Roadha Mihaaru
ފިހާރައެއްގައި މީހަކަށް ޖިންސީ ގޯނާކުރިކަން ސާބިތެއްނުވި

ފިހާރައެއްގައި މީހަކަށް ޖިންސީ ގޯނާ ކުރިކަން ބިދޭސީއެއްގެ މައްޗަށް ސާބިތެއް ނުވި

08 އޯގަސްޓް 2022

މާލޭގައި ފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި ފިހާރައަކަށް ދިޔަ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދައުވާ ލިބުނު ބިދޭސީއެއްގެ މައްޗަށް ކުށް ސާބިތުނުވެ، މިއަދު ސަލާމަތްވެއްޖެ އެވެ.

ބަންގްލަދޭޝްގެ މީހެއްގެ މައްޗަށް ޖިންސީ ގޯނާކުރުމުގެ ދައުވާ ދައުލަތުން ކުރީ އޭނާ މަސައްކަތްކުރި ފިހާރައަކަށް އޮގަސްޓް 2020 ގައި ދިޔަ އަންހެނެއްގެ ޖިންސީ ގުނަވަނުގައި ހިފާފައިވާތީ އެވެ. ދައުވާގައިވާ ގޮތުން އޭނާ އެ އަމަލު ހިންގީ އަނިޔާ ލިބުނު މީހާ އާއި އޭނާގެ ކޮއްކޮއާ އެކު މިރުސް ގަންނަން އެ ފިހާރަ އަށް ދިއުމުންނެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވަނީ ޖިންސީ ގޯނާކުރި މަންޒަރު ލޮލަށް ފެނުނު އެއްވެސް މީހަކު ނެތް ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާގެ ކޮއްކޮ ވެސް ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް ކޯޓުގައި ބުނެފައިވާ ކަމަށާއި އެހެންވެ، އަނިޔާ ލިބުނު މީހާ ބުނާ ބުނުމެއް ފިޔަވައި އިތުރު ހެއްކެއް ނެތް ކަމަށް ހުކުމުގައި ވެ އެވެ.

ހުކުމުގައިވާ ގޮތުން ސައިންޓިފިކް އެއްވެސް ތަހުލީލެއް އެ މައްސަލައިގައި ކޮށްފައިވާ ކަން އެނގެން ނެތެވެ. އަދި ސީނަށް ދިޔަ ދެ ފުލުހުން ގާތު އަންހެން މީހާ ކިޔައިދިން ކިޔައިދިނުމާ ގުޅިގެން އެ ދެ ފުލުހުން ހެކިބަސް ދިނަސް، އެ އަށް ބާރުދޭ އިތުރު ހެކިތަކެއް ނެތް ކަމަށް ހުކުމުގައި ބުންޏެވެ.

އެހެންވެ، އެ ދައުވާ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށް ކޯޓުން ކަނޑައެޅީ އެވެ.