Roadha Mihaaru
ބޮޑު މެދުކެނޑުމަކަށް ފަހު އެމްއޭއޭގެ ތަމްރީނު ފަށައިފި

އަހަރެއްގެ މެދުކެނޑުމަކަށް ފަހު އޭވިއޭޝަން އެކަޑަމީގެ ތަމްރީންތައް ފަށައިފި

11 ޖުލައި 2022

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ (އެމްއޭއޭ) ގެ ތަމްރީނުތައް އަލުން ފަށައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު މޯލްޑިވިއަން އޭވިއޭޝަން އެކަޑެމީ (އެމްއޭއޭ) ގެ ތަމްރީނުތައް އަލުން ފަށައިފި އެވެ.

އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ގުޅިގެން ޕައިލެޓުން ތަމްރީނުކުރުމަށް ހުޅުވި އެމްއޭއޭގެ ތަމްރީނުތައް މިހާރު ފަށާފައިވާ ކަމަށް އެ އެކަޑެމީ އިން މިއަދު ކުރި ޓްވީޓެއްގައި ބުންޏެވެ.

އައްޑޫ ފްލައިން ސްކޫލުގައި އޭރު ކިޔަވަމުން ދިޔަ ދަރިވަރުން، އަހަރަކަށްވުރެ ގިނަ ދުވަހު އުފުލި ތަކްލީފުތަކަށް ފަހު މިހާރު ތިބީ ޕްރޮފެޝަނަލް ޕައިލެޓުންނަށް ވުމުގެ މަގުމަތީގައި ކަމަށް އެމްއޭއޭ އިން ބުންޏެވެ. އަދި އެ ދަރިވަރުންނަށް މަގު ފަހިކޮށްދިނުމުގައި އެހީތެރިވެދިން ފަރާތްތަކަށް ޝުކުރުދެންނެވި އެވެ.

ޗެކް ރިޕަބްލިކްގެ ފްލައިން އެކަޑެމީ އާ ގުޅިގެން ހިންގާ އެމްއޭއޭގައި މިހާރު ކުރިއަށް ދަނީ ކުރިން އައްޑޫގައި ހިންގި އޭޝިއަން އެކަޑެމީ އޮފް އެއޮރޮނޯޓިކްސް (އޭއޭއޭ) އިން ކިޔެވި، ޕައިލެޓް ކޯހުގެ އެންމެ ފަހު މަރުހަލާގައި ތިބި ބައެއް ދަރިވަރުންގެ އުދުހުމުގެ ތަމްރީނުތަކެވެ. އެމްއޭއޭ އިން އެންމެ ބޮޑު އިސްކަމެއް ދޭނީ އެ ދަރިވަރުންނަށް ކަން ފާހަގަކުރި އެވެ.

އެމްއޭއޭ އުފެދުނީ ވެސް އޭއޭއޭ އިން ކިޔަވަމުންދިޔަ 80 އަށް ވުރެ ގިނަ ދަރިވަރުންގެ އުދުހުމުގެ ތަމްރީނުތައް ނުފެށި ގިނަ ދުވަސް ވުމާ އެކު ދިމާވި ގިނަ ދަތިތަކާހުރެ އައްޑު ފްލައިން ސްކޫލް ހިންގުމަށް ސަރުކާރުން އެމީހުންނާ އެކު ވި އެއްބަސް ވުން އުވާލުމުންނެވެ.

ފްލައިން އެކަޑަމީ ހިންގުމަށް ބޭނުންވާ ހުރިހާ މަސައްކަތްތަކެއް ފުރިހަމަކޮށް މޯލްޑިވް ސިވިލް އޭވިއޭޝަނުން ހަދަންޖެހޭ އިންސްޕެކްޝަންތައް ނިމި ސްކޫލު ހިންގުމުގެ ހުއްދަ ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.