Roadha Mihaaru
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ

ގައުމީ ޓީމުން ފެނުނީ ކްލަބްތަކުން ކުރި މަސައްކަތް، އެކަމަކު އަގުވަޒަނެއް ނުކުރެވޭ

27 މާޗް 2022

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމުން ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗަށް ފުޓްބޯޅައިގެ ތަޖުރިކާރުން ތައުރީފްކުރި އެވެ. މޮޅު ގޭމެއްގައި ފެންނާނެ ހުރިހާ ކަމެއް މެޗުން ފެނިގެން ދިޔަ ކަމަށް ތަޖުރިބާކާރު ކޯޗަކު ބުންޏެވެ. ބޯލް ޕޮސެޝަން ޑޮމިނޭޓްކޮށް އެޓޭކިން ފުޓްބޯޅައެއް ކުޅުނުކަން އޭނާ ފާހަގަކުރި އެވެ.

ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ފުޓްބޯޅަ ޓީމުން ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗަށް ފުޓްބޯޅައިގެ ތަޖުރިކާރުން ތައުރީފްކުރި އެވެ. މޮޅު ގޭމެއްގައި ފެންނާނެ ހުރިހާ ކަމެއް މެޗުން ފެނިގެން ދިޔަ ކަމަށް ތަޖުރިބާކާރު ކޯޗަކު ބުންޏެވެ. ބޯލް ޕޮސެޝަން ޑޮމިނޭޓްކޮށް އެޓޭކިން ފުޓްބޯޅައެއް ކުޅުނުކަން އޭނާ ފާހަގަކުރި އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރަށް ފަހު މުޅި ޓީމު އެއްކޮށްލައިގެން ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ އަށް ޕްރެކްޓިސްކޮށް ލެވުނީ އެންމެ ތިން ދުވަހު އެވެ. އެކަމަކު މެޗުގައި ފެނުނީ ކުޅުންތެރިން ރަނގަޅު ރޫހެއްގައި ތިބި ތަނަވެ. މެޗުން ފުރުސަތު ދިން ޒުވާން ކުޅުންތެރިން ދެއްކި ކުޅުމާއި ބަދަލުގައި އެރި ކުޅުންތެރިންގެ ކުޅުން ވެސް ގިނަ ބަޔަކު ފާހަގަކުރި އެވެ.

"މި ފެނުނީ ކްލަބްތަކުން ކޮށްފައި އޮތް ރަނގަޅު މަސައްކަތެއް،" ބަންގްލަދޭޝްއާ ދެކޮޅަށް ގައުމީ ޓީމުން ކުޅުނު މެޗާ ބެހޭގޮތުން ވެލެންސިއާގެ ކޯޗު އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުންޏެވެ.

ބަންގްލަދޭޝް ކޮޅަށް ލަނޑު ޖެހުމަށް ފަހު ހަސަން ރާއިފް އަހްމަދު (ހަންނަ) އުފާފާޅުކުރަނީ، އޭނާ ދަނީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ބަންގްލަދޭޝް ކޮޅަށް ލަނޑު ޖެހުމަށް ފަހު ހަސަން ރާއިފް އަހްމަދު (ހަންނަ) އުފާފާޅުކުރަނީ، އޭނާ ދަނީ އީގަލްސްގައި މޮޅު ކުޅުމެއް ދައްކަމުން -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"މީގެ ކުރިން ކިޔާނެ ޓީމު ޒުވާން ކުރާ ވާހަކަ. އެކަމަކު އެހެން ބުނެފައި ޓީމަށް ގިނަ ފަހަރު ނަގަނީ ކްލަބްގައި އެކަށީގެންވާ މިންވަރަށް މެޗުތަކެއް ނުކުޅޭ ކުޅުންތެރިން. އެކަމަކު މިފަހަރު އެރި ޒުވާން ކުޅުންތެރިންނަކީ ކްލަބްގައި ގިނަ މެޗުތަކެއް ކުޅުނު ކުޅުންތެރިން. ހަންނަ (ހަސަން ރާއިފް އަހްމަދު) ވިއަސް. ޗޯޓް (ހަސަން ނަޒީމް) ޔާން (އަބްދުﷲ ޔާމީން) ވިޔަސް ކްލަބްގައި ރަނގަޅަށް ޕާފޯމްކޮށްފައި ގައުމީ ޓީމަށް މިއެރީ."

ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި ކުޑަ ހީނާ ބުނިގޮތުގައި ކްލަބް ފުޓްބޯޅަ މެދުނުކެނޑި ކުރިއަށް ދިއުމަކީ ގައުމީ ޓީމަށް ވެސް އެންމެ ރަނގަޅު ގޮތެވެ. ކްލަބްގައި ވެސް ރަނގަޅަށް ކުޅޭ ކުޅުންތެރިން ގައުމީ ޓީމުގައި ހިމެނައިގެން ކުރިއަށްދާނަމަ ޓީމުން ތަފާތު ފެންނާނެކަން އޭނާ ފާހަގަކުރި އެވެ.

