Roadha Mihaaru
ހަ މުބާރާތް ކާމިޔާބުކުރަން ރެއާލަށް އުނދަގޫ ވާނެ

ހަ މުބާރާތް ކާމިޔާބުކުރަން ރެއާލަށް އުނދަގޫ ވާނެ: އަންޗެލޮޓީ

10 އޯގަސްޓް 2022

ހެލްސިންކީ، ފިންލެންޑް (އޮގަސްޓް 10) - ޔުއެފާ ސުޕަ ކަޕް މެޗުން ރެއާލް މެޑްރިޑް މިރޭ ސީޒަން ފަށާއިރު، އެ ކުލަބަށް ހަ ޓްރޮފީ ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން އުނދަގޫ ވާނެ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ހެލްސިންކީ، ފިންލެންޑް (އޮގަސްޓް 10) - ޔުއެފާ ސުޕަ ކަޕް މެޗުން ރެއާލް މެޑްރިޑް މިރޭ ސީޒަން ފަށާއިރު، އެ ކުލަބަށް ހަ ޓްރޮފީ ކާމިޔާބު ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރަން އުނދަގޫ ވާނެ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ ވަނީ މިދިޔަ ސީޒަނުގައި ޗެމްއަންސް ލީގުގެ އިތުރުން ސްޕެނިޝް ސުޕަ ކަޕާއި ސްޕެނިޝް ލަލީގާ ވެސް ރެއާލް އަށް ކާމިޔާބު ކޮށްދީފަ އެވެ. ނަމަވެސް ކޮޕަ ޑެލް ރޭ އިން ކެޓީ ކުއާޓާ ފައިނަލާ ހަމައިންނެވެ.

ރެއާލުން މި ސީޒަނުގައި ޔޫއެފާ ސުޕަ ކަޕްގެ އިތުރުން، ސްޕެނިޝް ލަ ލީގާ އާއި ކޮޕަ ޑެލްރޭ އަދި ސްޕެނިޝް ސުޕަ ކަޕާއި ޗެމްޕިއަންސް ލީގް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް ކުޅޭނެ އެވެ.

"ހުރިހާ މުބާރާތެއްގައި ވެސް އަހަރެމެންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން، އެކަމަކު ހަ މުބާރާތް އެއްކޮށް ކާމިޔާބުކުރަން އުނދަގޫ ވާނެ، ވަރަށް ބޮޑަށް އުނދަގޫ ވާނެ، އެކަމަކު މިދިޔަ ސީޒަނަށް ވުރެ ޓީމު ވަރުގަދަ ވުމާ އެކު އިތުާރު އެބަ އޮތް،" އަންޗެލޮޓީ ބުންޏެވެ.

"އަހަރެމެން ދެ ކުޅުންތެރިއެއްގެ [އެންޓޯނިއޯ ރުޑިގާ އާއި އޮރޭލިއަން ޗުއަމެނީގެ] ސޮއި ހޯދިން، އެ ކުޅުންތެރިންގެ ސަބަބުބން ފިޒިކަލީ އަދި ޓެކްނިކަލީ ޓީމަށް ކުރިއެރުން ލިބިއްޖެ. އަދި މިއާ އެކު ޓީމުގަ ތިބި ވެޓެރަން ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިންގެ ގުޅުން ވެސް ވަރަށް ރަނގަޅު ވާނެ، އެއީ އެންމެ މުހިއްމު ކަންތައް."

މީގެ އިތުރުން އަންޗެލޮޓީ ވަނީ ޓީމުގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް ވެސް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އަދި ބެންޒެމާގެ މަގާމް ފުރާނެ އިތުރު ކުޅުންތެރިއަކު ހުރި ކަމަކަށް ވެސް އޭނާ ނުދެކެ އެވެ.

"ދުނިޔޭގެ އެންމެ މޮޅު ސްޓްރައިކަރު ގެއްލިއްޖެ ނަމަ ވަރަށް އުނދަގޫ ވާނެ، އެއީ އޭނާ ރިޕްލޭސް ކުރާނެ އިތުރު ކުޅުންތެރިއަކު ނެތް. އޭނާ ބަލި ވެއްޖެއްޔާ ވެސް އަހަރެމެން އެކަމަށް ހޭނެން ޖެހޭނީ. އެކަމަކު އަހަރެމެންގެ ފޯވާޑުންގެ ވަރަށް ދިގު ލިސްޓެއް އެބަ އޮތް،" މިދިޔަ ސީޒަނުގައި ރެއާލް އަށް ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު އަންޗެލޮޓީ ބުންޏެވެ.

"އަހަރެމެން ސުޕަ ކަޕް ކުޅެނީ މމިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްގެން. އަހަރެމެން މޮޅުވީ ހަމައެކަނި 11 ކުޅުންތެރިންނާ އެކު އެއް ނޫން، އެކަމަކު ވެސް ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅުނި ޓީމު ލައްވާ ކުޅުވަން އަހަރެން ގަސްދުކުރަނީ، އެހެން ނޫން ނަމަ ޓީމުން ދެ ބަދަލެއް ވަރު ފެނުން އެކަށީގެންވޭ."

ރެއާލް މެޑްރިޑުން ޔުއެފާ ސުޕަ ކަޕް މެޗުގައި މިރޭ ނުކުންނާނީ، މިދިޔަ ސީޒަންގެ ޔުއެފާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ޖަރުމަންގެ އެއިންޓްރަކް ފްރޭންކްފާޓާ ދެކޮޅަށެވެ. ފިންލެންޑުގެ ހެލްސިންކީ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅޭ މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރެވެ.