Roadha Mihaaru
އަންނަ އަހަރުގެ އެފްރިކާ ކަޕް 2024 އަށް ފަސްކޮށްފި

އަންނަ އަހަރުގެ އެފްރިކާ ކަޕް 2024 އަށް ފަސްކޮށްފި

04 ޖުލައި 2022

މޮރޮކޯ (ޖުލައި 4) - އަންނަ އަހަރުގެ ޖޫން/ޖުލައި މަހު އައިވަރީ ކޯސްޓުގައި ބާއްވަން ހަމަޖައްސާފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސް 2024 ވަނަ އަހަރުގެ ޖެނުއަރީ/ފެބްރުއަރީ އަށް ބަދަލުކޮށްފި އެވެ.

މޮރޮކޯ (ޖުލައި 4) - އަންނަ އަހަރުގެ ޖޫން/ޖުލައި މަހު އައިވަރީ ކޯސްޓުގައި ބާއްވަން ހަމަޖައްސާފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސް 2024 ވަނަ އަހަރުގެ ޖެނުއަރީ/ފެބްރުއަރީ އަށް ބަދަލުކޮށްފި އެވެ.

މުބާރާތް ފަސްކުރީ ކޮންމެ އަހަރެއްގެ ވެސް ޖޫން އަދި ޖުލައި މަހަކީ އައިވަރީ ކޯސްޓަށް މޫސުން ގޯސް ދުވަސްވަރަކަށް ވުމާ އެކު އެދުވަސްވަރު މުބާރާތް ބާއްވަން އުނދަގޫވާނެތީ އެވެ.

މުބާރާތް ފަސްކުރިކަން ރަސްމީކޮށް އިއުލާންކުރެއްވީ އާދީއްތަ ދުވަހު މޮރޮކޯގައި ބޭއްވި ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލްގެ ބައްދަލުވުމުގައި އެ ފެޑެރޭޝަނުގެ ރައީސް ޕެޓްރިސް މޮޓްސެޕޭ އެވެ.

"ޖެނުއަރީ އަކީ މުބާރާތް ބާއްވަން އެންމެ ރަނގަޅު ދުވަސްވަރެއް ނޫން. ސަބަބަކީ އެދުވަސްވަރު ޔޫރަޕްގެ ކްލަބްތަކަށް ކުޅުންތެރިން ދޫކުރަން އުނދަގޫވޭ. އެކަމަކު މިފަހަރު ނެތް ރިސްކް ނެގޭކަށް. އޮތް ހަމައެކަނި ގޮތަކީ މުބާރާތް ފަސްކުރުން،" ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބައިވެރިވެވަޑައިގަތް ބައްދަލުވުމުގައި އެފްރިކާ ފުޓްބޯޅައިގެ ރައީސް ވިދާޅުވި އެވެ.

މިއަހަރުގެ ނޮވެމްބަރ/ޑިސެމްބަރު މަހު ގަތަރުގައި ފީފާ ވޯލްޑް ކަޕް އޮންނާތީ އެފްރިކަން ފުޓްބޯޅަ ފެޑެރޭޝަނުން ބޭނުންވީ މުބާރާތް އިތުރަށް އަވަސްނުކޮށް 2024 އަށް ފަސްކުރާށެވެ. އެފްރިކަން ކަޕް ކެމަރޫންގައި މިއަހަރު ބޭއްވީ ޖެނުއަރީ/ފެބްރުއަރީ މަހު އެވެ.

ތާރީހަށް ގެނައި ބަދަލާ އެކު 2024 ވަނަ އަހަރު ވެސް ޔޫރަޕްގެ ކްލަބްތަކަށް ކުޅުންތެރިން ވީއްލުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާނެ އެވެ. 2017 ވަނަ އަހަރު އެފްރިކަން ފެޑެރޭޝަނުން ނިންމީ ޔޫރަޕްގެ ފުޓްބޯޅަ ސީޒަނުގެ މެދުތެރޭގައި މުބާރާތް ބާއްވަން ޖެހޭތީ ޖޫން/ޖުލައި ގައި މުބާރާތް ބޭއްވުމަށެވެ. އެފްރިކަން ކަޕް ޖެނުއަރީ މަހު ބާއްވާތީ ބައެއް ކްލަބްތަކުގެ މުހިއްމު ކުޅުންތެރިން ގައުމީ ޓީމަށް ދޫކުރަން ދެކޮޅުހަދަ އެވެ. މިއަހަރުގެ މުބާރާތުގައި ވެސް ބައެއް ގައުމުތަކުން މުބާރާތުގައި ވާދަކުރީ މުހިއްމު ކުޅުންތެރިން ނުލަ އެވެ.

އެފްރިކަން ފުޓްބޯޅަ ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ވެރޯން މޮސެންގޯ-އޮމްބާ ވިދާޅުވީ 2024 ވަނަ އަހަރުގެ މުބާރާތް ޖެނުއަރީ މަހަށް ބަދަލުކުރިޔަސް ދާއިމީ ގޮތެއްގައި މުބާރާތް އެދުވަސްވަރަށް ބަދަލު ނުކުރާނެ ކަމަށެވެ.

އައިވަރީ ކޯސްޓުގެ މޫސުމަށް ބަލައި މުބާރާތް ފަސްކުރުން ދިގުލައިގެން ދިޔައީ ކީއްވެތޯ ކުރި ސުވާލަށް ރައީސް މޮޓްސެޕޭ ސީދާ ޖަވާބެއް ނުދެއްވަ އެވެ. މޮޓްސެޕޭ ވިދާޅުވީ އެގޮތަށް ނިންމީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުގެ މަޝްވަރާއާ އެކު ކަމަށެވެ.

ބައްދަލުވުމުގައި އެފްރިކަން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ އެ ސަރަހައްދުގެ ވިމެންސް އެފްރިކަން ކަޕާ ގުޅޭގޮތުންނާއި އެފްރިކަން ސުޕަ ލީގު ބޭއްވުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.