިޓް ސަބްޖެކްޓަކަށް ވަނީ އިނގިލިން ގުނާލެވޭ ވަރުގެ މަދު ދަރިވަރުންގެ އެވެ. އޭގެ ބައެއް ސަބަބުތަކަށް ގޮސް، ޓީޗަރުން ބުނާ ގޮތުގައި ކިޔަވައިދިނުމުގައި ހުރި މައްސަލަތަކާއި ބުނާ އެއްޗެއްގެ މާނަ ފަހުމް ނުވުމާއި އުނދަގޫވުމާއި ސިލަބަސް ކަވަރުކުރާ ގޮތުގެ މައްސަލަތަކާއި ޝައުގުވެރި މައުލޫމާތުތައް ނުހުރުން ހިމެނެ އެވެ. ހަމަ އެހެންމެ، އެންމެ ތުއްތު އިރުއްސުރެ ވެސް ކުއްޖާ އޭގެ ތެރެއަށް ގަންބުވާލުމަށް ކުރެވޭ މަސައްކަތްތައް ވެސް ގޭތެރެއިން ފެށިގެން ވެސް މާ މަދީ އެވެ.

ޕްރީ ސްކޫލް ކުދިންތަކެއް ސްކޫލްގައި

ޕްރީ ސްކޫލް ކުދިންތަކެއް ސްކޫލްގައި

"ދިވެހި ކިޔަވަން ގިނަފަހަރު މި ފަށަނީ ގްރޭޑް އެކެއްގައި. އެއީ ކުއްޖާގެ އުމުރުން 6 އަހަރު. އޭގެ ކުރިން އޭނާ ގޭގަ އާއި ނާސަރީގައި މުޅިންހެން މި އުޅެނީ އިނގިރޭސި ބަސްތަކުގެ ތެރޭގައި. ކުދިން ދިވެހި ބަހަށް ދަށްވާ އެއް ސަބަބަކީ މިއީ،" ސްކޫލެއްގެ ޕްރިންސިޕަލަކު، ނަން ނުޖަހަން އެދިވަޑައިގެން ވިދާޅުވި އެވެ.

"ބުކްޝޮޕަކަށް ވަނަސް މި ފެންނަނީ މުޅިންހެން އިނގިރޭސި ބަހަށް ފަރިތަކުރާނެ މެޓީރިއަލްސް. އޭގެ ފޮތްތައް. ދިވެހި ބަހަށް ޝައުގުވެރިކުރުވަން މި ހުންނަނީ އިނގިލިން ގުނާލެވޭވަރުގެ މަދު އެއްޗެއް. ދެތިން ހަތަރު ވާހަކަ ފޮތެއް. އެހެން ނޫނީ އެކި އުމުރާ ގުޅޭ ރީޑިން މެޓީރިއަލްއެއް ނުހުރޭ."

ދިވެހި ބަހާ ބެހޭ ވަރަށް އަގުހުރި ދިރާސާތަކެއް ކުރައްވާފައިވާ، އަދި ޓީޗަރުން ތަމްރީނު ކުރެއްވުމުގައި ވެސް އުޅުއްވާ ބޭފުޅަކު ވިދާޅުވި ގޮތުގައި، އޭނާގެ ދަރިން ވެސް ވާހަކަ ދައްކަނީ އިނގިރޭސިބަހުންނެވެ. އެއީ ކީއްވެތޯ ދެންނެވުމުން އޭނާ ވިދާޅުވީ، އުޅެބޮޑުވާ މާހައުލާއި ގޭތެރޭގައި ވެސް އެކަން އެގޮތަށް ވަނީ ކަމަށެވެ.

"ޓީވީން ވެސް މި ފެންނަނީ އިނގިރޭސިބަހުން ހުންނަ އެއްޗެހި،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެއީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑު ވެސް ގަބޫލުކުރަން މި ޖީލު ދިވެހި ބަހާ އެބަ ވަރަށް ބޮޑަށް ދުރަށް ދާކަން."

