Roadha Mihaaru
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 11

05 ޖެނުއަރީ 2017

(ޑިސެމްބަރު 22، 2016ގެ އަދަދާ ގުޅޭ)

(ޑިސެމްބަރު 22، 2016ގެ އަދަދާ ގުޅޭ)

އަދި މީގެ އިތުރުން، އެ މީހުންގެ ހަޔާތުގެ އަގުތަކުގެ ވާހަކަ އަރަބި ޖާހިލީ ޅެންވެރިޔަކު ކަމުގައިވާ ޠަރަފާ ބިން އަލްޢަބްދު މިފަދައިން ބަޔާން ކޮށްދީފައި ވެ އެވެ.

1. ألا أيهذا اللائمي أحضر الوغى وأن أشهد اللذات هل أنت مخلدي؟

2. وإن كنت لا تسطيع دفع منيتي فدعني أبادرها بما ملكت يدي

3. ولو لا ثلاث هن من عيشة الفتى وجدك لم أحفل متى ما قام عودي

4. فمنهن سبق العاذلات بشربة كميت متى ما تعل بالماء تزبد

5. وكري إذا نادى المضاف مجنبا كسيد الفضاء نبهته المتورد

6. وتقصير يوم الدجن والدجن معجب ببهكنة تحت الخباء المعمد

1. އޭ، އަހަރެން، ހަނގުރާމާއިގައި ބައިވެރިވެ، (ހަނގުރާމަ ކުރުމަށާއި) އަދި (ހަޔާތުގެ) އުފާތައް ލިބިގަތުމާއި މެދު (ނުރުހި)، އަހަރެން ބަދަނާމު ކުރާމީހާއެވެ! ކަލޭ، އަހަރެން އެކަން ކުޅައުން މަނާކުރަން ތިއުޅެނީ، ކަލެ އަށް، (ދުނިޔޭގައި) އަހަރެން އަބަދަށްޓަކައި ދިރިދަމަހަށްޓައި ބެހެއްޓޭނޭތީ ހެއްޔެވެ؟

2. އަހަރެންގެ މަރުވުން، އެއީ ކަލެއަށް ހިފެހެއްޓޭނޭ ކަމަކަށް ނުވާއިރު، (ދުނިޔަވީ) އުފާތައް ލިބިގަތުމަށްޓަކައި އަހަރެންގެ އަތުގައި އޮތް ހުރިހާ އެއްޗެއް ހޭދަކޮށް، އެކަން ލިބިގަތުމަށް އަވަސްވެގަންނަން އަހަރެން ދޫކޮށްލާށެވެ.

3. ކަލޭގެ ނަސީބު ގަންދީ ބުނަމެވެ. ދިރިހުރުމުން، ޒުވާނާއަށް ލިބިގަނެވޭނޭ މަޖަލުގެ މި ތިންކަންތައް ލިބެން ނެތްނަމަ، އަހަރެން (މަރަށް ހާޒިރުވެ) މަރުވާތަން ދެކެން އައިސްތިބި މީހުން، (އަހަރެން ދިރިހުންނާނެ ކަމުގެ އުއްމީދު ކަނޑާލައި) ތެދުވެ ދިޔަޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ. (މި ބަޔާން ކުރާ ތިން ކަންތައް ނުވާނަމަ، މަރުވިޔަސް އަހަރެންގެ ފަރުވާލެއް ނެތެވެ.)

4. އެކަންކަމުގެ ތެރެއިން ވެއެވެ. (އަހަރެން) ބަދުނާމުކޮށް (އެކަން ހުއްޓުވާފާނެ މީހުން) ހޭލުމުގެ ކުރިން، އެއަށް ސާފުފެން އަޅާލުމުން ފޮނުއަރާ، ކަޅުރަތް ކުލައިގެ، ރާ ބުއިމެވެ.

5. އަދި، ސަލާމަތްކޮށް ދިނުން އެދި (ހާލުގައި ޖެހިފައިވާ) މީހަކު ގޮވާލުމުން، އަލްޣަޟާއޭ ކިޔުނު ގަސް ހެދިފައިވާ (ވަލު ތެރޭ)ގައި އުޅޭ މިނިކާވަގެއް ދުވެފަދާ ފަދައިން، އޭގެ މުލަށްދަނޑީގައި ކުޑަ ލެނބުމެއްވާ އަހެއްމަތީ (އެމީހާގެ ކައިރިއަށް) ދިޔުން (އެތިންކަމުގެ ތެރެއިން ހިމެނެ)އެވެ.

