Roadha Mihaaru
ނިއުރޭޑިއަންޓް ސަލާމަތްކުރަން އަލީގެ ޗެލެންޖު

މަރުގެ ތުންފަތްމަތިން ނިއުރޭޑިއަންޓް ސަލާމަތްކުރަން އަލީ ރަޝީދުގެ ޗެލެންޖެއް!

06 ޖުލައި 2022

ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަޕޯޓަރުން މިދިޔަ ތިން އަހަރު ދުވަހު ތިބީ މާޔޫސްކަން މަތީގަ އެވެ. ޖަނަވަރީ، 2019 ގައި، މުސާރައިގެ މައްސަލައިގައި އެ ކްލަބް ސަސްޕެންޑް ކުރަން އެފްއޭއެމް އިން ނިންމުމުން ސަޕޯޓަރުންގެ ހިތް "މަރާލި" އެވެ. އެ ސަޕޯޓަރުން ތެރެއިން އެކަކީ، ގާނޫނީ ވަކީލު އަލީ ރަޝީދު އަހްމަދެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ރާއްޖޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު ކްލަބް، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ސަޕޯޓަރުން މިދިޔަ ތިން އަހަރު ދުވަހު ތިބީ މާޔޫސްކަން މަތީގަ އެވެ. ޖަނަވަރީ، 2019 ގައި، މުސާރައިގެ މައްސަލައިގައި އެ ކްލަބް ސަސްޕެންޑް ކުރަން އެފްއޭއެމް އިން ނިންމުމުން ސަޕޯޓަރުންގެ ހިތް "މަރާލި" އެވެ. އެ ސަޕޯޓަރުން ތެރެއިން އެކަކީ، ގާނޫނީ ވަކީލު އަލީ ރަޝީދު އަހްމަދެވެ.

ކުޑައިރު ބައްޕައާ އެކު ރޭޑިއޯ ކައިރީގައި އިނދެ ނިއުރޭޑިއަންޓުގެ މެޗުތަކުގެ ކޮމެންޓްރީ އަޑުއެހި ހިސާބުން ފެށިގެން މިއަދާ ހަމައަށް ވެސް ނިއުއަށް އޭނާގެ ހިތުގައި އޮތީ ހުއްޓުމެއް ނެތް ލޯތްބެކެވެ. ނުލާއި ހުދުގެ ލަޝްކަރު ގަލޮޅު ދަނޑުން ނުފެނުމުގެ ފަޅުކަން އޭނާގެ ބޮލަށް ދިޔައީ އުނދަގޫ ކުރަމުންނެވެ.

އެކަމަކު ނިއުރޭޑިއަންޓް ސަލާމަތް ކުރަން ސަޕޯޓަރުންތަކެއް ނުކުމެ މަސައްކަތް ކުރިޔަސް، އެ ކްލަބުގެ ދަރަނި އޮތީ މާ ބޮޑަށެވެ. ބިދޭސީ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ މުސާރައިގެ ގޮތުގައި ފީފާ އަށް ދައްކަން ޖެހޭ ދަރަންޏެއް ވެސް އެ ކްލަބްގައި އޮތެވެ. ދިވެހި ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާއާ އެކު އެ ކްލަބްގެ ދަރަނި ގާތްގަނޑަކަށް 6.5 މިލިއަން ރުފިޔާ އަށް އޭރު އަރަ އެވެ.

ނިއުރޭޑިއަންޓުގެ ރޫހު މަރުވިޔަ ނުދިނުމަށް، މި އަހަރު މާޗް މަހު ނުކުތީ އަނެއްކާ ވެސް ނިއުރޭޑިއަންޓުގެ ވަފާތެރި ސަޕޯޓަރުންތަކެކެވެ. އެ ސަޕޯޓަރުން މަސައްކަތް ކުރީ "ރޭޑިއަންޓް ސްޕޯޓްސް ކްލަބް"ގެ ނަމުގައި އެ ލެގަސީ ދެމެހެއްޓުމަށެވެ. ރޭޑިއަންޓުގެ ފުރަަތަމަ ކޮންގްރެސް ބައްދަލުވުމުގައި އާންމު މެންބަރެއްގެ ހައިސިއްޔަތުން އަލީ ވެސް ބައިވެރިވި އެވެ.

