ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ސްޓެލްކޯގެ 360 ފްލެޓް އެ ކުންފުނީގެ މުވައްޒަފުންނާ މިއަދު ހަވާލުކޮށްފި އެވެ.
06 އޯގަސްޓް 2022
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ސްޓެލްކޯގެ 360 ފްލެޓް އެ ކުންފުނީގެ މުވައްޒަފުންނާ މިއަދު ހަވާލުކޮށްފި އެވެ.
އެ ފްލެޓްތައް ހުންނަ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މުވައްޒަފުންނާ ރަމްޒީ ގޮތުން ތަޅުދަނޑި ހަވާލު ކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.
ޗައިނާގެ ރޯޓައިމްސް ކުންފުންޏާ ހަވާލު ކޮށްގެން އިމާރާތް ކުރި ފްލެޓްތަކާ ގުޅޭ ގޮތުން ޝަރީފު ވިދާޅުވީ، އެ ކަމަށް 696 މިލިއަން ރުފިޔާ ހޭދަވި ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ އަތުން ނަގާނީ ޖުމުލަ 623 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ.
ފްލެޓްތައް އިމާރާތް ކުރުމަށް ހޭދަވި ބާކީ 73 މިލިއަން ރުފިޔާ ހަރަދުކުރީ ސްޓެލްކޯ އިންނެވެ. ފްލެޓްތަކަށް ދައްކަން ޖެހޭ 623 މިލިއަން ރުފިޔާ އިން 20 ޕަސެންޓުގެ ގޮތުގައި މިހާތަނަށް 114 މިލިއަން ރުފިޔާ މުވައްޒަފުންގެ އަތުން ވަނީ ނަގައިފަ އެވެ.
ޝަރީފު ވިދާޅުވީ، ފްލެޓްތަކުގެ އަގު ބޭންކެއް މެދުވެރިކޮށް ދެއްކުމުގެ ބަދަލުގައި އެ ކަން ކުރަނީ މުވައްޒަފުން ސްޓެލްކޯ އަށް އިންސްޓޯލްމަންޓަށް ފައިސާ ދައްކައިގެން ކަމަށެވެ. އެހެން ހެދީ މުވައްޒަފުންނަށް ވީހާ ވެސް ބޮޑަށް ލުއިކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޭންކަށް ގޮސްގެން ނުވަތަ ހައުސިން ސްކީމެއްގެ ދަށުން އަޅުގަނޑުމެންގެ ސްޓާފުން ލޯނު ކަވަރު ކުރަން ޖެހޭ ނަމަ ފްލެޓް ލިބުނު ސްޓާފުންގެ ތެރެއިން 60 ޕަސެންޓް ނުވަތަ 203 ސްޓާފަކަށް ލޯނެއް ނުލިބުނީސް. އެއީ ކްރައިޓީރިއާ ހަމަ ނުވާތީ،" އެމްޑީ ވިދާޅުވި އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަަވަނީ. ފްލެޓުގެ ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ވަނީ ދީފައި--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ފްލެޓްތަކުގެ އަގު ދެއްކުމުގެ މުއްދަތަކީ 18 އަހަރެވެ. ޝަރީފު ވިދާޅުވިގޮތުގައި، ބޭންކަށް ގޮސްގެން އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް ލޯނެއް ނަގައިފި ނަމަ 5.8 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ އެވެ.
ސްޓެލްކޯއިން ދޫކޮށްފައިވާ އެއް ކޮޓަރީގެ އެޕާޓްމެންޓަކަށް މުވައްޒަފުންގެ އަތުން ނަގަނީ 2.1 މިލިއަން ރުފިޔާ އެވެ. އަދި 1+2 ކޮޓަރީގެ އެޕާޓްމެންޓެއް ގަތުމަށް ބޭންކުން ލޯނެއް ނެގި ނަމަ 10.6 މިލިއަން ރުފިޔާ ދައްކަން ޖެހުނީސް ކަމަށާއި އޭގެ ބަދަލުގައި ސްޓެލްކޯ އަށް 18 އަހަރުގެ ތެރޭގައި ދައްކަން ޖެހޭނީ 3.7 މިލިއަން ރުފިޔާ ކަމަށް ޝަރީފު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެއީ މުވައްޒަފުންނަށް ސްޓެލްކޯ އިން ދިން ވަރަށް ބޮޑު ލުޔެއް ކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ދިނުމަށް ކަނޑައަޅާފައިވާ ހިދުމަތްތައް އިހުލާސްތެރިކަމާ އެކު، ހިދުމަތް ލިބިގަންނަން ބޭނުންވާ މީހުން ބޭނުންވާ ގޮތަށް އެކަން ކޮށްދިނުން. މިއީ މި ކަމުގެ ބަދަލުގައި އަޅުގަނޑުމެން މުވައްޒަފުންގެ ފަރާތުން ރިޓާނެއްގެ ގޮތުގައި ބޭނުންވާ ކަމަކީ،" ޝަރީފު ވިދާޅުވި އެވެ.
