Roadha Mihaaru
އައިވަރީކޯސްޓަށް ކޯޗު ދޫކޮށްލަން ފްރާންސުން ދެކޮޅު

އައިވަރީ ކޯސްޓަށް ޗެމްޕިއަން ކޯޗު ދޫކޮށްލަން ފްރާންސުން ދެކޮޅު

28 ޖެނުއަރީ 2024

އަބިޖާން (ޖެނުއަރީ 28) - އައިވަރީ ކޯސްޓަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދައި ދިން ހާވް ރެނާޑް، ލޯނު އުސޫލުން ދޫކޮށްލަން އެ ގައުމުން އެދުމުން ފްރާންސުން ދެކޮޅު ހަދައިފި އެވެ.

އަބިޖާން (ޖެނުއަރީ 28) - އައިވަރީ ކޯސްޓަށް އެފްރިކާގެ ޗެމްޕިއަންކަން ހޯދައި ދިން ހާވް ރެނާޑް، ލޯނު އުސޫލުން ދޫކޮށްލަން އެ ގައުމުން އެދުމުން ފްރާންސުން ދެކޮޅު ހަދައިފި އެވެ.

މުބާރާތް ބާއްވާ ގައުމު އައިވަރީ ކޯސްޓުން ވަނީ، ގުރޫޕް ސްޓޭޖު ނިމުމުގެ ކުރިން އެ ޓީމުގެ ކޯޗަކަށް ހުރި ޖޯން ލުއީ ގަސެޓް މަގާމުން ވަކި ކޮށްފަ އެވެ.

އައިވަރީ ކޯސްޓަށް 2015 ގެ މުބާރާތް ކާމިޔާބު ކޮށްދިން ރެނާޑް ލޯނު އުސޫލުން ގެންދަން އެ ގައުމުން ބޭނުންވި ނަމަވެސް، ފްރާންސް ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ދޫކޮށްލަން ބޭނުން ނުވީ އެ ގައުމުގެ އަންހެން ގައުމީ ޓީމުގެ ކޯޗު ކަމުގައި އޭނާ ހުރުމުންނެވެ.

މި އަހަރު އަމިއްލަ ގައުމުގައި ބާއްވާ އޮލިމްޕިކް ގޭމްސް އާއި ޔޫއޭފާ ނޭޝަން ލީގު ފްރާންސަށް ކާމިޔާބުކޮށް ދިނުމުގެ މަސްއޫލިއްޔަތު ރެނާޑާ ވަނީ ހަވާލުކޮށްފަ އެވެ.

އެފްރިކަން ކަޕްގައި އައިވަރީ ކޯސްޓަށް ދެން އޮތީ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ސެނެގާލާ ދެކޮޅަށް ކުޅޭ މެޗެވެ. އަމިއްލަ ގައުމުގައި މުބާރާތް ބާއްވާތީ މުބާރާތް ކާމިޔާބު ކުރުމަށް އައިވަރީ ކޯސްޓަށް ސަޕޯޓަރުންގެ ފަރާތުން އޮތް ޕްރެޝަރު ބޮޑެވެ.

ރެނާޑް ނުލިބުމުން، ވަގުތީ ކޯޗެއްގެ ގޮތުގައި އައިވަރީ ކޮސްޓަށް އިރުޝާދު ދޭނީ ކުޅުންތެރިޔެއްގެ ގޮތުގައި ޔޫރަޕްގައި ގިނަ ތަޖުރިބާތަކެއް ހޯދި އިމާސޭ ފޭ އެވެ. ކުރީގެ މިޑްފީލްޑަރު ވަނީ ނަންޓޭސް، ރީޑިން އަދި ނީސް ފަދަ ކްލަބްތަކުގައި ކުޅެފަ އެވެ. ފްރާންސްގެ އުމުރުފުރާތަކުގެ ގައުމީ ޓީމުތަކަށް ވެސް ކުޅުނު ފޭ ސީނިއާ ލެވަލްގައި ކުޅުނީ އައިވަރީ ކޯސްޓްގެ ގައުމީ ޓީމަށެވެ. މިހާރު އުމުރުން 40 އަހަރުގެ ފޭ ކުޅުން ހުއްޓާލީ 2012 ގަ އެވެ.