Roadha Mihaaru
އާ ފިއުލް ފާމް ބޭނުންކުރާނީ ސެޕްޓެމްބަރުގައި: މަހުޖޫބް

ސެޕްޓެމްބަރުގައި އާ ޓޭންކްތައް ބޭނުން ކުރަން ފަށާނެ: މަހުޖޫބު

06 ޖުލައި 2022

އެމްއޭސީއެލްގެ އާ ފިއުލް ފާމް ބޭނުން ކުރަން ފެށޭވަރު ވާނީ އަންނަ ސެޕްޓެމްބަރުގެ ތެރޭގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އެމްއޭސީއެލްގެ އާ ފިއުލް ފާމް ބޭނުން ކުރަން ފެށޭވަރު ވާނީ އަންނަ ސެޕްޓެމްބަރުގެ ތެރޭގައި ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހުޖޫބު ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުޖޫބު ވިދާޅުވީ، އާ ފިއުލް ފާމާ އެކު ވަރަށް ގިނަ ކަންކަން ހައްލުވާނެ ކަމަށެވެ.

"މި ވަގުތު އަޅުގަނޑުމެންގެ ކެޕޭސިޓީއަކީ 13 މިލިއަން ލީޓާސް. އާ ފިއުލް ފާމާ އެކު އަޅުގަނޑުމެން ސްޓޯރޭޖް ކެޕޭސިޓީ އިތުރުވާނެ. އެކަމަކު މިހާރު ވެސް ބަލަމުން ދަނީ މިފަދަ މައްސަލަތައް ދިމާވެދާނެތީ އޭގެ ތެރެއިން ޓޭންކް ވިޔަސް ބޭނުން ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

އެމްއޭސީއެލް އިން ފްލައިޓުތަކަށް ޖެޓް ފިއުލް މި ވަގުތު ވިއްކަނީ ކޮންޓްރޯލް ކޮށްގެންނެވެ. ތެޔޮ ކޮންޓްރޯލްކޮށްގެން ވިއްކަނީ އާ ސްޓޮކް އައުމުގައި ޑިލޭތަކެއް ހުރުމުންނެވެ. އާ ސްޓޮކް މި މަހުގެ 15 ހިސާބުގައި އަންނާނެ ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.

މީގެ ކުރިން ވެސް ފިއުލް ފާމު ހުޅުވަން އެމްއޭސީއެލް އިން އެކި ތާރީހުތައް ދީފައިވެ އެވެ. މަހުޖޫބު ވިދާޅުވީ، އެތަން ހުޅުވުން އެހާ ބޮޑަށް ލަސްވީ، ކޮވިޑާ ގުޅިގެން އެތަނުގެ މަސައްކަތްތައް މަޑުޖެހިފައި އޮތުމުން ކަމަށެވެ.

އެއާޕޯޓުގައި އަލަށް ހަދާ ފިއުލް ފާމަކީ 45 މިލިއަން ލީޓަރުގެ ކެޕޭސިޓީގެ ފިއުލް ފާމެކެވެ. އެ ފާމްގައި ތެޔޮ ރައްކާ ކުރަން ތިން ޓޭންކް ހުންނާނެ އެވެ. މިހާރު އެއާޕޯޓުގެ ފިއުލް ފާމް ކެޕޭސިޓީއަކީ އެންމެ 15 މިލިއަން ލީޓަރެވެ. އާ ފިއުލް ޓޭންކުތަކާ އެކު، ފިއުލް ފާމް ކެޕޭސިޓީ 60 މިލިއަން ލީޓަރަށް އިތުރުވާނެ އެވެ.

އާ ފިއުލް ފާމާ އެކު އެވްރެޖުކޮށް ދުވާލެއްގެ މައްޗަށް 1.5 މިލިއަން ލީޓަރު ދޫކުރެވޭނެ ގާބިލްކަން ލިބޭނެ އެވެ. ފިއުލް ފާމު ސަރަހައްދުގައި ތެޔޮ އުފުލާ ބޯޓުތައް ކައިރި ކުރުމަށް ހާއްސަ ފާލަމެއް ހުންނާނެ އެވެ.