Roadha Mihaaru
ޗެމްޕިއަން މާޒިޔާ އަށް ޔޫވީ އަތުން ފަސޭހަ މޮޅެއް

ޗެމްޕިއަން މާޒިޔާ އަށް ޔޫވީ އަތުން ފަސޭހަ މޮޅެއް

26 ޖުލައި 2022

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރު ވެފައިވާ މާޒިޔާއިން، މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް 4-0 ން މޮޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރު ވެފައިވާ މާޒިޔާއިން، މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ އާ ދެކޮޅަށް 4-0 ން މޮޅުވެއްޖެ އެވެ.

މާޒިޔާ އަށް ލީގު ހޯދައިދިން ކޯޗު މިއޮޑްރަގް ޖެސިޗް ވަނީ މިދިޔަ އާދިއްތަ ދުވަހު ޓީމު ދޫކޮށް ފުރައިފަ އެވެ. ދެ ފަރާތް އެއްބަސްވެ މާޒިޔާއިން އޭނާގެ ކޮންޓްރެކްޓް އުވާލީ، ސައުދީ އަރަބިއާގެ ކްލަބަކާ ހަވާލުވާން އޭނާ އަށް ފުރުސަތު ލިފައި އޮތުމުންނެވެ. މިއަދުގެ މެޗުގައި ޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު އަހްމަދު ޝުޒައިރު އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި މާޒިޔާގެ ފުރަތަމަ ތިން ލަނޑު އެ ޓީމުން ޖެހީ ފުރަތަމަ ހާފުގަ އެވެ. މިދިޔަ ހުކުރު ދުވަހު، ދަ ގްރާންޑޭ އާ ދެކޮޅަށް ކުޅުނު މެޗުން ލީގު ކަށަވަރު ވެފައި ވުމުން މިއަދު ޔޫވީ އާ ދެކޮޅަށް ނެރުނު ޓީމަށް އެ ޓީމުން ވަނީ ބަދަލު ގެނެސްފަ އެވެ. ދެވަނަ ފުރަތަމަ ހާފުގައި ތިން ވަނަ ކީޕަރު އަިޔާން އަބްދުލް އަލީމް ގޯލް ބެލެހެއްޓި އެވެ. ދެވަނަ ހާފަށް ނުކުތީ ދެވަނަ ކީޕަރު ހުސައިން ޝަރީފެވެ.

މާޒިޔާގެ ފުރަތަމަ ލަނޑު ނާއިޒު ހަސަން (ދާދު) ޖެހީ މެޗުގެ 13 ވަނަ މިނެޓްގަ އެވެ. އޭރިއާގެ އަރިމަތިން އިބްރާހިމް ވަހީދު ހަސަން އަރައި ގޯލް ކުރިމައްޗަށް ބޯޅަ ހުރަސްކޮށް ދިނުމުން އެ ބޯޅަ މުޅިން ތަނަވަސްވީ ނާއިޒު އަށެވެ. އޭނާ ވަނީ ފަސޭހަ ކަމާއެކު ބޯޅަ ފޮނުވައިލައިފަ އެވެ.

އޭގެ ދެ މިނެޓް ފަހުން މާޒިޔާގެ ދެވަނަ ލަނޑު ހަމްޒާ މުހައްމަދު (ހަމްޕް) ޖެހީ، ޔޫވީގެ ޑިފެންސުން އަލީ ހަމްދާން އަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. ޔޫވީގެ އޭރިއާގެ ބޭރުން ހަމްދާން ފަހަތަށް ބޯޅަ ޖައްސާލީ ފަހަތުގައި ހުރި ޑިފެންޑަރަށް ދިނުމަށެވެ. އޭނާ އަށް ރަނގަޅަށް ބޯޅަ ފޮނުވައި ނުލެވުނެވެ. އޭރިއާ ތެރެއަށް ދިޔަ ބޯޅަ ހޯދައި ހަމްޒާ ވަނީ ކީޕަރު ތޮލާލް ހަސަން (ޓޮޕްލެކް) ކަޓުވާލުމަށް ފަހު ގޯލްގެ ތެރެއަށް ވައްދައިލައިފަ އެވެ.

ތިންވަނަ ލަނޑު އިބްރާހިމް ވަހީދު ޖެހީ، މޫސާ ޔާމީން (ޔާންބެ) ދިން ފުރުސަތަކުންނެވެ. ޔޫވީގެ އޭރިއާގެ ބޭރުން ހަމްޒާ ދިން ބޯޅަ ހިފައިގެން ޔާމީން އޭރިއާ ތެރެއަށް ވަނެވެ. އޭނާ އަށް ބޯޅަ ފޮނުވާލަން ފުރުސަތު ލިބުނެވެ. އެކަމަކު ޔޫވީގެ ޑިފެންޑަރުން ކުރިމަތީގައި ތިބުމުން އޭނާ ބޯޅަ ނަގައިދިނީ ގޯލްގެ ކުރިމައްޗަށެވެ. އިއްބެ ތިރިތިރިން ބޯޅަ ފޮނުވާލީ ގޯލްގެ ތިރީ ކަނަށެވެ.

ޔޫވީ އާއި މާޒިޔާ މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން ފޮޓޯ: އެފްއޭއެމް

ޔޫވީ އާއި މާޒިޔާ މިއަދު ހަވީރު ކުޅުނު މެޗުގެ ތެރެއިން ފޮޓޯ: އެފްއޭއެމް

މާޒިޔާގެ ހަތަރު ވަނަ ލަނޑު ޔާމީން ޖެހީ މެޗުގެ 2 ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖެހުމުގައި އޭނާގެ އިންޑަވިޖުއަލް ހުނަރު ވަރަށް ރަނގަޅަށް ބޭނުން ކުރި އެވެ. އޭރިއާގެ ބޭރުން ލިބުނު ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ޔޫވީގެ ޑިފެންޑަރުން ކައިރިން ދެ ފަހަރަށް ނައްޓައިލައި ބޯޅަ ފޮނުވާލަން ޖާގަ ހޯދި އެވެ. އޭނާ ވަނީ ގޯލްގެ މަތީ ކަނަށް ބޯޅަ ފޮނުވައިލައިފަ އެވެ.

މާޒިޔާ އަށް މިހާރު ލިބިފައި ވަނީ 57 ޕޮއިންޓެވެ. ލީގުގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު މާޒިޔާއިން ނުކުންނާނީ ކްލަބް އީގަލްސް އާ ދެކޮޅަށެވެ. ލީގުގެ ޗެމްޕިއަން ޝީލްޑް ހަވާލު ކުރާނީ އެ މެޗަށް ފަހު އެވެ.