Roadha Mihaaru
ނެގި ލޯނުތަކަށް 450 މިލިއަން އަނބުރާ ދައްކައިފި

ނެގި ލޯނުތަކަށް 450 މިލިއަން ރުފިޔާ އަނބުރާ ދައްކައިފި

19 ފެބުރުއަރީ 2024

ދަރަނި އަދާކުރުމަށް ދައުލަތުން 450 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ދަރަނި އަދާކުރުމަށް ދައުލަތުން 450 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުން ސަރުކާރުން ނެގި ލޯނުތަކަށް އެކަނި 2.2 ބިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހެ އެވެ. އެހެންވެ، ދޮޅު މަސް ތެރޭ މިވަނީ، ޖުމްލަ ދައްކަން ޖެހޭ އަދަދުގެ 20 ޕަސެންޓު ދައްކައިފަ އެވެ.

ދަރަނި އަދާކުރަން މި އަހަރު ޖުމްލަ 6.3 ބިލިއަން ރުފިޔާ ދައުލަތުން ހޭދަކުރަން ޖެހެ އެވެ. އަދި އަންނަ އަހަރު ދަރަނި އަދާކުރަން 8.7 ބިލިއަން ރުފިޔާ އަންބުރާ ދައްކަން ޖެހެ އެވެ. އަދި އެންމެ ބޮޑު ދަރަނި އަދާކުރަން ޖެހޭ 2026 ވަނަ އަހަރު 15 ބިލިއަން ރުފިޔާ ދަރަންޏަށް އަނބުރާ ދައްކަން ޖެހެ އެވެ.

ދައުލަތުގެ ޖުމްލަ ދަރަނި މިހާރު ހުރީ 124 ބިލިއަން ރުފިޔާގަ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 100 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.

މިދިޔަ ސަރުކާރުން އެކަނި ނެގި ދަރަނީގެ އެންމެ ބޮޑު ބައެއް އިންޑިއާ އެގްޒިމް ބޭންކަށް ދައްކަން ޖެހޭ އިރު ޖުމްލަ ނެގި ލޯނުގެ އަދަދު ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާ އަށް އަރަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު ބޭންކް (އެގްޒިމް ބޭންކު) އިން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) ވެސް ހިމެނެ އެވެ.

އެންމެ ބޮޑު އަދަދެއް ނަގާފައިވަނީ ވިލިމާލެއިން ގުޅީފަޅާ ހަމައަށް ބްރިޖަކުން ގުޅައިލުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށެވެ. އެ މަޝްރޫއަށް 400 މިލިއަން ޑޮލަރު (6.1 ބިލިއަން ރުފިޔާ) ގެ ލޯނެއް ނެގި އެވެ.