Roadha Mihaaru
އިތުރު ހައުސިން ޔުނިޓަށް 119މިލިއަން ޑޮލަރުގެ ލޯނެއް

އިތުރު 2،000 ހައުސިން ޔުނިޓަށް 119 މިލިއަން ޑޮލަރުގެ ލޯނެއް އެގްޒިމް ބޭންކުން ދެނީ

02 އޯގަސްޓް 2022

މާލެ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މާލެ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 119 މިލިއަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފި އެވެ.

މިކަން އިއުލާންކުރެއްވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ހެނދުނު ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގްޒިމް ބޭންކުން މިދިޔަ އަހަރު ވަނީ ހުޅުމާލޭގައި 4،000 ހައުސިން ޔުނިޓް އިމާރާތްކުރަން 228 މިލިއަން ޑޮލަރު، ބަޔާޒް ކްރެޑިޓްގެ ގޮތުގައި އިތުރުކޮށް ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެކު އެއްބަސްވުމަކަށް އައިސްފަ އެވެ. އެ ފައިސާގެ ތެރެއިން، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް މިދިޔަ އަހަރު ޑިސެމްބަރުގައި 34 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ.

އެ ފްލެޓްތައް އިމާރާތްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ.

ހުޅުމާލޭގައި ތަރައްގީކުރާ އެ 4،000 ފްލެޓަށް ކުރިމަތިލާން މިދިޔަ މަހު ސަރުކާރުން ވަނީ ހުޅުވާލައިފަ އެވެ. އެ ފްލެޓް ދޫކުރަނީ މާލޭ މީހުންގެ އިތުރުން މާލޭގައި އުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ރަށްރަށުގެ މީހުންނަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އިންޑިއާގެ އެހީއާ އެކު މި ސަރުކާރުން ހިންގާ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލާ ތިލަމާލެ ބްރިޖުގެ ފުރަތަމަ ތަނބުގެ ބިންގާ ވެސް އަޅުއްވައިދެއްވައިފަ އެވެ.