އޭރަކު، ރޭޑިއަންޓުގެ ނުވަތަ ނިއުރޭޑިއަންޓުގެ ގާނޫނީ މަސައްކަތް ކުރާކަށް އޭނާގެ ހިޔާލަކު ނެތެވެ. އެ ފަދަ ރަސްމީ އިޝާރާތެއް ވެސް ލިބިފައެއް ނެތެވެ. އެކަމަކު، އެ ރެއިން އެ ރެއަށް ރޭޑިއަންޓުގެ ގާނޫނީ މަސައްކަތްތަކުގައި ބައިވެރިވެ އަމަލީގޮތުގައި އޭނާ އުޅެން ފެށި އެވެ.

ރޭޑިއަންޓުގެ ދަތުރު މާ ކާމިޔާބެއް ނޫނެވެ. އެ ކްލަބަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ރަމްޒުކޮށްދޭނެ ހުރިހާ ސިފައެއް، ހުރި ކްލަބެއް ކަމަށް އޭއެފްސީން ނިންމީ އެވެ. އެ ހިސާބުން އޮތް ހަމައެކަނި ގޮތަކީ ނިއުރޭޑިއަންޓް ކޮޅަށް ޖެހުމެވެ.

އޭއެފްސީ ކަޕް 2018 ގައި ނިއު ރޭޑިއަންޓް ކުޅުނު މެޗަކަށް އެޓީމުގެ ސަޕޯޓަރުން ދަނޑަށް ވަދެ --- ފައިލް ފޮޓޯ

އޭއެފްސީ ކަޕް 2018 ގައި ނިއު ރޭޑިއަންޓް ކުޅުނު މެޗަކަށް އެޓީމުގެ ސަޕޯޓަރުން ދަނޑަށް ވަދެ --- ފައިލް ފޮޓޯ

ރޭޑިއަންޓް ކޮޅަށް ޖެހުމުގައި މާ ގިނަ ގާނޫނީ ދަތިތަކާ ކުރިމަތިލާން ނުޖެހުނަސް، ނިއުރޭޑިއަންޓުގެ ކަންތައްތައް އޮތީ "އޮޅުންބޮޅުން" ވެފަ އެވެ. އެއީ މިހާތަނަށް އަލީއަށް ގާނޫނީ ދާއިރާގެ އެންމެ ބޮޑު ޗެލެންޖެވެ.

ނިއުރޭޑިއަންޓުގެ ގާނޫނީ މަސައްކަތްތަކާ އަލީ ހަވާލުވި އިރު އެ ކްލަބުގައި ހުރީ ހިނގަމުންދާ މައްސަލަތަކެއް ނޫނެވެ. ހުރީ ދައުވާކޮށް ނިމި، ފީފާގެ ޕްލޭޔާ ސްޓޭސަސް ކޮމެޓީން ހުކުމްކޮށްފައި ހުރި މައްސަލަތަކެވެ. އޭގެ ތެރެއިން ގިނަ ހުކުމްތަކަށް އަމަލު ނުކޮށްގެން ޑިސިޕްލިނަރީ ކޮމިޓީން ވެސް މައްސަލަ ހުރީ ބަލައި ނިންމައިފަ އެވެ. އެ ކްލަބަށް ކުޅުނު ބިދޭސީ ކުޅުންތެރިންނާއި ޕޯޗުގަލްގެ ކޯޗު ބެނާޑޯ ޓަވަރޭޒަށް މުސާރަ ދީފައި ނުވާތީ ފީފާއިން އޮތީ ޓްރާންސްފާ ބޭންގެ ފިޔަވަޅު އަޅައިފަ އެވެ.

"އަޅުގަނޑުމެންނަކަށް ނެތް ދެއްކޭނެ ވާހަކައެއް، މިހެންނޭ އެހެންނޭ ކިޔައިފައެއް. އިތުރު މުއްދަތެއް ދޭށޭ ވެސް ބުނެވޭކަށް ނެތް. ހުކުމްކޮށް ނިމިފައި އޮތީ،" އަލީ ކިޔައިދިނެވެ.

މެއި 27ގައިިިި ކްލަބްގެ އާ ބޯޑު އެކުލަވައިލުމަށް ފަހު ދެން އަލީ އަށް ކުރިމަތިވީ މާ ބޮޑު ޗެލެންޖަކާ އެވެ. އެއް ކުޅުންތެރިއެއްގެ މައްސަލައިގައި ޖޫން ހައެއްގެ ކުރިން ފައިސާ ނުދައްކައިފި ނަމަ އިތުރު ފިޔަވަޅެއް އަޅާނެކަމުގެ އިންޒާރު ފީފާއިން އޮތީ ދީފަ އެވެ. އެ އިންޒާރަކީ ނިއުރޭޑިއަންޓު، ތިން ވަނަ ޑިވިޝަނަށް ވައްޓާލާނެ ކަމުގެ އިންޒާރެވެ.

"އެ ކަން ވާން އޮތީ ހަމައެކަނި ކުޅުންތެރިޔާގެ ވަކީލާ ވާހަކަ ދައްކައިގެން. ޖޫން ހައެއް އައީމަ ވަކީލް ޖެހޭނީ ފީފާއަށް އެންމެ ސިޓީއެއް ފޮނުވާލަން. ތިމަންނާއަކަށް އެ ފައިސާއެއް ނުލިބެޔޭ. ފީފާ އަށް އެ ސިޓީ ދިޔަ ނަމަ އަޅުގަނޑުމެން ތިންވަނަ ޑިވިޝަނަށް ވައްޓާލީސް،" އަލީ ކިޔައިދިނެވެ.

"ފީފާއާ ދައްކާނެ ވާހަކައެއް ނެތް. ވާހަަކަ ދައްކައިގެން ވާނެ ކަމެއް ވެސް ނެތް. ހަމައެކަނި އޮތީ ކުޅުންތެރިޔާގެ ވަކީލާ ވާހަކަ ދައްކައިގެން އެ ކަން ވާން."

ފީފާއާ ދައްކާނެ ވާހަކައެއް ނެތް. ވާހަަކަ ދައްކައިގެން ވާނެ ކަމެއް ވެސް ނެތް. ހަމައެކަނި އޮތީ ކުޅުންތެރިޔާގެ ވަކީލާ ވާހަކަ ދައްކައިގެން އެ ކަން ވާން.

ވަރަށް އަވަހަށް ފައިސާ ދައްކާނެ ކަމަށް ބުނެ، ސެޓަލްމެންޓް އެގްރީމަންޓަކަށް ދާން ވެސް އޭރު މަސައްކަތް ކުރި އެވެ. އެކަމަކު، ނިއުރޭޑިއަންޓަށް ކުރާ އިތުބާރު މުޅިންހެން ބިދޭސީ ކުޅުންތެރިންގެ ކުރިމަތީގައި އޭރު އޮތީ ގެއްލިފަ އެވެ. ސަބަބަކީ، މިދިޔަ ދެ އަހަރު ނިއުރޭޑިއަންޓުން އެ ކުޅުންތެރިންނަށް އެއްވެސް ހަބަރެއް ވެފައި ނެތުމެވެ.

ނިއުރޭޑިއަންޓުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރަމުންދިޔަކަން، ސަޕޯޓަރުންނަށް އެނގުނު ނަމަވެސް ތިންވަނަ ޑިވިޝަނަށް ވެއްޓިދާނެކަމުގެ މިހާ ބޮޑު ބިރެއް އޮތްކަމެއް ނޭނގެ އެވެ. އެ ބިރުން ސަލާމަތްވާން، އަލީ ކުރި މަަސައްކަތަކީ ކުޅުންތެރިޔާގެ ވަކީލާ ވާހަކަ ދެއްކުމެވެ.

ވަކީލާ ދެއްކި ވާހަކައިން އެނގުނީ، އޭނާ އޮތީ ސިޓީ ތައްޔާރު ވެސް ކޮށްފައި ކަމެވެ. އެކަމަކު، ހާލަތު ބުނެދީ ހުރިހާ ކުޅުންތެރިންނެއްގެ ވެސް ވަކީލުންނަށް އަލީ ދިޔައީ މެއިލް ކުރަމުންނެވެ. ކޮންމެ ދުވަހަކު ވެސް، ހާލަތު ބަޔާންކޮށްދީ އަޕްޑޭޓްތައް ދެމުން ގެންދިޔަ އެވެ.