ސްޓެލްކޯ މުވައްޒަފުންނަށް ފްލެޓް ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ:ފަޔާޒް މޫސާ/މިހާރު
ސްޓެލްކޯގެ މުވައްޒަފުންނަށް ދޫކުރި ފްލެޓްތަކުގެ ތެރެއިން 52 މީހަކާއެކު އަދި ފްލެޓް އެއްބަސްވުން ނުހަދަ އެވެ.
އެކަމަކު، އަންނަ މަހާ ހަމައަށް އެއްބަސްވުން ނުހެދޭ މީހުންގެ ފްލެޓްތައް ފްލެޓަށް ކުރިމަތިލި އެހެން މީހުންނަށް ދޫކޮށްލާނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.
ފްލެޓް އެއްބަސްވުންތައް ނުހެދި ހުރީ އަތޮޅު ތެރޭގައި ތިބި ސްޓެލްކޯގެ ބައެއް މުވައްޒަފުންނަށާއި ޑައުންޕޭމެންޓް ދެއްކުމުގައި ޑިލޭވެފައިވާ މުވައްޒަފުންގެ އެވެ.
ސްޓެލްކޯގެ މުވައްޒަފުންނަށް ދޫކުރާ ފްލެޓްތަކުގެ ޑައުންޕޭމެންޓެއްގެ ގޮތުގައި 350،000ރ. ދައްކަން ޖެހެ އެވެ. އަދި ފްލެޓް ލިބުނުތާ ހަފުތާއެއް ތެރޭގައި 70،000ރ. ދައްކަން ޖެހުނެވެ. އެ އަށް ފަހު މި އަހަރު ނިމެންދެން ކޮންމެ މަހަކު 70،000ރ. ދައްކަން ޖެހެ އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހުމާން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވީ، ސްޓެލްކޯގެ މުވައްޒަފުންނަކީ ރައްޔިތުންނަށް މުހިއްމު މަސައްކަތްތަކެއް ކޮށްދޭ ބަޔަކަށް ވާއިރު، އެ ކުންފުނީގެ ގިނަ މުވައްޒަފުންތަކަކަށް ފްލެޓް ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއު ހިންގަމުން އަންނަ ކުންފުނިތަކުގެ ތެރެއިން އެންމެ އަވަހަށް ފްލެޓް ލިބުނު ކުންފުންޏަކަށް ސްޓެލްކޯ ވުމަކީ ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ފްލެޓްތަކުގެ އަގު ކަނޑައެޅުމުގައި ވެސް މުވައްޒަފުންނަށް ވީ އެންމެ ލުއި ގޮތްތައް ހަމަޖައްސައި ދޭން [ސްޓެލްކޯގެ] މެނޭޖްމެންޓާއި ބޯޑާއި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި. އެހެންވެ، މުވައްޒަފުން އިހުލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކު މަސައްކަތް ކުރުމުގައި ދެމި ތިބުމަށް އެދެން،" ފެނަކަ ކޯޕަރޭޝަންގެ އެމްޑީ ސައީދު ވިދާޅުވި އެވެ.
ފްލެޓްތައް ދޫކުރީ އުސޫލާ އެއްގޮތަށް: ޝަރީފް
ސްޓެލްކޯގެ ފްލެޓްތައް އަންނަ މަހުގެ 6ގައި ހަވާލުކުރަނީ
ސްޓެލްކޯގެ ފްލެޓްތަކަށް ކަރަންޓް ދޭން ފާސްކޮށްފި
ސްޓެލްކޯއިން ބޯހިޔާވަހިކަމަށް އެހީވެދޭ އާ ސްކީމެއް!
ސްޓެލްކޯ ފްލެޓުން ބޮޑުބައެއް ލިބޭނީ ވިލިމާލެ މީހުންނަށް
ސްޓެލްކޯއިން ބޯހިޔާވަހިކަމުގެ އާ މަޝްރޫއެއް
ފްލެޓްތަކަށް ޖުލައިމަހު މީހުން ވައްދާނަން: ޝަރީފް
300 ފްލެޓުން ސްޓެލްކޯގެ މުވައްޒަފުންނަށް އުފަލެއް
ހިޔާ ފްލެޓްތަކަށް ކަރަންޓު ދޭން ފަށައިފި
ހިޔާ ފްލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށައިފި