Roadha Mihaaru
އެއްޖިންސުން ގުޅުން ހިންގި އަލަމްގީރް ހައްޔަރުކޮށްފި

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ އަލަމްގީރް ހައްޔަރުކޮށްފި

12 ޖުލައި 2022

ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ ބަންގްލަދޭޝްގެ އަލަމްގީރް މިއަދު ހައްޔަރު ކޮށްފި އެވެ.

އާލިމް އަބްދުއްލަތީފް އާލިމް އަބްދުއްލަތީފް

ރާއްޖޭގެ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިން އަދި އިސްމަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުންނާ އެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރާ ބަންގްލަދޭޝްގެ އަލަމްގީރް މިއަދު ހައްޔަރު ކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި މާފަންނުގައި އޭނާ ދިރިއުޅޭ ގެސްޓް ހައުސްގައި އުޅެނިކޮށް އަލަމްގީރް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މެންދުރުފަހު އެވެ.

އެނގިފައިވާ ގޮތުގައި އޭނާ މިހާރު ވަނީ ގިނަ ބަޔަކާއެކު ޖިންސީ ގުޅުން ހިންގި ކަމަށް ފުލުހުންގެ ތަހުގީގުގައި އެއްބަސް ވެފަ އެވެ.

އަލަމްގީރް ހައްޔަރުކުރިއިރު، އޭނާ ދިވެހިންގެ ކިބައިން މާފަށް އެދޭ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި މީގެ ދުވަސްކޮޅެއް ކުރިން އާންމުވި އެވެ.

އެއްޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ލީކުކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފުތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ ކަން ކުރި ބަޔަކު ދެނެގަނެވިފައިވާ ކަމަށް، މިިދިޔަ މަހުގެ 27 ގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު ސޯޝަލް މީޑިއާގައި ވަނީ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރާއި އަލަމްގީރް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވެފަ އެވެ. އަދި އޭގެ ދުވަސްކޮޅެއް ފަހުން، ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ހަމަ އެ ކޮޓަރީގައި ހުރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވި އެވެ.

ވީޑިއޯތަކާ ގުޅިގެން ފުލުހުން ވަނީ އަލަމްގީރާއި ނާޒިމް އަދި ނަޝީދުގެ ވެސް ޕާސްޕޯޓު ހިފަހައްޓައިފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލްކޮށް އަދި ވީޑިއޯތައް 10 މިލިއަން ރުފިޔާ އަށް ވިއްކަން މަސައްކަތްކުރި ކަމަށް ވެ އެވެ. ނަމަވެސް އެ ވީޑިއޯތައް ފަހުން އެ އަގަށް ބަޔަކަށް ވިއްކާލި ކަމެއް ޔަގީނެއް ނޫނެވެ.