6. އަދި އުޑުމަތި ބަނަދުވަހެއްގައި – ބަނަދުވަސް ދުވަސް ހިތްގައިމެވެ – މަސްޖަހާލައިފައިވާ ރީތި އަންހެން ކުއްޖަކު ގޮވައިގެން އުފުލިފައިވާ ޓެންޓެއްގެ ތެރޭގައި ދުވަސް ކުރުކޮށްލުމުވެ.

އާދެ، ކުރީގައި ނަންގަނެވުނު އައްތަކާޘުރު ސޫރަތުގެ ދެއާޔަތާއި މި ބައިތުކޮޅުގައި، އަރަބި މުޝްރިކުންގެ ހަޔާތުގެ އަގުތައް ޚުލާސާކޮށް ބަޔާންކުރެވިފައި ވެ އެވެ. އެމީހުންގެ ހަޔާތުގެ ފަލްސަފާގެ މައްޗަށް މި ދެ ތަނުގައި އަލިއަޅުވާލެވިފައި ވެ އެވެ. އެމީހުން ދުނިޔޭގައި ދިރިތިބުމަށް އެދުންވެރިކޮށް ބާރުއަޅައިދޭ ކަންކަމަކީ ކޮބައިކަން ބަޔާން ކޮށްދީފައި ވެ އެވެ. އެއީ މުދަލާއި ފައިސާ ހޯދުމާއި ރާބުއިމާއި ތަޅާފޮޅައި ހަނގުރާމަ ކުރުމާއި އަދި ޖިންސީ އަރާމާއި ލައްޒަތު ލިބިގަތުމެވެ.

މިބައިމީހުންނަކީ ކޮންމެ ވާހަކައެއް ދެއްކި ނަމަވެސް، އެމީހުންގެ މިގޮތް ބަދަލުކުރަން ބޭނުންނުވާ މީހުންނެވެ. އެ ވާހަކައަކީ ހައްގު ބަސްކަމުގައި އެ މީހުންނަށް ގަބޫލު ކުރެވުނަސް ވެހެވެ. ދުނިޔަވީ ހަޔާތަކީ ވަގުތީ ކަމެއްކަމާއި، ދުނިޔަވީ ހަޔާތް ނިމޭނޭ ކަމާއި އަދި އުޚުރަވީ ހަޔާތެއް އޮންނާނޭ ކަމާއި އުޚުރަވީ ހަޔާތުގެ ކާމިޔާބީ ލިބުން އޮތީ ދުނިޔަވީ ހަޔާތުގައި އިލާހީ ހިދާޔަތުގެ އަގުތައް ބަލައިގަނެ، އިލާހީ އަޚުލާގީ މިންގަނޑެއްގެ މަތީގައި ދުނިޔަވީ ހަޔާތް ވޭތުކޮށްލެވިގެންކަން ހަނދާންކޮށްދެވުނަސް އެކަން ބަލައެއް ނުގަނެވެ އެވެ.

އެންމެ އިހުގެ މުސްޙަފު، ހަތިމު، ލިޔެވިފައިވާ "މާއިލީ ޚައްޠު"ގެ އަތުލިޔުމެއް.

އެންމެ އިހުގެ މުސްޙަފު، ހަތިމު، ލިޔެވިފައިވާ "މާއިލީ ޚައްޠު"ގެ އަތުލިޔުމެއް.

އެހެނީ އެ މީހުން ވަނީ ދުނިޔަވީ އުފަލާއި އަރާމުގެ އަވާގައިޖެހި ދުނީޔޭގެ އުފަލާއި މަޖާ ހޯދުމުގެ އެދުމުގެ ތެރެއަށް މާ ވަރުގަދަ އަށް ވަދެވިފަ އެވެ. އަދި މިކަން ދޫކޮށްލާ ހިތެއް އެމީހުން ނުވެ އެވެ. އެހެންވެ، މިފަދަ މީސްމީހުންގެ ކައިރީގައި، ތެދުމަގުގެ ވާހަކަ ދެއްކުމާއި ނުދެއްކުން ހަމަހަމަ ވެގެން ވެ އެވެ. އެމީހުން އީމާނެއް ނުވާނެ އެވެ. އެމީހުން، އެމީހުންގެ ގޮތެއް ދުލެއް ނުކުރާނެ އެވެ.

ދެން ހަތް ވަނަ އާޔަތުގައި ހައްގަށް އިންކާރު ކުރާމީހުން، އިލާހީ ހިދާޔަތް ބަލައިގަނެ އީމާން ނުވާނީ ކީއްވެގެންކަން، ބަޔާން ކޮށްދެވިފައި ވެއެވެ. ختم الله على قلوبهم وعلى سمعهم وعلى أبصارهم غشاوة، "އެމީހުންގެ ހިތްތަކުގައްޔާއި އަދި އެމީހުންގެ އިވުމުގައި (އެބަހީ، ކަންފަތްތަކުގައި)، (މާތް)ﷲ ސިއްކަ ޖެއްސެވި އެވެ، އަދި އެމީހުންގެ ލޯމަތީގައި ފަރުދާއެއް ވެއެވެ.' މިފަދައިން ބަޔާން ކުރެވިގެންނެވެ.

މިއިން އިޝާރަތް ކުރެވެނީ އެމީހުންގެ ގޮތުގައި އެމީހުން ހިފަހައްޓައިގެން ތިބިލެއް ވަރުގަދަ ކަމެވެ. އާދެ، ދުނިޔަވީ މަޖަލާއި އުފަލުގެ ތެރެއަށް ގެނބި، އެހެން އެއްވެސް ގޮތަކާ މެދު ވިސްނާލުމުގެ ބޭނުމެއް، އެދުމެއް، ނެތް ކަމެވެ. މިކަން އިތުރަށް ސާފުވެ ދިޔުމަށްޓަކައި މިއާޔަތުގައި ބަޔާން ކުރެވިފައިވާ ހިތްތަކުގައްޔާއި އަދި އިވުމުގައި ސިއްކަޖެއްސެވުމާއި އަދި ފެނުމުގައި ފަރުދާއެޅިފައި ވުމުގެ މާނައިގެ މައްޗަށް ވިސްނުމުގެ ނަޒަރެއް ހިންގާލަމާތޯ އެވެ.

ختم ގެ ލަފްޒީ މާނައަކީ ސިއްކަ ޖަހައި ރަނގަޅަށް ބަންދުކުރުމެވެ. މިސާލަކަށް ސިޓީއެއް އުރައަކަށް ލައި ސިއްކަ ޖަހައި ބަންދުކުރުމެވެ. އެފަދަ އިން ސިޓީ ބަންދު ކުރެވިފައިވާ ހާލު، އެސިޓީ އަށް ވާސިލުވެވޭނޭ އެއްވެސް ގޮތެއް ނޯވެ އެވެ. ހިތުގައްޔާއި އަދި ކަންފަތުގައި ސިއްކަޖެހުމޭ ބުނުމުގެ މާނައަކީ ހިތާއި ކަންފަތް ރަނގަޅަށް ބަންދުކުރުމެވެ.

މީގެ މުރާދަކީ ހިތާއި އަދި ކަންފަތަށް ހައްގުބަސް ވާސިލު ވެވޭނޭ ގޮތެއް ނެތުމެވެ. މާނައަކީ، ކާފިރުން، އާދެ، ހައްގު ބަސް އިންކާރު ކުރާ މީހުން ހައްގު ބަސް އަޑު އަހައި އެއާ ދޭތެރޭ ވިސްނައި ފިކުރު ކުރުމުގެ އެއްވެސް އެދުމެއް، ބޭނުމެއް އެމީހުންގެ ނެތުމެވެ. ސަބަބަކީ، އެމީހުން ތިބި ގޮތުގައި ތިބުމުގެ އެދުން މާ ބޮޑު ކަމެވެ. އެހެންވެ، އެއްވެސް އެހެން ގޮތެއްގެ ވާހަކަ އަޑު އަހައި އެއާ ދޭތެރޭ ފިކުރު ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް އެމީހުން ނުދެކެއެވެ.