އެއީ ވަރަށް ބޮޑު ތެދެކެވެ. މިއީ ގައުމީ ފެންވަރުގައި ވިސްނަން ޖެހިފައި އޮތް މައްސަލައެކެވެ. ސްކޫލަށް ދަރިވަރު ކިޔަވަން ވަނުމުގެ މާކުރިން އެކަމަށް ޝައުގުވެރިކަން ނުއުފެއްދިއްޖެ ނަމަ ސްކޫލުން ކުރެވޭނެ މާ ބޮޑު ކަމެއް ނޯވެ އެވެ. މިއީ ތައުލީމީ ދާއިރާ އެއްކޮށްގެން އިއްތިފާގުވާ ކަމެކެވެ.

"ނާސަރީ ނިންމާއިރު އެ ކުއްޖާ ހުންނަނީ އިނގިރޭސި ބަހަށް ފަރިތަވެފައި. ގޭގައި ޓީވީއެއް ހުޅުވިޔަސް ކާޓޫން ވެސް އިނގިރޭސިން. ފޮތެއް ވިޔަސް އިނގިރޭސިން. މަންމަ، ބައްޕަ ވެސް އިނގިރޭސިން ވާހަކަ ދައްކާނީ. އެހެންވެ، އެ ޅަ ސިކުނޑިތައް ގިނަ ފަހަރު ބައްޓަން ވާނީ އެ މާހައުލެއްގައި ހިނގާ ކަންކަމަށް. އެއިން ކުއްޖަކަށް ދިވެހި ބަހުން ވާހަކަ ދައްކާލަން ނޭނގެ،" ޕްރިންސިޕަލް ވިދާޅުވި އެވެ.

ކިޔަވާކުދިންތަކެއް ސްކޫލްގައި: ދިވެހި ބަހަށް ދޭ ސަމާލުކަން ބޮޑުކުރަން ޖެހޭ-- ފައިލް ފޮޓޯ

ކިޔަވާކުދިންތަކެއް ސްކޫލްގައި: ދިވެހި ބަހަށް ދޭ ސަމާލުކަން ބޮޑުކުރަން ޖެހޭ-- ފައިލް ފޮޓޯ

"އެކަމަކު މީގައި ފާހަގަކުރަން ޖެހޭ އަނެއް ކަމަކީ ވަރަށް ގިނަ ކުދިން މެދުމަދުރަސީ ތައުލީމަށް އަންނަ އިރު ގުރުއާން ކިޔަވަން އިނގޭ. ސަބަބަކީ އެ ކުދިންނަށް ގޭގައި ގުރުއާން ކިޔަވައިދޭތީ އެންމެ ޅަ އުމުރުން ފެށިގެން. ވަރަށް ގިނަ ކުދިންނަށް ގުރުއާން ޓިއުޝަން ނަގައިދޭ. އޭގެ މާނައަކީ އޭރުން ފެށިގެން އެ ކުދިން ހާނަން ބޭނުންވާގޮތަކަށް އެބަ ހޭނެއޭ."

މުހިއްޔުއްދީން ސްކޫލްގެ ދިވެހި އަދި އިސްލާމް ޓީޗަރު ޝިމްލާ ނަޖީބު ވެސް މިކަމާ އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ، ބައެއް ފަހަރު ބެލެނިވެރިން ވެސް އިސްކަން ދެނީ ދިވެހިން ކުއްޖާ އަށް ވާހަކަ ދެއްކުމުގެ ބަދަލުގައި އިނގިރޭސި ބަސް ދަސްކޮށް ދިނުމަށް ކަމަށެވެ. އަދި އިނގިރޭސި ބަސް އެނގުމަކީ ވަރަށް މޮޅު ކަމެއްގެ ގޮތުގައި ބައެއް ފަހަރު ބެލެނިވެރިންނަށް ވެސް ހީވެ އެވެ.

"މިހާރު ގްރޭޑް 1 އަށް އަންނަ ކުދިންނަށް އެންމެ ފުރަތަމަ މި ޖެހެނީ ދިވެހިން ވާހަކަދައްކަން ދަސްކޮށްދޭން. ބޭރުގެ މީހުން ދިވެހި ބަހުން ވާހަކަ ދައްކާ ގޮތަށް ގިނަ ކުދިން ދިވެހިން ވާހަކަ ދައްކަނީ ވެސް. މިއީ ވަރަށް ބޮޑު މައްސަލައެއް. މި މައްސަލަ އެއް ދުވަހުން އަނެއް ދުވަހަށް ވަނީ އިތުރު،" އޭނާ ވިދާޅުވި އެވެ.

ދިވެއްސާއި އިސްލާމަށް ބޭނުންވާ އެކި ބާވަތުގެ މެޓީރިއަލް އުފެއްދުމަކީ ގައުމީ ފެންވަރެއްގައި ކެމްޕޭނެއް ހިންގަން ޖެހިފައިވާ ކަމެކެވެ. ދިވެހި ބަހުގެ އެކަޑަމީ އާއި އެޑިއުކޭޝަން މިނިސްޓްރީން ވެސް މިކަމާ ދޭތެރޭ ފުންކޮށް ވިސްނަން ޖެހެ އެވެ. ޓެކްނޮލޮޖީ އާ އެކު އެހެން މާއްދާތަކުގެ ޒަމާނީ ރީޑިން/ ލާނިން މެޓީރިއަލްތައް އުފައްދަމުން އަންނަ އިރު ދިވެހި ބަހުގެ އުފެއްދުންތައް މިއޮތީ ވަރަށް ފަހަތުގަ އެވެ.

ޝިމްލާ ވިދާޅުވީ، މި މައްސަލަ ދިމާވަނީ ކުދިން ކުޑަ އިރު އެ ކުދިންނާ ދިވެހި ބަހުން ވާހަކަ ދައްކާވަރު މަދުވުމާއި ދިވެހި ބަހާ ގުޅޭ މައުލޫމާތުތައް ކިޔައިނުދެވޭތީ ކަމަށެވެ. އޭނާ ވިދާޅުވީ، މިއީ ޓެކްނޮލޮޖީގެ ޒަމާނަކަށް ބަލާއިރު، ދިވެހި ބަހާ ގުޅޭ ވީޑިއޯ އާއި ކުޑަކުދިންގެ ލަވަތައް ވެސް މަދު ކަމަށެވެ.

"ވަރަށް ފަހުރުވެރިވެފައި ބައެއް ބެލެނިވެރިން ބުނާނެ އޭނާގެ ދަރިފުޅަށް ދިވެހިން ވާހަކަ ދައްކާކަށް ނޭންގެއޭ. އޭނައަށް އެނގެނީ އިނގިރޭސި ބަހުންނޭ ވާހަކަ ދައްކަން،" އޭނާ ވިދާޅުވި އެވެ.

ދެވަނަ މައްސަލަ: އޮޅުންބޮޅުން

ދިވެހި/ އިސްލާމް މާއްދާ ކިޔަވާ ހިތް ނުވަނީ ކީއްވެގެންތޯ އެކި ގްރޭޑްގެ ދަރިވަރުން ކައިރީގައި އެހުމުން ދެނީ އެކި ޖަވާބެވެ.

"ކިޔަވާ އެއްޗެއް ސާފެއް ނުވޭ،" އެއް ދަރިވަރަކު ބުންޏެވެ.

ދަރިވަރުން ސްކޫލްގައި: ދިވެހި ބަހުން ލިޔެފައި ހުންނަ ފޮތްތައް އިތުރު ކުރަން ޖެހޭ-- ފައިލް ފޮޓޯ

ދަރިވަރުން ސްކޫލްގައި: ދިވެހި ބަހުން ލިޔެފައި ހުންނަ ފޮތްތައް އިތުރު ކުރަން ޖެހޭ-- ފައިލް ފޮޓޯ

އެހެން ކުއްޖަކު ބުނި ގޮތުގައި، "ދިވެހި ބަސް މާ ކޮމްޕްލިކޭޓް"އީ އެވެ.

