Roadha Mihaaru
ތަރައްގީވެފައިވާ ގައުމަކަށް އިންޑިއާ ހަދާނަން: މޯދީ

މޯދީގެ ވައުދު: އިންޑިއާ އަކީ ތަރައްގީވެފައިވާ ގައުމަކަށް 25 އަހަރުތެރޭ ހަދާނަން

16 އޯގަސްޓް 2022

ނިއު ދިއްލީ (އޯގަސްޓް 16) - ކުރިއަށް އޮތް 25 އަހަރު ތެރޭ އިންޑިއާ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވައުދުވެ ވަޑައިގެންފި އެވެ.

ނިއު ދިއްލީ (އޯގަސްޓް 16) - ކުރިއަށް އޮތް 25 އަހަރު ތެރޭ އިންޑިއާ އަކީ ތަރައްގީވެފައިވާ ގައުމަކަށް ހައްދަވާނެ ކަމަށް، އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ވައުދުވެ ވަޑައިގެންފި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއި ވޯލްޑް ބޭންކުން، މިހާރު އިންޑިއާ ހިމަނާފައި ވަނީ އެންމެ ބާރަށް ތަރައްގީ ވަމުން އަންނަ ގައުމުތަކުގެ ލިސްޓުގަ އެވެ.

އިނގިރޭސިންގެ ބާރުގެ ދަށުން އިންޑިއާ މިނިވަންވިތާ 75 އަހަރުފުރުން ފާހަގަކުރުމަށް އިއްޔެ ނިއު ދިއްލީގައި ބޭއްވި ހަފުލާގައި މޯދީ ވިދާޅުވި ގޮތުގައި ދުނިޔޭގެ ނަޒަރުގައި އިންޑިއާއިން ދަނީ ބޮޑު ބަދަލަކާ ދިމާލަށެވެ. އަދި ދުނިޔެއިން ދެކެނީ އިންޑިއާ އަކީ ބޮޑެތި މައްސަލަތައް ހައްލުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ގައުމެއްގެ ގޮތުގައި ކަމަށް، ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ މޯދީ ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ ސައިންސާއި ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއެރުން ހޯދުމާއި އިގްތިސާދީ ސިނާއަތްތައް ގާއިމްކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަން ހޯދުމަށް އިންޑިއާ އިން މަގުދައްކާނީ އެހެން ބަޔަކަށް ބަރޯސާ ނުވެ ގައުމު އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމުގެ އުސޫލުގައި ކަމަށެވެ. އަދި އެ ދާއިރާތަކުން އެހެން ގައުމުތަކަށް އިންޑިއާގެ އެހީ ފޯރުކޮށް ދިނުމަކީ އެ ގައުމުން ދަމަހައްޓާ ބައިނަލްއަގްވާމީ ގުޅުންތަކުގެ ރޫހު ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެ ގައުމަށް އައިސް އުފެއްދުންތެރިކަމުގެ ހަބަކަށް އިންޑިއާ ބަދަލުވަމުންދާ ކަމަށް ވެސް މޯދީ ވިދާޅުވި އެވެ.

"އިންޑިއާ އަކީ ކަންކަން އަމިއްލަ އަށް ކުރުމުގެ ގާބިލުކަން ހުރި ގައުމަކަށް ހެދުމަކީ ކޮންމެ ރައްޔިތެއްގެ ކޮންމެ ސަރުކާރެއްގެ އަދި މުޖުތަމައުގެ ކޮންމެ ގުނަނެއްގެ ޒިންމާއެއް،" ގުޖްރާތުގެ ޗީފް މިނިސްޓަރުކަން ވެސް ކުރިން ކުރެއްވި މޯދީ ވިދާޅުވި އެވެ.

އިންޑިއާގައި އޮތް ސިޔާސީ ކޮރަޕްޝަނާއި އާއިލީ ވެރިކަމުގެ އުސޫލުތައް އަލުން ހަރުލިޔަ ނުދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެއް އާއިލާއެއްގެ ނުފޫޒު އޮތް ކޮންގްރެސް ޕާޓީގެ ވެރިކަމަށް ނިމުން ގެނެސް 2014 ގައި ބޮޑު ވަޒީރު ކަމާ ހަވާލުވެ ވަޑައިގެންނެވި މޯދީ ވިދާޅުވި އެވެ.

ބޮޑުވަޒީރު ކަމާ މޯދީ ހަވާލުވެވަޑައި ގަތުމަށް ފަހު އޭނާ ވަނީ އިންޑިއާގެ ސިނާއީ އުފެއްދުންތެރިކަން އިތުރު ކުރުމަށް "މޭޑް އިން އިންޑިއާ" ގެ ނަމުގައި ކެމްޕޭނެއް ފައްޓަވައިފަ އެވެ. އެ ކެމްޕޭންގެ ދަށުން އިންޑިއާއިން އަމިއްލަ އަށް އުފެއްދި ހަތިޔާރުން އިއްޔެގެ ރަސްމިއްޔާތުގައި 21 ބަޑީގެ ސަލާމެއް މޯދީ އަށް އެރުވި އެވެ.

އެއަށް ފަހު ދެއްވި ތަގްރީރުގައި އޭނާ ވިދާޅުވީ ބުއްދި އާއި ރަނގަޅު އާދަތައް ބޭނުންކޮށްގެން އިންޑިއާގެ ރައްޔިތުން އިސްތިއުމާރާ ދެކޮޅަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

"އިސްތިޢުމާރީ ވެރިކަމުގެ 100 އަހަރު ތެރޭ އަޅުގަނޑުމެންގެ ޝުޢޫރުތަކައް ހުރަސްތައް ކުރިމަތިވި އަޅުގަނޑުމެންގެ ވިސްނުމާއި ފިކުރު އޮޅުވައިލި. އަޅުގަނޑުމެންގެ ކިބައިން ނުވަތަ އަޅުގަނޑުމެންގެ ވަށައިގެން ވިޔަސް އިސްތިއުމާރާ ގުޅުން ހުރި ކިތަންމެ ކުޑަ ކަމެއް ފެނުނަސް އެ ކަމެއް ނައްތާލަން މަސައްކަތް ކުރަން ޖެހޭނެ،" 90 މިނެޓުގެ ތަގުރީރުގައި މޯދީ ވިދާޅުވި އެވެ.