"މުޅި ޑައިލޮގް ކުރިއަށް ގެންދިޔައީ އަޅުގަނޑުމެން އޮތީ ބަލިވެފައި ކަން ގަބޫލުކޮށްގެން. އެ ކޮޅުގައި ބޯޅަ އޮތީ. އެހެންވީމަ މުޅި ޑައިލޮގް ވެސް އަޅުގަނޑުމެން ގެންދިޔައީ ވީހާ ވެސް ޕީސްފުލްކޮށް. އެ މީހުން ކޮށްލާ އެންމެ ކަމަކުން ވެސް އަޅުގަނޑުމެން ތިންވަނަ ޑިވިޝަނަށް ވެއްޓިދާނެ،" އަލީ ކިޔައިދިނެވެ.

ވަކީލާ ވާހަކަ ދައްކައިގެން ޖޫން ހައެއްގެ ކުރިން ސިޓީލުން ހުއްޓުވުނު ނަމަވެސް، އެ މަހު 13ގައި ވެސް ފައިސާ ނުދެއްކުމުން ވަކީލުގެ ކެތްތެރިކަން ކޮޅުންލި އެވެ. ދެން މަޑުނުކުރެވޭނެ ކަމަށް ބުނެ، އޭނާ އުޅުނީ ފީފާއަށް ސިޓީ ފޮނުވާށެވެ. އެ ހިސާބުން ވެސް އަލީ ދުލެއް ނުދިނެވެ.

"އަޅުގަނޑު ބުނިން ވަކީލް ގާތު ވަކީލާއި ކްލައިންޓުގެ ހައްގެކޭ ފީފާއަށް ލިޔުމަކީ. އެކަމަކު ލިޔެގެން ވާނެ ގޮތަކީ މިދިޔަ ދެ އަހަރު ވެސް ނިއުއަކުން ނުވެއެއް ނޫންހޭ ހަބަރެއް. އަލަކަށް ނޫންހޭ ބަޔަކު މި ހަބަރުވީ. އެހެންވީމަ މިއަށް ކޮންމެވެސް ވަރެއްގެ އިތުބާރެއް ކޮށްދޭށޭ. ލައިފިިއްޔާ ނިއުރޭޑިއަންޓް ތިންވަނަ ޑިވިޝަނަށް ދާނޭ. ސަޕޯޓަރުންގެ ރޫހު ގެއްލި ނިއު އަނެއްކާ ވެސް ކުރިން އޮތް ވަޅުގަނޑަށޭ ވެއްޓޭނީ،" އަލީ ކިޔައިދިނެވެ.

އަލީ "މިހާރު"އަށް އިންޓަވިއު ދެނީ -- ފޮޓޯ | ނިޝާން އަލީ

އަލީ "މިހާރު"އަށް އިންޓަވިއު ދެނީ -- ފޮޓޯ | ނިޝާން އަލީ

ކޮންމެ ދުވަަހަކު ގުޅައި ވާހަކަ ދައްކައިގެން އެ ސިޓީ ނުލައި ވަކީލު މަޑުކުރި އެވެ. އެއީ ނިއުރޭޑިއަންޓުގެ ނަސީބެވެ. ނޫން ނަމަ، ދެވަނަ ޑިވިޝަން ކްލަބެއްގެ ގޮތުގައި ނިއު އެނބުރިއެއް ނައީހެވެ.

ބުރަ މަސައްކަތްތަކަކަށް ފަހު، މިދިޔަ މަހުގެ 30 ވަނަ ދުވަހު ކްލަބުގެ ސަސްޕެންޝަން ވަނީ އުވާލައިފަ އެވެ. އެއީ އަލީ އަށް ވެސް، ނިއުގެ އެހެން ސަޕޯޓަރުންނަށް ވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އެހާމެ ބޮޑު އުފަލެކެވެ. އެ އުފާ އަލީ އަށް ހާއްސަ ވަނީ، ކްލަބުގެ ހާލަތު އެންމެ ގާތުން އޭނާއަށް ފެނުނީމަ އެވެ. އެ މަސައްކަތްތަކުގައި އެންމެ ބޮޑަށް ޝާމިލުވެ އުޅެވުނީ އަލީއަށް ކަމަށް ވާތީ އެވެ.