"ޕްރެޒިޑެންޓްސް ކަޕާއި ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުތަކާ އެކު ކޮންމެ ކްލަބަކުން 16 ވަރަކަށް މެޗު ކުޅެފައި ގައުމީ ޓީމު މެޗަށް މިދިޔައީ. އަދި މެޗުގައި ކުޅުނު ގިނަ ކުޅުންތެރިންނަކީ ކްލަބްގައި ވެސް ގިނަ މެޗުުތަކެއް ކުޅެފައިވާ ކުޅުންތެރިން ކަމަށް ވުމުން އޭގެ ޕޮޒިޓިވް އެ ފެނުނީ،" ވެލެންސިއާ އަށް ޕްރެޒިޑެންްޓްސް ކަޕް ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

އޭނާ ބުނީ ކީޕަރު މުހައްމަދު ފައިސަލް ފިޔަވައި ދެން ކޮންމެ މަގާމެއް ވެސް ރިޕްލޭސް ކުރެވޭނެ ފެންވަރުގެ ކުޅުންތެރިންގެ ލީގުގައި ފެނިގެން ދިޔަ ކަމަށެވެ.

ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން: ކްލަބްގައި މޮޅަށް ކުޅުނު ކުޅުންތެރިން ފުރަތަމަ 11 ގައި ހިމެނުމުން ތަފާތު ފެނުނު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން: ކްލަބްގައި މޮޅަށް ކުޅުނު ކުޅުންތެރިން ފުރަތަމަ 11 ގައި ހިމެނުމުން ތަފާތު ފެނުނު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

"ހަގީގަތުގައި ރާއްޖޭގައި މިހާރު ކުޅޭ ބިދޭސީ ކީޕަރުންނަށް ވުރެ ވެސް އަހަންނަށް ފައިސަލްގެ ކުޅުން ރަނގަޅު،" ވެލެންސިއާގައި ފައިސަލް އަށް އިރުޝާދު ދޭ ކޯޗު ބުންޏެވެ.

"އެއީ އޭނާ އަކީ ފައިން ވެސް ކުޅޭ ކީޕަރެއް. މިހާރު ބަދަލުވެގެން އަންނަ ފުޓްބޯޅައިގައި ކީޕަރުގެ ޕޮޒިޝަނުން ފަށައިގެން ޓީމުގެ ގޭމް ބިލްޑްއަޕް ވަމުންދާނީ. އެގޮތަށް ކުޅެން ބެލިޔަސް ފައިސަލްގެ ކުޅުން ރަނގަޅު."

އޭނާ ބުނީ ޓީމުގައި ހިމެނެން ޖެހޭނެ ފެންވަރުގެ ކުޅުންތެރިން ޓީމުގައި ނުހިމެނި އެބަތިބި ކަމަށެވެ. އޭގެ ތެރޭގައި މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް ވަހީދު ހަސަން (އިއްބެ) ހިމެނޭ ކަމަށް ހީނާ ބުންޏެވެ.

"އަހަންނަށް ގަބޫލު ކުރެވެނީ ކުރިއަށް އޮތް ތަނުގައިި އިއްބެ ވެސް ހިމަނައިގެންނޭ ގައުމީ ކޯޗު ކުރިއަށްދާނީ."

ކްލަބްތަކުގެ މަސައްކަތް އަގުވަޒަން ނުކުރެވޭ

ކްލަބްތަކުން ކުރި މަސައްކަތް ގައުމީ ޓީމުގެ ނަތީޖާގައި މުހިންމު ހިއްސާއެއްވާއިރު ގިނަ ފަހަރަށް ކްލަބްތަކުގެ އަގުވަޒަން ނުކުރެވޭކަން ކްލަބެއް ހިންގެވުމުގައި އިސްކޮށް އުޅުވާ ބޭފުޅަކު ވިދާޅުވި އެވެ.

"ކޮވިޑް ތެރޭގައި ވެސް ކުޅިވަރު ހިފެހެއްޓީ ކްލަބްތަކުން. ހަމައެކަނި ފުޓްބޯޅަ ކްލަބްތަކުގެ ވާހަކައެއް ނޫން. އެހެން ކުޅިވަރުތަކުގައި ވެސް ކްލަބްތަކުން ކުރި މަސައްކަތް،" ފުރަތަމަ ޑިވިޝަންގައި ވާދަކުރަމުން އަންނަ ކްލަބެއްގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

"ހަގީގަތުގައި ކްލަބެއް ނެތިއްޔާ އެސޯސިއޭޝަނެއް ވެސް ނޯންނާނެ. އެކަމަކު ޔޫތު މިނިސްޓްރީން ސްޕޯޓްސް އެވޯޑެއް ދިން އިރު ކްލަބެއްގެ މަސައްކަތް އަގުވަޒަން ކުރާނެ ކެޓަގަރީއެއް ނެތްކަން އެއީ ދެރަކަމަކީ. އެކްޓިވްކޮށް ހިންގާ 50 ކްލަބް ރާއްޖޭގައި އޮތްއިރު އެންމެ ކުޑަމިނުން އެއިން ކްލަބެއްގައި މަސައްކަތް ކުރާ މީހަކަށް ދައުވަތެއް ނުދޭ."

އެފްއޭއެމުން ކްލަބްތަކަށް ދޭން ޖެހޭ ފައިސާ އަދި ވެސް ނުދެ އެވެ. ކްލަބްތަކަށް ދޭން ޖެހޭ ފައިސާ ދޫކޮށްފައި ނުވުމުން، އެއެސޯސިއޭޝަންގެ ކުރީގެ ރައީސް އަލީ އާޒިމް ވަނީ އެފްއޭއެމް އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.