ގްރޭޑް 10ގައި މި އަހަރު ކިޔެވި ދަރިވަރަކު ބުނިގޮތުގައި ދިވެހި ފޮތުގައި ހުންނަ ބައެއް އެއްޗެހި ފަހުމް ނުވާތީ، އެހުމުން ޓީޗަރަށް ވެސް ޖަވާބު ނުދެވޭ ބައެއް އެއްޗެހި އެބަހުއްޓެވެ.

"ދަރިވަރަކު އަހައިފާނެ ކޮންމެފަދަ ސުވާލެއް ވެސް. އެއަށް ޖަވާބު ދެވޭ ވަރަށް ޓީޗަރު ހުންނަން ވާނީ ތައްޔާރުވެފައި. އެކަމަކު ދިވެހި/ އިސްލާމް މި ދެ މާއްދާގައި މި އޮންނަ ކަމަކީ، ފޮތުގައި އޮންނަ އެއްޗަކަށް ވުރެ ފުޅާކޮށް ކިޔައެއްނުދެވޭ،" ޓީޗަރަކު ބުންޏެވެ.

"ފޮތުގައި އޮންނަ އެއްޗެއް ކިޔަވައިދެނީ. ޓޮޕިކްތަކަށް ޝައުގުވެރިކަން އުފައްދަން އިތުރު މައުލޫމާތެއް ކިޔައެއް ނުދޭ. އެންމެން ވެސް ގަބޫލުކުރަން ޖެހޭ ކަމެއް އެއީ ދިވެހި މާއްދާ އަކީ ވަރަށް އޮޅުންބޮޅުން ގިނަ ކަންކަން ހިމެނޭ މާއްދާއެއްކަން. ބައެއް ކަންކަން ވަރަށް ތަފުސީލުކޮށް ކިޔައިދޭން ޖެހޭކަން. އެ ތަފުސީލު ނުކޮށްދީ، ޕޭޕަރު ނުބައިކޮށް ހެދީމަ އޭގައި ނުބައި ފާހަގަ ޖެހީމަ ކުއްޖާ ދެން ކިޔަވާހިތެއް ނުވާނެ."

އޭނާ ބުނި ގޮތުގައި، ގްރޭޑް 1 އިން ފެށިގެން 10 އަހަރު ދުވަހު ކިޔަވާ ނިމޭއިރު ވެސް، ރަނގަޅަށް ސުކުން ކުރަން ނޭނގި އޮޅުމެއްގެ ތެރޭގައި ދަރިވަރު އިންނަން ޖެހުމަކީ ކިޔަވައިދިނުމުގައި އޮތް ވަރަށް ބޮޑު މައްސަލައެކެވެ.

"މިހިރީ ވަރަށް ސިމްޕަލް ކަންކަން. އޮފީހަކަށް ވަންނަ އިރު ވެސް ދަރިވަރަށް ރަނގަޅަށް ސިޓީއެއް ލިޔެލަން ނޭނގުމަކީ ދެރަވަރު ކަންކަން. ރީތި ސާފު އިބާރާތުން ޖުމްލައެއް ލިޔެލަން ނޭނގުމަކީ ވަރަށް ބޮޑު މައްސަލައެއް، އަދި ތައުލީމީ ނިޒާމުގެ އިހުމާލެއް. މި ދެންނެވީ 10 އަހަރު ސްކޫލުގައި ކިޔަވައިދޭ އިރު ވެސް އެވަރުކޮށްލަން ނޭނގެއޭ."

ދިވެހި ބަސް ކިޔަވައިދެއްވާ ލެކްޗަރާއެއް ވިދާޅުވި ގޮތުގައި އެއް މައްސަލައަކީ ދިވެހި ބަސް ކިޔަވައިދޭ ގޮތެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި ކިޔަވައިދެނީ އިނގިރޭސި ބަސް ވެސް ކިޔަވައިދޭ ގޮތަށެވެ.

