Roadha Mihaaru
މިސްޓަ އޭޝިއާގެ މަގާމު އިންޑިއާގެ ޔަތިންދްރަ ސިންހްއަށް

މިސްޓަ އޭޝިއާގެ މަގާމު އިންޑިއާގެ ޔަތިންދްރަ ސިންހް އަށް، އެއްވަނަ ޓީމަކަށް ވެސް އިންޑިއާ

20 ޖުލައި 2022

އޭޝިއާ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިސްޓަ އޭޝިއާގެ ޓައިޓަލް އިންޑިއާގެ ޔަތިންދްރަ ސިންހް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޭޝިއާ ބޮޑީ ބިލްޑިން އަދި ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕްގެ މިސްޓަ އޭޝިއާގެ ޓައިޓަލް އިންޑިއާގެ ޔަތިންދްރަ ސިންހް ހޯދައިފި އެވެ.

ބޮޑީ ބިލްޑިން ކެޓަގަރީގެ ހުރިހާ ޗެމްޕިއަނުންގެ ތެރެއިން ހޮވާ މިސްޓަ އޭޝިއާގެ ކެޓަގަރީ އަށް ޔަތިންދްރަ ދަތުރުކުރީ، ބޮޑީ ބިލްޑިން ކެޓަގަރީގެ 85 ކިލޯގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

މިސްޓަ އޭޝިއާގެ ފައިނަލުގައި ބޮޑީ ބިލްޑިން 55 ކިލޯގެ ކެޓަގަރީގައި ރަން މެޑަލް ހޯދި މުހައްމަދު މޫސާ (މޯޑް) ވެސް ވާދަކުރި އެވެ. މިއަދުގެ ފައިނަލާއެކު އޭނާ ވެފައި ވަނީ އޭޝިއާގެ ބޮޑީ ބިލްޑިން މުބާރާތުގެ މިސްޓަ އޭޝިއާ ކެޓަގަރީގައި ވާދަކުރި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

ޗެމްޕިއަންސް އޮފް ޗެމްޕިއަންސްގެ ތެރެއިން ހޮވާ މިސްޓަ އޭޝިއާގެ ފައިނަލުގައި ވާދަކުރި 10 އެތުލީޓުންގެ ތެރެއިން ހަ މީހުންނަކީ އިންޑިއާގެ އެތުލީޓުންނެވެ. މުބާރާތުގެ އެއްވަނަ ޓީމަކަށް ހޮވުނީ ވެސް އިންޑިއާ އެވެ.

ދެން ހިމެނެނީ ރާއްޖޭގެ މޯޑްގެ އިތުރުން ތައިލެންޑާއި އިރާން އަދި މެލޭޝިއާ އިން، ކޮންމެ ގައުމަކުން އެތުލީޓެކެވެ. މުބާރާތުގެ ދެވަނަ ޓީމަކީ ތައިލެންޑެވެ. ތިންވަނަ ހޯދީ އިރާނެވެ.

އެންމެ މޮޅު ޓީމު ހޮވަނީ މުބާރާތުގައި އެ ގައުމަކުން ތަމްސީލު ކުރި އެތުލީޓުން ހޯދި ކާމިޔާބަށް ބަލައިގެންނެވެ. އެންމެ ގިނަ ރަން މެޑަލް ހޯދީ އިންޑިއާ އެވެ. އަދި ޖުމުލަކޮށް އެންމެ ގިނަ މެޑަލް ހޯދީ ވެސް އެ ގައުމުގެ އެތުލީޓުންނެވެ.

ރާއްޖޭގައި ކުރިއަށް ގެންދިޔަ މުބާރާތުގެ މިސްޓަ އޭޝިއާގެ ފައިނަލަށް ފަހު އެތުލީޓުންގެ އިވެންޓްތައް މިއަދު ވަނީ ނިމިފަ އެވެ.

އަންނަ އަހަރުގެ މުބާރާތް އޮންނާނީ ނޭޕާލްގަ އެވެ.

ކ. މާފުށި އަދި ކްރޮސް ރޯޑްގައި ކުރިއަށް ގެންދިޔަ މުބާރާތަކީ ބޮޑީ ބިލްޑިން ތާރީހުގައި ރާއްޖެ އަށް ކާމިޔާބު މުބާރާތެއް ކަމަށް ބޮޑީ ބިލްޑިން އެސޯސިއޭޝަނުން ބުނެ އެވެ. ރާއްޖެއިން ކަނޑައެޅީ ޖުމުލަ 10 މެޑަލް ހޯދުމަށެވެ. އެކަމަކު ރާއްޖެ އަށް ހަ މެޑަލް ހޯދުނަސް މިއީ އޭޝިއާ ބައްރުގެ މުބާރާތެއްގައި ރާއްްޖެ އިން ހޯދި އެންމެ ބޮޑު ކާމިޔާބެވެ.

ރާއްޖެއިން ތިން ރަން މެޑަލް ހޯދި އެވެ. މިދިޔަ އާދިއްތަ ދުވަހު ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ސްޕޯޓް ފިޒިކް 170 ސީއެމް ކެޓަގަރީން ރަން މެޑަލް ހޯދައިފަ އެވެ. އެއީ އޭޝިއާ ބައްރުގެ މުބާރާތެއްގައި އަމިއްލަ ގައުމުގައި ވާދަކޮށް ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑައްޔެވެ. ދެން ރަން މެޑަލް ހޯދީ މޯޑް އާއި އެތުލެޓިކް ފިޒިކް 175 ސީއެމް ކެޓަގަރީން ރަން މެޑަލް ހޯދި ހުސައިން ހިމްޔާން އެވެ.

އެތުލެޓިކް ފިޒިކް 160 ސީއެމް ކެޓަގަރީގެ ރިހި މެޑައްޔާއި ބްރޯންޒް މެޑަލް ވެސް ރާއްޖޭގެ އެތުލީޓުން ހޯދި އެވެ. ރިހި މެޑަލް ހޯދީ ރާއްޖޭގެ ފަތުހުﷲ މުހައްމަދެވެ. ބްރޯންޒް މެޑަލް ހޯދީ މުހައްމަދު ޒިދާނެވެ. މިދިޔަ އާދިއްތަ ދުވަހު، އޯވާ 180 ސީއެމް ކެޓަގަރީގައި ވާދަކޮށް މުހައްމަދު އިމްރާހް ވެސް ބްރޯންޒް މެޑަލް ހޯދި އެވެ.