ކަރެކްޝަނަލް ސާވިސްގެ ލޯޔަރެއްގެ ގޮތުގައި މިހާރު ރަސްމީކޮށް މަސައްކަތް ކުރާ އަލީ ނެގި އެންމެ ބޮޑު ޗެލެންޖަކީ މިއީ އެވެ. ސްޕޯޓްސް ލޯއަކީ އޭނާއަށް މި މަސައްކަތް ފެށުމާ ހަމައަށް މުޅިން އާ އެއްޗެކެވެ. މި މަސައްކަތުގެ ބުރަކަން ބޮޑުވީ އެ ސަބަބާހުރެ އެވެ.

ފީފާގެ ގަވާއިދުތަކާއި އުސޫލުތައް ކިޔައި، ދަސްކުރުމުގައި އޭނާ އެތައް ވަގުތެއް ހޭދަކުރަން ޖެހުނެވެ. ފީފާގެ ނިޒާމު އޮންނަ ގޮތް ދިރާސާ ކުރަން ޖެހުނެވެ. އެކަަމަކު އަލީގެ ޝަކުވާއެއް ނެތެވެ. ނުލާއި ހުދުގެ ލަޝްކަރު އޭނާ ބޭނުންވި ގޮތަށް އަނބުރާ ދަނޑަށް ގެނެވިއްޖެ އެވެ.

ނިއުރޭޑިއަންޓް އެނބުރި އައުމުން ބޯޑު މެންބަރުންނާއެކު އަލީ އުފާފާޅު ކުރަނީ -- ފޮޓޯ | ނިއުރޭޑިއަންޓް

ނިއުރޭޑިއަންޓް އެނބުރި އައުމުން ބޯޑު މެންބަރުންނާއެކު އަލީ އުފާފާޅު ކުރަނީ -- ފޮޓޯ | ނިއުރޭޑިއަންޓް

އަލީ ގަބޫލު ކުރާ ގޮތުގައި، ނިއުރޭޑިއަންޓުގެ އެނބުރި އައުމާއެކު ރާއްޖޭގެ ފުޓުބޯޅައަށް އިތުރު ދިރުމެއް ލިބޭނެ އެވެ. އެޔާއެކު، ވިކްޓްރީ ސްޕޯޓްސް ކްލަބް އެނބުރި އައުމަކީ އިތުރު ދިރުމެއް ފުޓުބޯޅައަށް ލިބޭނެ ކަމެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ.

ގާނޫނީ ވަކީލެއްގެ ގޮތުގައި ނިއުރޭޑިއަންޓާ އެކު ކުރި މަސައްކަތުގައި ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރާއި ކްލަބުގެ ބޯޑުން އަދި އެފްއޭއެމްގެ ލޯޔަރު ޖައުޝާން ޝަރީފްގެ ފަރާތުން އޭނާއަށް އެއްބާރުލުން ލިބުނެވެ. ސްޕޯޓްސް ލޯއަށް މި ކަމުން ލޯ ހުޅުވި، އަދިވެސް އެ ދާއިރާއިން ދިރާސާކުރުމަށް އަލީގެ ޝައުގުވެރިކަން އެބަހުއްޓެވެ.

ސަޕޯޓަރެއްގެ ގޮތުގައި ވެސް، ގާނޫނީ ވަކީލެއްގެ ގޮތުގައި ވެސް އަލީ ހުންނާނީ ނިއުރޭޑިއަންޓުގެ ފަހަތުގަ އެވެ. އެތައް ހާސް ރުފިޔާއެއްގެ މަސައްކަތް، ހިލޭ ސާބަހަށް އޭނާ އެ ކޮށްދިނީ ވެސް ކްލަބަށް އޮތް ލޯތްބެއްގެ ބޮޑު ކަމުންނެވެ. ނިއުރޭޑިއަންޓު އެނބުރި އައުމުގެ ފަހަތުގައި ހުރި އެއް "ހީރޯ" އަކީ އޭނާ އެވެ.