Roadha Mihaaru
ހެލްތު ލެބޯޓްރީ އަޅަން 299މިލިއަންގެ ލޯނެއް ނަގައިފި

ނެޝަނަލް ހެލްތު ލެބޯޓްރީ އަޅަން 299 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

22 ޖޫން 2022

ނެޝަނަލް ހެލްތު ލެބޯޓްރީ އަޅަން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 19.4 މިލިއަން ޑޮލަރު (299 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ނެޝަނަލް ހެލްތު ލެބޯޓްރީ އަޅަން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 19.4 މިލިއަން ޑޮލަރު (299 މިލިއަން ރުފިޔާ)ގެ ލޯނެއް ސަރުކާރުން ނަގައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ލޯނު ނެގީ ލެބޯޓްރީ އާއި އަތޮޅު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ހެދުމަށް ކަމަށެވެ. އެ ލޯނަކީ ކޮންސެޝަނަލް ލޯނެއް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ފިނޭންސް މިނިސްޓްރީ ޓުވީޓް

އެ ލޯނުގެ އިންޓްރެސްޓް ރޭޓާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. ކޮންސެޝަނަލް ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ކުޑަ ލޯނުތަކެވެ. އަދި އާންމުގޮތެއްގައި މިފަދަ ލޯނުތައް އަދާކުރުމުގައި ހާއްސަ ގޮތްތަކެއް ކަނޑައަޅާނެ އެވެ.

ފިނޭންސް މިނިސްޓްރީން މި ލޯނު ނެގި އިރު މިދިޔަ ހަފުތާގައި ތިން ބޭންކެއް މެދުވެރިކޮށް ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތަށް ސަރުކާރުން ވަނީ 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފަ އެވެ.

ދުނިޔޭގެ އިގްތިސާދުގައި ތަކެތީގެ އަގުތައް އުފުލި، އިގްތިސާދީ ކާރިސާއެއްގެ މަލަމަތި ފެންނަމުންދާ މި ހާލަތުގައި ސަރުކާރުން ވަނީ ތަރައްގީގެ އާ ޕްރޮޖެކްޓްތަކަށް ލޯނު ނުނަގާނެ ކަން އިއުލާނުކޮށްފަ އެވެ. އަދި ހަރަދުތައް ކުޑަ ކުރަން ސަރުކާރުން ހާއްސަ ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ.

އަލަށް ނެގި ލޯނާ އެކު މި ސަރުކާރުން މިހާތަނަށް ނެގި ދަރަނީގެ އަދަދު 38 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ ލޯނުގެ ގޮޮތުގައި 37 ބިލިއަން ރުފިޔާ އާއި ސޮވެރިން ގެރެންޓީގެ ގޮތުގައި ނެގި 1.1 ބިލިއަން ރުފިޔާ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދަރަނީގެ ގޮތުގައި 39 ބިލިއަން ރުފިޔާ ނެގި އެވެ. އެއީ ލޯނުގެ ގޮތުގައި ނެގި 26.5 ބިލިއަން ރުފިޔާ އާއި ސޮވެރިން ގެރެންޓީގެ ގޮތުގައި ނެގި 12.6 ބިލިއަން ރުފިޔާ އެވެ. ދައުލަތުގެ ދަރަނި މި އަހަރު ނިމޭއިރު 103 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވެ އެވެ. މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 112 ޕަސެންޓެވެ. ނަމަވެސް އަހަރު ދެބައި ނުވަނީސް ދައުލަތުގެ ދަރަނި މިހާރު ހުރީ 99 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.

އަހަރުން އަހަރަށް ދައުލަތުގެ ދަރަނި އިތުރުވާ އިރު ދަރަނި އަދާކުރަން ސަރުކާރުން ހޭދަކުރާ ވަރު ވެސް އަންނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މި އަހަރު ދައުލަތުން 5.7 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރާނެ އެވެ. އެންމެ ކައިރި މުސްތަގްބަލެއްގައި ދައުލަތުން ދަރަނި އަދާކުރަން އެންމެ ބޮޑު ހޭދަކުރާނީ 2026 ވަނަ އަހަރު އެވެ. އެ އަހަރު ދައުލަތުން ގާތްގަނޑަކަށް 9.2 ބިލިއަން ރުފިޔާ ދަރަނި އަދާކުރަން ހޭދަކުރަން ޖެހޭނެ އެވެ.