އެ ވާހަކައަކީ އިލާހީ ހިދާޔަތުގެ ވާހަކަ ކަމަށްވިޔަސް، ވެހެވެ. ހަމަ އެހެންމެ، އެމީހުންގެ ފެނުމުގައި، އާދެ، ލޯމަތީގައި ވަނީ ފަރުދާއެއް އެޅިފަ އެވެ. މީގެ މުރާދަކީ، ހައްގު މަގަށް އެމީހުން ލަންބުވައި، އެމަގަށް ގެންގޮސްފާނޭ ކިތައްމެ މަންޒަރެއް އެ މީހުންގެ ކުރިމަތިން ފެންނަން އޮތަސް މިއިން ކަމަކުން އިބުރަތް ލިބިގަނެ އެކަންކަމާ ދޭތެރޭ ވިސްނާކަށް އެމީހުން ބޭނުމެއް ނުވެ އެވެ. މިސާލަކަށް ކީރިތި ޤުރްއާނުގައި ތަބީއަތުގެ އެކިއެކި މަންޒަރުތަކުން އިބުރަތް ލިބިގަތުމަށް އަރަބި ކަރައިގެ މުޝްރިކުންނަށް ގޮވާލެވިފައި ވެއެވެ.

އެ މީހުން ގެންގުޅޭ ޖަމަލުގެ މައްޗަށް ނަޒަރު ހިންގައި އެ ޖަމަލު އުފެދިފައިވަނީ ކިހިނެއްކަމާ މެދު ވިސްނައި ފިކުރު ކޮށްގެންނެވެ. އެ މީހުންގެ ވަށައިގެންވާ ފަރުބަދަތައް ކޮޅަށް ޖެހިފައިވާ ގޮތުގެ މައްޗަށް ނަޒަރު ހިންގައި އެކަމާ ދޭތެރޭ ވެސް ވިސްނައި ފިކުރުކޮށް ގެންނެވެ. އަދި، އެމީހުންގެ ކުރިމަތީ ފެންނަން އޮންނަ ހަނަފަސް ސަހަރާ ބިން، ވާރޭ ވެހުމަށް ފަހު ދިރި، އެ ބިމުގައި ގަސްފަޅައި ހެދޭ ގޮތް ބަލައި އެކަމުގެ މައްޗަށް ވެސް ވިސްނައި ފިކުރުކޮށްގެންނެވެ.

.

.

މިއިން ކޮންމެ މަންޒަރަކީ ވެސް ކީރިތި ޤުރުއާނުގެ ނަޒަރުގައި، އިބުރަތުން ފުރިގެންވާ މަންޒަރެކެވެ. ވިސްނާ ފިކުރު ކުރާ މީހަކަށް ޚާލިގުވަންތަ ފަރާތެއްވާކަން ދައްކުވައިދޭ މަންޒަރެކެވެ. ނަމަވެސް، ކާފިރުން، އާދެ، ހައްގު ބަސް އިންކާރު ކުރާ މީހުން އެމީހުންގެ ނަޒަރު ހުއްޓިފައިވަނީ ހަމައެކަނި ދުނިޔޭގެ މަޖަލާއި އުފާ ހޯދުމުގެ މައްޗަށް ކަމުން އެފަދަ ތަބީއީ މަންޒަރުތަކުން އިބުރަތް ހާސިލު ކުރެވޭ ގޮތެއް ނުވެ އެވެ. އެހެންވެ، އެ މީހުންނަށް އެފަދަ މަންޒަރެއް ފެނުނުކަމުގައި ވިޔަސް، އެއިން އިބުރަތެއް ލިބިގަނެވޭނޭ ގޮތެއް ނުވެ އެވެ. އެ މީހުންގެ ފެނުމުގައި، ލޯމަތީގައި، ފަރުދާއެއް އެޅިފައިވާ ކަހަލަ އެވެ.

މި އާޔަތުގައި، އާދެ، ހަތް ވަނަ އާޔަތުގައި، އެމީހުންގެ ހިތްތަކުގައްޔާއި ކަންފަތްތަކުގައި ސިއްކަޖެހުން، ނިސްބަތް ކުރެވިފައިވަނީ މާތްﷲ އަށެވެ. އާދެ، މި އާޔަތުގައި ވަނީ މާތްﷲ އެމީހުންގެ ހިތްތަކުގައްޔާއި އަދި ކަންފަތްތަކުގައި ސިއްކަ ޖެއްސެވި ކަމެވެ. މީގެ މުރާދަކީ، މަތީގައި އިޝާރަތް ކުރެވި ދިޔަ ފަދައިން، އެމީހުން ހައްގު ބަހުގެ އަޑު ނޭހީ، އަދި އެއާ ދޭތެރޭ ވިސްނައި ފިކުރުކޮށް ނުހެދީ، އަދި ހައްގު ބަހާ ހަމައަށް ވާސިލުވެވޭނޭ މަންޒަރު ފެނިފައި ވެސް ހައްގު މަގު ލިބިނުގަނެ ތިބެވުނީ އެމީހުންގެ އަމަލުތައް ހުރި ގޮތުގެ ސަބަބުންނެވެ. ދުނިޔަވީ އުފާތައް ހޯދުމުގެ އެދުން ބޮޑުވެފައި އެކަމުގައި މަޝްޣޫލުވެ ތިބިލެއް ބޮޑުކަމުންނެވެ.

