Roadha Mihaaru
އަންނަ އަހަރު ކައުންސިލްތަކަށް 1.6 ބިލިއަންގެ އެހީ!

އަންނަ އަހަރު ކައުންސިލްތަކަށް 1.6 ބިލިއަން ރުފިޔާ އެހީ ދެނީ

02 އޯގަސްޓް 2022

ސަރުކާރުން ދޭ "ބްލޮކް ގްރާންޓް" ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 1.6 ބިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ސަރުކާރުން ދޭ "ބްލޮކް ގްރާންޓް" ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 1.6 ބިލިއަން ރުފިޔާ ދޭން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ބަޖެޓާ ގުޅޭ ސާކިއުލާގައި ވަނީ އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި ވަކި ވަކި ކައުންސިލްތަކަށް ދޭން ލަފާ ކުރާ އަދަދުތައް އާންމުކޮށްފަ އެވެ. އަންނަ އަހަރު ހިލޭ އެހީގެ ގޮތުގައި އެންމެ ބޮޑު އަދަދެއް ދެނީ މާލޭ ސިޓީ ކައުންސިލަށެވެ. އެ ކައުންސިލަށް 166 މިލިއަން ރުފިޔާ ހަމަޖައްސާފައިވެ އެވެ. އެއީ ކައުންސިލްތަކަށް ޖުމްލަ ދޫކުރާ ހިލޭ އެހީގެ 10 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ބޮޑު އަދަދެއް ދެނީ އައްޑޫ ސިޓީ ކައުންސިލަށެވެ. އެ ކައުންސިލަށް 75 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ދެ އެވެ. ތިން ވަނައަށް އެންމެ ބޮޑު ބަޖެޓެއް ދެނީ ފުވައްމުލަކު ސިޓީ ކައުންސިލަށެވެ. އެ ކައުންސިލަށް 48 މިލިއަން ރުފިޔާ ދޭ އިރު ކުޅުދުއްފުށި ސިޓީ ކައުންސިލަށް 36 މިލިއަން ރުފިޔާ ދޭން ވަނީ ކަނޑައަޅައިފަ އެވެ.

ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް އަންދާޒާކުރާ ބަޖެޓުގައި ކައުންސިލްތަކަށް ދޫކުރާ ހިލޭ އެހީގެ 20 ޕަސެންޓް ދޫކުރަނީ ހަތަރު ސިޓީ ކައުންސިލަށެވެ.

ހިލޭ އެހީ އެންމެ ގިނައިން ލިބޭ ރަށު ކައުންސިލްތައް

- ގދ ތިނަދޫ ކައުންސިލް: 25 މިލިއަން ރުފިޔާ

- ލ. ގަމު ކައުންސިލް: 20.2 މިލިއަން ރުފިޔާ

- ޅ. ނައިފަރު ކައުންސިލް: 19.9 މިލިއަން ރުފިޔާ

- ރ. ދުވާފަރު ކައުންސިލް: 16 މިލިއަން ރުފިޔާ

- ހއ. ދިއްދޫ ކައުންސިލް: 15 މިލިއަން ރުފިޔާ

- ކ. މާފުށި ކައުންސިލް: 15 މިލިއަން ރުފިޔާ

- ގއ. ވިލިނގިލި ކައުންސިލް: 15 މިލިއަން ރުފިޔާ

ފިނޭންސް މިނިސްޓްރީން ބުނީ ބްލޮކް ގްރާންޓްގެ ގޮތުގައި އަންނަ އަހަރަށް ކަނޑައަޅާފައިވާ މި އަދަދުތައް މުރާޖާ ކުރާނެ އެވެ. އެހެންނަމަވެސް ބަޖެޓުގައި ލަފާ ކުރާ އަދަދުތަކަށް ބަލައިގެން ކައުންސިލްތަކުން އަންނަ އަހަރުގެ ބަޖެޓު އެކުލަވައިލަން އެދިފައިވެ އެވެ.

ކައުންސިލްތަކުން ބަޖެޓު ހުށަހެޅުމުގައި ސަރުކާރުންދޭ ބްލޮކް ގްރާންޓާއި ސަރުކާރުގެ އިދާރާތަކުން ކޮންޑިޝަނަލް ގްރާންޑުގެ ގޮތުގައި ދޭ އަދަދާއި ޓްރަސްޓް ފަންޑާއި ކައުންސިލްތަކަށް ދޭ އިތުރު މައުލޫމާތު ވެސް ހިމަނަން ވާނެ އެވެ. ކައުންސިލްތަކުން 2023 ވަނަ އަހަރުން 2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓުގެ ތަފްސީލު އަންނަ މަހުގެ 15 ގެ ކުރިން ހުށަހަޅަން ވަނީ އެދިފަ އެވެ.

މިއަހަރަށް ބްލޮކް ގްރާންޓްގެ ގޮތުގައި 1.5 ބިލިއަން ރުފިޔާ ކައުންސިލްތަކަށް ދޫކުރަން ވަނީ ނިންމައިފަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 20 ޕަސެންޓް އިތުރު އަދަދެކެވެ. ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހައި ހަމައަށް ކައުންސިލްތަކަށް 850 މިލިއަން ރުފިޔާ ބްލޮކް ގްރާންޓުން ދޫކޮށްފަ އެވެ.

ކައުންސިލްތައް މާލީގޮތުން ބާރުވެރިކޮށް، ހިންގުން ފަސޭހަ ކުރުމަށް ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގެނެސްފައިވެ އެވެ.

ކައުންސިލްތަކަށް 2020 ވަނަ އަހަރުން ފެށިގެން ބަޖެޓު ދޭ ގޮތް ބަދަލުކޮށް، ''ބްލޮކް ގްރާންޓް'' ނުވަތަ މަރުކަޒީ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ފައިސާ އަންނަނީ ދެމުންނެވެ. ހިލޭ އެހީ ދޭ މިންވަރު ކަނޑައަޅަން ހަމަޖެހިފައި ވަނީ ދައުލަތުގެ އާމްދަނީގެ ބައިތަކާ ގުޅުވައިގެންނެވެ.