"އެކަމަކު އިނގިރޭސިބަހަކީ ގަވައިދު ހިމަނައިގެން ކިޔަވައިދޭ އެއްޗެއް ނޫން. ދިވެހި ބަސް ކިޔަވައިދޭ އިރު ދަރިވަރުން ޝައުގުވެރިކަން އުފެއްދިދާނެ އެއް ގޮތް ކަމަށް އަޅުގަނޑަށް ފެންނަނީ ގަވައިދު ރަނގަޅަށް ކިޔަވައިދިނުން. އަދި އިނގިރޭސި ކިޔަވައިދޭ ގޮތް ނޫން ގޮތަކަށް ކިޔަވައިދިނުން. މިސާލަކަށް އަރަބި ނުވަތަ ސަންސްކްރިތު ކަހަލަ ބަސްތައް ކިޔަވައިދޭ ގޮތަށް ކިޔަވައިދެވިދާނެ. އަރަބި ބަސް ކިޔަވައިދޭ އިރު ވަރަށް ބޮޑަށް އޭގެ ގަވައިދުތައް އެބަ ކިޔަވައިދޭ،" އޭނާ ވިދާޅުވި އެވެ.

ހަމަ އެގޮތަށް އޭނާ ފާހަގަކުރެއްވި އަނެއް ކަމަކީ ޓީޗަރުންނަށް ދިވެހި ބަހުގެ ގަވައިދު ރަނގަޅަށް އޮޅުންފިލައިފައި ނުތިބުމެވެ.

"މީގައި މައްސަލައަކީ ދަރިވަރުން ކުރާ ބައެއް ސުވާލުތަކަށް ބައެއް ޓީޗަރުންނަށް ޖަވާބު ވެސް ނުދެވުން. މިސާލަކަށް ދަރިވަރު އަހައިފާނެ ކީއްވެހޭ ށަވިޔަނީގައި ސުކުން ކުރެވެނީ. ޓީޗަރު ބުނާނެ އެއީ ކަމަށް ކަމަށޭ ކިޔޭތީއޭ. އެކަމަކު ށަނިޔަނީގައި ސުކުން ކުރެވޭ ހަ ސަބަބެއް އެބައޮވޭ. އެކަން ޓީޗަރުންނަކަށް ނޭނގެ،" އޭނާ ވިދާޅުވި އެވެ.

ތިން ވަނަ މައްސަލަ: ދިރިއުޅުމަށް މުހިންމު ނުވުން

ގްރޭޑް 10 އެއްގައި ކިޔަވަމުން އަންނަ ބުނި ގޮތުގައި ދިވެހި ވެސް، އަދި އިސްލާމް މާއްދާ ވެސް އެވަރަށް ކިޔެވުމުގެ ބޭނުމެއް ނެތެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ދިވެހި/ އިސްލާމް ކިޔަވަންވީ ކިރިޔާ އުޅެލެވޭ ވަރަށެވެ.

"އަޅުގަނޑު ބޭނުންވަނީ ޑޮކްޓަރަކަށް ވާން. އެހެންވީމަ، އެންމެ ބޮޑު އިސްކަމެއް ދެނީ ސައިންސް ސަބްޖެޓްތަކުން ރަނގަޅު މާކްސް ހޯދަން. އިސްލާމް ދިވެއްސަށް ވެސް މަސައްކަތް ކުރަން. އެކަމަކު އެންމެ ބޮޑު އިސްކަމެއް ދެނީ ސައިންސް ސަބްޖެކްޓްތަކަށް،" އެ ދަރިވަރު ބުންޏެވެ.

ކުދިންތަކެއް ސްކޫލަށް ވަންނަނީ: ދިވެހި ބަސް ކިޔަވައިދޭ ގޮތް ބަދަލުކުރަން ޖެހޭ

ކުދިންތަކެއް ސްކޫލަށް ވަންނަނީ: ދިވެހި ބަސް ކިޔަވައިދޭ ގޮތް ބަދަލުކުރަން ޖެހޭ

އޯލެވެލްގައި ބައިވެރިވި އެހެން ދަރިވަރަކު ބުނި ގޮތުގައި، ދިވެހި/ އިސްލާމްގައި އޮތް އެންމެ ބޮޑު އަނެއް މައްސަލައަކީ، ކިތަންމެ ވަރަކަށް ކިޔެވިޔަސް ރަނގަޅު މާކްސްއެއް ނުލިބުމެވެ. ދަރިވަރުން އެ ދެ މާއްދާ އަށް މޯޓިވޭޓް ކުރުމަށް ރަނގަޅު މާކްސްއެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ދެކެ އެވެ.

