Roadha Mihaaru
ފުވައްމުލަކު ކަރަންޓް މައްސަލައަށް ވަގުތީ ހައްލެއް

ފުވައްމުލަކު ކަރަންޓު މައްސަލައަށް ވަގުތީ ހައްލެއް ހޯދައިދީފިން: ފެނަކަ

07 ޖޫން 2016

ފުވައްމުލަކުން ކަރަންޓް ކެނޑޭ މައްސަލާގައި ވަގުތީ ހައްލަކާ އެކު މުޅި ރަށަށް ކަރަންޓް ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ފުވައްމުލަކުން ކަރަންޓް ކެނޑޭ މައްސަލާގައި ވަގުތީ ހައްލަކާ އެކު މުޅި ރަށަށް ކަރަންޓް ދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.

އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ދަޑިމަގާއި ހޯދަޑާއި ދިގުވާޑު އަވަށުން ކަރަންޓްގެ ހިދުމަތް މެދުކެނޑުނީ ޓްރާންސްފޯމަރަކަށް އަޅާފައިވާ ކޭބަލަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކަމަށެވެ. ވަގުތީ ހައްލަކަށް ދާން ޖެހުނީ، ފެނަކަ އިން ބުނިގޮތުގައި، އެއީ ރާއްޖެ އިން ގަންނަން ލިބޭ ސައިޒުގެ ކޭބަލަކަށް ނުވާތީ އެވެ.

ކޭބަލް ރާއްޖެ އިން ބޭރުން ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ އިން ބުންޏެވެ.

ފެނަކައިން ބުނިގޮތުގައި ފުވައްމުލަކު ކަރަންޓްގެ ހާލަތު ރަނގަޅުކުރަން ވޭތުވެދިޔަ ދެ އަހަރު ތެރޭގައި ވަނީ އެއް މެގަވޯޓުގެ ދެ އިންޖީނާއި ހަތަރު ޖެންސެޓުގެ ސިންކްރޮނައިޒްގެ ޕެނަލް ބޯޑަކާއި ހަތަރު ޓްރާންސްފޯމާ ފޮނުވައިފަ އެވެ. އަދި ފުވައްމުލަކުގެ ނެޓްވޯކް އަޕްގްރޭޑްކުރަން އިތުރު ޓްރާންސްފޯމާއެއް ހޯދަމުން އަންނަ ކަމަށް ވެސް ފެނަކަ އިން ބުންޏެވެ.

ފުވައްމުލަކު ކަރަންޓް މައްސަލަ އަށް ވަގުތީ ހައްލެއް ހޯދައިދިންއިރު، އަވަސް އަވަހަށް ކަރަންޓް ކެނޑޭތީ ގޭގޭ އިލެކްޓްރޯނިކް ގިނަ ސާމާނުތަކެއް ވެސް ހަލާކުވެފައިވާ ކަމަށް ބުނެ ބައެއް މީހުން ވަނީ ޝަކުވާކޮށްފަ އެވެ. އަދި މިއަދު ހަވީރު އެ ރަށުގައި ވަނީ މި މައްސަލާގައި އިހުތިޖާޖު ވެސް ކުރި އެވެ.