Roadha Mihaaru
ނަޑާލްގެ ބަނޑަށް އަނިޔާވެ މުބާރާތުން ވަކިވެއްޖެ

ނަޑާލަށް އަނިޔާވެ މުބާރާތުން ވަކިވެއްޖެ، އިދިކޮޅު ކުޅުންތެރިޔާ ފައިނަލަށް

08 ޖުލައި 2022

ލަންޑަން (ޖުލައި 8) - ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ދެ ފަހަރުމަތިން ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލްގެ ބަނޑުގެ މަސްތަކަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން، އޭނާ މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލާ ހަމައިން މުބާރާތުން ވަކިވާން ނިންމައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ޖުލައި 8) - ވިމްބެލްޑަން ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް ދެ ފަހަރުމަތިން ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ރަފައެލް ނަޑާލްގެ ބަނޑުގެ މަސްތަކަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން، އޭނާ މިއަހަރުގެ މުބާރާތުގެ ސެމީ ފައިނަލާ ހަމައިން މުބާރާތުން ވަކިވާން ނިންމައިފި އެވެ.

މުބާރާތުގެ ސެމީ ފައިނަލާ ހަމައިން އޭނާ މުބާރާތުން ވަކިވުމުން، ސެމީގައި އޭނާ އާ ދެކޮޅަށް ކުޅެން ހުރި ހަމަޖެހިފައިވާ ސްޓްރޭލިއާގެ ނިކް ކީރިއޯސް އަށް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ޔަގީން ވެފަ އެވެ. މިއީ އުމުރުން 27 އަހަރުގެ ކުޅުންތެރިޔާ ގްރޭންޑް ސްލޭމް މުބާރާތެއްގެ ސިންގަލްސް ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އޭނާ ވަނީ މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން ގްރޭންޑް ސްލޭމް ގައި މުޅިން އަލަށް ފިރިހެން ޑަބަލްސް އިވެންޓުގެ ފައިނަލުގައި ވާދަކޮށް މޮޅު ވެފަ އެވެ.

ފައިނަލުގައި ކީރިއޯސް ވާދަކުރާނީ، ސެމީ ފައިނަލުގައި މިރޭ އިންގްލެންޑްގެ ކެމަރަން ނޯރީ އާއި، ދުނިޔޭގެ އެއްވަނައިގައި އޮތް ސާބިއާގެ ނޯވަކް ޖޮކޮވިޗް ބައްދަލުކުރާ މެޗުން މޮޅުވާ ކުޅުންތެރިއަކާ އެވެ.

ނަޑާލް ބުނި ގޮތުގައި އޭނާ މުބާރާތުން ވަކިވާން ނިންމީ އަނިޔާގެ ސަބަބުން އިތުރަށް ކެތް ނުކުރެވޭ ހިސާބަށް ދިއުމުންނެވެ.

"ތި އެންމެނަށް ވެސް ވިސްނިފައި އޮންނާނީ، ވަރަށް ހިތާމައާ އެކު އަހަރެން މިތާ މި އިނީ، މުބާރާތުން [ވިމްބެލްޑަން އިން] ވަކިވާން ނިންމާފައި ވާތީވެ،" ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޑާލް، 35، ބުންޏެވެ.

ނަޑާލްގެ ބަނޑުގެ މަސްތަކަށް އަނިޔާވެ، ތަދު އިހުސާސްވާތާ ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ. ބުދަ ދުވަހުގެ އެކަމަކު ރޭ އެމެރިކާގެ ޓޭލާ ފްރިޓްޒް، 24، އާ ވާދަކޮށް ހަތަރު ގަޑިއިރާއި 20 މިނިޓަށް ދެމިގެންދިޔަ ކުއާޓާ ފައިނަލްގެ މެޗު 3-2 ސެޓުން މޮޅުވި މެޗުގެ ތެރެއިން ވެސް އެ ވޭން ކެތް ނުކުރެވޭހާ ހިސާބަށް ދިޔަ ކަމަށް ނަޑާލް ބުންޏެވެ.

ނަޑާލް، މިއަހަރު ވިމްބެލްޑަންގައި ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

ނަޑާލް، މިއަހަރު ވިމްބެލްޑަންގައި ކުޅުނު މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

އަނިޔާއާ އެކު ވެސް މެޗުގެ ސެޓްތައް ނަޑާލް ގެންދިޔައީ 3-6، 7-5، 3-6، 7-5 އަދި 7-6 (10-4) އިންނެވެ. ދިގު ރެލީތަކެއް ފެނިގެންދިޔަ މި މެޗުގައި ނަޑާލްގެ ބަނޑުގައި ޓޭޕް އަޅައިގެން ތަދުކެނޑޭ ބޭސްތައް ބޭނުންކުރަން މެޑިކަލް ޓައިމްއައުޓެއް ނަގަން ޖެހުނެވެ. ސެމީ ފައިނަލުން ޖާގަ ލިބުމާ އެކު މެޗަށް ފަހު އޭނާ ބުނީ، މުބާރާތުގައި އިތުރަށް ކުރިއަށް ދާނީ، އަނިޔާގެ އިތުރު ޓެސްޓުތައް ހެދުމަށް ފަހު ކަމަށެވެ.

މެޗުން މޮޅު ވުމަށް ފަހު ނަޑާލް ބުނީ އަނިޔާ އާއި ވޭނުގައި ވެސް ކުޅުމަކީ އޭނާ އާދަވެފައިވާ ކަންކަން ކަމަށެވެ. ނަމަވެސް ސިއްހަތަށް ވިސްނާއިރު، އިތުރު ޓެސްޓުތައް ހެދުމަށް ފަހު، އަނިޔާގެ ސީރިއަސް ކަމަށް ބަލައި، މުބާރާތުން ވަކިވާން ވެސް ޖެހިދާނެ ކަމަށް އޭރު ވެސް އޭނާ ބުންޏެވެ.

މިއަހަރުގެ އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ކާމިޔާބު ކޮށް، ނަޑާލް ވަނީ ރެކޯޑް އަދަދަކަށް ގްރޭންޑް ސްލޭމް މުބާރާތުން މޮޅު ވެފަ އެވެ. އޭނާ ވަނީ ގްރޭންޑް ސްލޭމްގެ 22 މުބާރާތް ކާމާިޔާބު ކޮށްފަ އެވެ. ނަޑާލް މިދިޔަ މަހު ފްރެންޗް އޯޕަންގެ ޗެމްޕިއަންކަން ހޯދީ ވެސް އޭނާގެ ފަޔަށް ދިމާވެފައިވާ މައްސަލައަކާ ގުޅިގެން ފައި އައްސި ކޮށްގެން ކުޅެގެންނެވެ.

ޓެސްޓުތައް ހެދުމަށް ފަހު ބަނޑުގެ މަސްގަނޑެއް އިރައިގެން ގޮސްފައި ވުމާ އެކު ނަޑާލް ބުނީ، އަނިޔާގައި ހުރެ މުބާރާތުގައި ކުރިއަށް ދިޔުމަކީ އެންމެ ބުއްދިވެރި ގޮތް ނޫން ކަމަށާއި، ހުރިހާ ކަމަކާ އެކު މުބާރާތުން ވަކިވާން ނިންމި ނިންމުކަކީ އުނދަގޫވި ނިންމުމެއް ކަމަށެވެ.

"އަހަރެންނަށް ޔަގީންވާ ކަމަކީ މުބާރާތުގައި އިތުރަށް ކުޅޭ ނަމަ އަނިޔާ އިތުރަށް ގޯސްވާނެކަން. ވަރަށް ހިތާމައާ އެކު ބުނެލަން، އެއީ މިހާރު ހިއްސާކޮށްލަން އޮތް ވާހަކައަކީ،" ނަޑާލް ބުންޏެވެ.