"ކިތަންމެ ވަރަކަށް ކިޔެވިޔަސް އެބަ އެނގޭ އޭ ސްޓާ ނުލިބޭނެ ކަން. އެކަމަކު އެހެން މާއްދާތަކަށް މަސައްކަތް ކުރީމަ އެބަ އެނގޭ އޭ ސްޓާ ލިބޭނެކަން. ފެށުނީއްސުރެ ގިނަ ކުދިންނަށް ވިސްނިފައި އޮންނަނީ އިސްލާމާއި ދިވެހިން އެންމެ މަތިން ވެސް ލިބޭނީ ބީއެކޭ. އެހެންވެ ސީއެއް ލިބުނަސް އެއީ ރަނގަޅު ނަތީޖާއެއް ކަމަށް ފުއްދާލައިގެން ތިބެނީ،" އެ ދަރިވަރު ބުންޏެވެ.

"އަނެއްކޮޅުން ކެރިޔާ އަށް އެހާ މުހިއްމު ދެ މާއްދާއެއް ނޫން ކަން ދަރިވަރުންނަށް އެބަ އެނގޭ. އަޅުގަނޑުގެ ގިނަ ރައްޓެހިން ގަބޫލުކުރަނީ ދިވެހި ބަހުން ވާހަކަ ދައްކާލަން އެނގުނީމަ އޯކޭއޭ."

ޝިމްލާ ވިދާޅުވި ގޮތުގައި، ކިޔަވާ ކުދިން ދިވެހި މާއްދާ އަށް ޝައުގުވެރިކަން ނުހުންނަ ސަބަބުތައް ވަރަށް ގިނަ އެވެ. އޭނާ ވިދާޅުވީ، އެންމެ މުހިއްމު އެއް ސަބަބަކީ، ދިވެހި/އިސްލާމަކީ ވަރަށް ފަސޭހަ މާއްދާތަކުގެ ގޮތުގައި ދެކި އެ މާއްދާތަކަށް ދޭ ސަމާލުކަން ކުޑަވުމެވެ.

"ދަރިވަރުން ވެސް ވަރަށް ފަސޭހަކޮށް އެ މާއްދާ ނަގަނީ. ބެލެނިވެރިންނަށް ވެސް ވަނީ އެހެން. އަބަދުވެސް އިސްކަން ދޭނީ އެހެން މާއްދާތަކުން ކުދިންނަށް ޓިއުޝަން ދޭން،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިސްލާމަށް ވެސް ކުދިންގެ ޝައުގުވެރިކަން ގެއްލެނީ ދިވެހި ބަހަށް އޮންނަ ޝައުގުވެރިކަން ކުޑަވުމުން ކަމަށެވެ. ބަހަށް އޮންނަ ޝައުގުވެރިކަން އިތުރު ކުރަން އެހެން ބައެއް މާއްދާތައް ވެސް ދިވެހި ބަހުން ކިޔަވައިދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި/އިސްލާމް މާއްދާ އަށް ދަރިވަރުން ދޭ ސަމާލުކަން ކުޑަކަން އެންމެ ބޮޑަށް އިނގެނީ އެސްއެސްސީ އިމްތިހާނުގައި ދަރިވަރުން ހޯދާ ނަތީޖާ އިންނެވެ. އެހެން ބައެއް މާއްދާތަކުން އޭސްޓާތައް ހޯދާ އިރު، ދިވެހި/އިސްލާމް އުޅެނީ ވަރަށް ފަހަތުގަ އެވެ.

މިއީ ސީރިއަސް މައްސަލައެކެވެ. އެކަމަކު މިކަން ސީރިއަސް ވާނީ ކަމާ ބެހޭ ފަރާތްތަކުން މިކަން ސީރިއަސް ކަމަށް ހެދިއްޔާ އެވެ.