Roadha Mihaaru
ހުމާއި ރޯގާ ގިނަވެ އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް

ހުމާއި ރޯގާ ގިނަވެ އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް

24 ޖޫން 2022

ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހަދައި އެފަދަ ބަލި މީހުން ފްލޫ ކްލިނިކަށް ދިއުމަށް އެ ހޮސްޕިޓަލުން އެދިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހަދައި އެފަދަ ބަލި މީހުން ފްލޫ ކްލިނިކަށް ދިއުމަށް އެ ހޮސްޕިޓަލުން އެދިއްޖެ އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ބުނީ، ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ދާ ބަލި މީހުންގެ އަދަދު އިތުރުވެ، އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ތަނުން ހިދުމަތް ދޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. ހުމާއި ރޯގާ އަދި ކެއްސުމުގެ އަލާމާތެއް ހުންނަ މީހުންނަށް ފްލޫ ކްލިނިކެއް ހާއްސަކުރިއިރު މި ދުވަސްވަރު އަނެއްކާ ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މީގެ ކުރިން ވެސް ކޮވިޑްގެ ކޭސްތައް އިތުރުވި ދަނޑިވަޅުގައި އައިޖީއެމްއެޗުން ވަނީ ފްލޫ ކްލިނިކްގެ ހިދުމަތް ދީފަ އެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މި ދުވަސްވަރު އާންމު ރޯގާތައް ޖެހޭ މީހުންގެ އަދަދު ވެސް އިތުރެވެ. އެންމެ ފަހުން އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ މޭ މަހު 13،361 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި އެވެ. އަދި 185 މީހަކަށް ޑެންގޫ ޖެހުނުއިރު ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން 1824 މީހަކު ފަރުވާ ހޯދި އެވެ.

އާންމު ބަލިތައް މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެ ހޮސްޕިޓަލުތަކަށް ވެސް ވަރަށް ބާރުބޮޑެވެ.