Roadha Mihaaru
ހުޅުމާލެ 2 ގެ ކްލިނިކަށް އާސަންދަ ލިބޭނެ

ހުޅުމާލެ 2 ގެ ކްލިނިކަށް އާސަންދަ ލިބޭނެ

18 އޯގަސްޓް 2022

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުޅުވާފައިވާ ހަމައެކަނި ކްލިނިކަށް އާސަންދަ ދިނުމަށް ހުއްދަ ދީފައިވާ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރެވުމުން އެ ހިދުމަތް ފެށޭނެ ކަމަށް އާސަންދަ ކުންފުނިން އިއްޔެ ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހުޅުވާފައިވާ ހަމައެކަނި ކްލިނިކަށް އާސަންދަ ދިނުމަށް ހުއްދަ ދީފައިވާ ކަމަށާއި އެއްބަސްވުމުގައި ސޮއިކުރެވުމުން އެ ހިދުމަތް ފެށޭނެ ކަމަށް އާސަންދަ ކުންފުނިން އިއްޔެ ބުނެފި އެވެ.

ލައިފް ސަޕޯޓު މެޑިކަލް ސާވިސަސްއިން ހިޔާގެ 12 ވަނަ ޓަވަރުގައި ހިންގާ "ހިޔާ މެޑިކަލް ސެންޓަރު" ހުޅުވީ މިދިޔަ ޖޫން 15 ގަ އެވެ. ނަމަވެސް، މިހާރު އެތައް ހާސް ބަޔަކު ދިރިއުޅޭއިރު އެ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކްލިނިކުން އާސަންދަ ނުލިބުމެވެ.

އެކަމާ ގުޅިގެން އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ އިންޝުއަރެންސްގައި އެމްޕެނަލް ވުމަށް ހިޔާ މެޑިކަލް އިން މިދިޔަ މަހުގެ ދެ ވަނަ ދުވަހު ހުށަހެޅުމުން އެކަން ޕްރޮސެސްކޮށް، އެންސްޕާގައި އޮންނަ ކަމާ ގުޅުންހުރި ކޮމިޓީގެ އެވްރޫވަލް ލިބިފައިވާ ކަމަށެވެ.

"ވެންޑާ ކްރިއޭޓްކުރުމަށް ފިނޭންސް މިނިސްޓްރީ އަށް ވަނީ މިހާރު ފޮނުވާފައި. ވެންޑާ ކްރިއޭޓް ވުމުން އެގްރިމެންޓްގައި ސޮއިކުރެވުމުން އެ ކްލިނިކްގައި އާސަންދަ ސްކީމްގެ ދަށުން ހިދުމަތް ދިނުން ފެށިގެންދާނެ،" އޮފިޝަލް ވިދާޅުވި އެވެ.

އާސަންދައިން ބުނީ އެ ހިދުމަތް ދިނުމަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް އެއްފަހަރާ ހަމައަށް ހުށަހަޅާނަމަ ރަސްމީ 45 ދުވަހުގެ ތެރޭގައި ހިދުމަތް ލިބޭނެ ކަމަށެވެ. އޭގެ ތެރޭގައި ފިނޭންސް މިނިސްޓްރީގައި ވެންޑާ ރަޖިސްޓްރީކުރަން 15 ވަރަކަށް ދުވަސް ނަގަ އެވެ.

ބޭނުންވާ ލިޔެކިޔުން ހަމަނުކޮށް ބައިބަޔަށް ހުށަހަޅާނަމަ އެއަށްވުރެ ދިގުމުއްދަތެއް ނަގާ ކަމަށް އާސަންދަ އިން ބުންޏެވެ.

އެއްބަސްވުމުގައި ސޮއިކުރާ ތާރީހުން ފެށިގެން އާއްމުންނަށް ހިދުމަތް ލިބިދިނުމާ ދޭތެރޭގައި އާއްމުކޮށް ނަގަނީ ތިން ދުވަހެވެ. އެކަމަކު، އެއްވެސް ސަބަބަކާ ހުރެ ލަސްކުރަން ޖެހިއްޖެ ނަމަ ދެ ފަރާތުން އެއްބަސްވާނަމަ އެ މުއްދަތު އިތުރުކުރެވޭ ކަމަށް ބުންޏެވެ.

އެކަމާ ގުޅިގެން ލައިފް ސަޕޯޓުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މައުމޫން "މިހާރު" އަށް ވިދާޅުވީ އެ ކްލިނިކްގެ ހުރިހާ ހިދުމަތެއް ކަހަލަ ގޮތަކަށް ކަނޑައަޅާފައި ވަނީ އާސަންދައިގެ އަގުތަކަށް ކަމަށެވެ. އެކަމަކު، އާސަންދައިގެ ހުއްދަ ނުލިބޭތީ ގިނަ ބަޔަކަށް ދަތިތައް ދިމާވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހިޔާ މެޑިކަލް ކްލިނިކް: މި ތަނުގެ އަގުތައް ކަނޑައަޅާފައި ވަނީ އާސަންދައިގެ ރޭޓުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހިޔާ މެޑިކަލް ކްލިނިކް: މި ތަނުގެ އަގުތައް ކަނޑައަޅާފައި ވަނީ އާސަންދައިގެ ރޭޓުގައި.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

"އަވަސް ކުރެވޭނެ މެކޭނިޒަމެއް އޮންނަން ޖެހޭ. މި ކްލިނިކަށް ވެސް ފަރުވާ ހޯދަން ގިނަ ބަޔަކު އާދޭ. އެކަމަކު، އާސަންދަ ނުލިބޭ ކަމަށް ބުނީމަ އެނބުރި ދަނީ. އާސަންދައިން ކަނޑައަޅާފައިވާ އަގެއްގައި ފަރުވާ ދިން ނަމަވެސް ގިނަ މީހުންނަށް ފަސޭހައެއް ނޫން އަމިއްލައަށް ހަރަދުކޮށްގެން ފަރުވާ ހޯދާކަށް،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާސަންދަ ނުލިބި ލަސްވާ ނަމަ އެ ކްލިނިކް ޖެހޭނީ ބަންދުކުރަން ނުވަތަ ފަރުވާގެ އަގު ބޮޑުކުރާށެވެ. ނަމަވެސް، އެ ސަރަހައްދުގައި ފަރުވާގެ އަގުބޮޑުކުރުމަކީ ގިނަ ބަޔަކަށް ގެއްލުން ލިބޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުންފުނިން އެބަ ޖެހޭ މަހެއްގެ މައްޗަށް 700،000ރ. ހަރަދުކުރަން. ދުވާލެއްގެ މައްޗަށް ދެ ހާހެއްހާ ރުފިޔާ ލިބެނީ،" 36 މުވައްޒަފުން މަސައްކަތްކުރާ ކްލިނިކާ ގުޅިގެން މައުމޫން ވިދާޅުވި އެވެ.