Roadha Mihaaru
ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލައިފި

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލައިފި

05 ޖުލައި 2022

ހުޅުމާލޭގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި ނުވިކި ހުރި ފްލެޓްތައް ވިއްކުމަށް ހުޅުވާލައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭގައި ސްޓެލްކޯ އިން އިމާރާތްކޮށްފައިވާ ޓަވަރުތަކުގައި ނުވިކި ހުރި ފްލެޓްތައް ވިއްކުމަށް ހުޅުވާލައިފި އެވެ.

ސްޓެލްކޯ އިން ބުނީ އެ ކުންފުނީގެ މުވައްޒަފުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ހައުސިން ޕޮރޮޖެކްޓުގެ ދެ ޓަވަރުން ނުވިކި ހުރި އެޕާޓްމަންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް މިހާރު އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިހާރު ނުވިކި ހުރީ އެއް ކޮޓަރީގެ 16 އެޕާޓްމަންޓަކާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) ގެ 16 އެޕާޓްމަންޓެކެވެ.

މި ފްލެޓްތަކަށް ޝަރުތު ހަމަވާނީ ސްޓެލްކޯގައި ދެ އަހަރު މަސައްކަތްކޮށްފައިވާ މީހުންނެވެ. އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި މާލޭގައި ގެދޮރު ހުރިތޯ ވެސް ބަލާނެ އެވެ. އަދި ފްލެޓްގެ ވިހި ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި 350،000ރ. މި ޑިސެމްބަރުގެ ކުރިން ދައްކަން ޖެހޭނެ އެވެ.

ކުރިން ފްލެޓް ގަތް މުވައްޒަފުން ވަނީ އެމީހުންގެ ޑައުންޕޭމަންޓް އެއްކޮށް ދައްކާ ނިންމައިފަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އެކި ކުންފުނިތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފްލެޓް އެޅުމުގެ މަސައްކަތް ފެށި އެވެ. ސްޓެލްކޯގެ ދެ ޓަވަރުގައި ހިމެނެނީ 360 ފްލެޓެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ 288 އެޕާޓްމަންޓްތަކެވެ.

ސްޓެލްކޯގެ ފްލެޓްތަކުގެ މަސައްކަތް މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ. ފްލެޓްތަކުގެ ކަރަންޓް ނެޓްވޯކްގެ މަސައްކަތް ލަސްވާތީ އަމިއްލަ އަށް އެކުންފުނިން އެ މަސައްކަތް ކުރަމުން އަންނައިރު މި މަހުގެ ތެރޭގައި އެ ތަނުގައި މީހުންނަށް އުޅެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުންނެވެ.