Roadha Mihaaru
ގޯޓާބަޔާއަށް ހިމާޔަތެއް ނުދެން: ސިންގަޕޫރު

ގޯޓާބަޔާއަށް ހިމާޔަތެއް ނުދެން، ވަޑައިގަތީ އަމިއްލަ ދަތުރެއްގައި: ސިންގަޕޫރު

14 ޖުލައި 2022

ސްރީ ލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާއަށް ސިޔާސީ ހިމާޔަތް ނުދޭ ކަމަށާއި އަމިއްލަ ދަތުރެއްގައި އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވާ ކަމަށް ސިންގޫޕުރުގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ސްރީ ލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާއަށް ސިޔާސީ ހިމާޔަތް ނުދޭ ކަމަށާއި އަމިއްލަ ދަތުރެއްގައި އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވާ ކަމަށް ސިންގޫޕުރުގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ރާއްޖެއިން މިއަދު ފުރާވަޑައިގެންނެވި ގޯޓާބަޔާއަށް ސިންގަޕޫރުން ހިމާޔަތް ދީފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ދޮގުކޮށް، އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ ސިންގަޕޫރުގެ ހިމާޔަތަށް އޭނާ އެދިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ހިމާޔަތް ދީފައިވެސް ނުވާ ކަމަށް ބުންޏެވެ.

އާއްމު އުސޫލެއްގެ ގޮތުން ސިންގަޕޫރަކީ ސިޔާސީ ހިމާޔަތް ދޭ ގައުމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

ސިއްރިއްޔާތުގައި އެއާފޯސްގެ ބޯޓެއްގައި ގޯޓާބަޔާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. ގާތްގަނޑަކަށް 35 ގަޑިއިރު ފަހުން ސައުދީ އެއާލައިންގެ ބޯޓެއްގައި ރާއްޖެއިން ފުރާވަޑައިގަތީ ސިންގަޕޫރުން ހިމާޔަތްދޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ވެސް ބޭރުގެ ނޫސްތަކުން ބުންޏެވެ.

ގޯޓާބަޔާ އާއި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ އަދި ދެ ބޮޑީގާޑުން ސިންގަޕޫރަށް ވަޑައިގަންނަން އެންމެ ފުރަތަމަ އުޅުއްވީ ސިންގަޕޯ އެއާލައިންސްގަ އެވެ. ނަމަވެސް ސެކިއުރިޓީ ސަބަބުތަކާ ހެދި ރޭ ފުރާވަޑައިނުގެންނެވީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލަންކާގެ ރައީސާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ބަޔަކު ނުކުތީ އިގްތިސޯދީ ހާލަތު ދަށްވެ، ކަންކަން މެނޭޖު ކުރުމުގައި ބޮއްސުންލައިގެން ދިއުމުންނެވެ.