މީގެ މިސާލެއް، ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްގެ ކިބައިން ފެނިދާނެ އެވެ. އެފަދަ މީހަކަށް، އޭނާ ވިސްނަން އުޅެފި ނަމަ، ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްހަތަށް ގެއްލުން ހުރި ކަމެއްކަން އެނގިދާނެ އެވެ. ދުންފަތުގައި ވިހަ އެތައް މާއްދާއެއް އެކުލެވިގެންވާކަން އޭނާ އަށް ހޯދިދާނެތީ އެވެ. އަދި، އޭނާ އަޑު އަހަން ބޭނުންނަމަ، އެކިއެކި ޚަބަރު ފަތުރާ ވަސީލަތްތަކުން ދުންފަތް އިސްތިއުމާލު ކުރުމުގެ ގެއްލުމުގެ ވާހަކަތަކުގެ އަޑު އިވޭނެ އެވެ.

ހަމަ އެހެންމެ އޭނާ ބަލަން ބޭނުން ނަމަ، އެކަމުގައި ހުރި ގެއްލުމުގެ މަންޒަރުތައް ވެސް ފެންނާން އެބަހުއްޓެވެ. މިސާލަކަށް، ސިނގިރޭޓު ފޮށްޓެއް ގަންނައިރު ޚުދް އެ ފޮށީގައި ވެސް އެކަމުގެ ގެއްލުން ދައްކުވައިދޭ މަންޒަރުތައް ފެންނަން ހުރެ އެވެ. ނަމަވެސް މިއިން އެއްވެސް ކަމަކީ އޭނާ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވާލަން ހިތްވަރުދީ ބާރު އަޅައިދޭ ކަމަކަށް ނުވެ އެވެ. އޭނާގެ ހިތައް އެކަމުގެ ގެއްލުމުގެ ވާހަކަތައް ނުވިސްނޭ ކަހަލަ އެވެ. އޭނާގެ ކަންފަތަށް އެ ވާހަކަތަކުގެ އަޑުނީވޭ ކަހަލަ އެވެ. އަދި އޭނާގެ ލޮލަށް އެކަމުގެ ގެއްލުމާ ބެހޭ މަންޒަރުތައް ނުފެންނަ ކަހަލައެވެ.

އެއީ އޭނާ އެކަން ވިސްނައި އެނގިގަންނަން ބޭނުންނުވާތީ އެވެ. އަދި އެކަން އަޑުއަހައި ދެކެން ވެސް ބޭނުން ނުވާތީ އެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އެދުން އެއަށްވުރެ މާ ބޮޑީ މައެވެ. އެހެންވެ، އެވާހަކަތައް އަޑު އެހުމުން އޭނާގެ ހިތާއި ކަންފަތް ވަނީ މާތްﷲ ސިއްކަޖައްސަވައި ބަންދުކޮށްފަޔޭ ބުނެވިދާނެއެވެ. އަދި އޭނާގެ ލޯމަތީ އެކަން ދުށުމަށް ހުރަސްއަޅާ ފަރުދާއެއް އެބަ އޮތޭވެސް ބުނެވިދާނެ އެވެ.

މި އާޔަތް ނިންމާލެވިފައިވަނީ ހައްގު ބަސް އިންކާރު ކުރާމީހުންނަށް ވަރުގަދަ އިންޒާރެއްގެ އަޑު އިއްވާލަމުންނެވެ. އާދެ، އެމީހުންނަށް ބޮޑުވެގެންވާ އަޒާބެއްވާކަމުގެ ވާހަކަ ބަޔާން ކުރަމުންނެވެ. އެމީހުންގެ އަމަލުތަކުގެ ނަތީޖާއާއި ކުރިމަތިލާން ޖެހޭނޭކަމާއި، އެމީހުންގެ އުޅުން އިސްލާހު ނުކޮށްފިނަމަ، އާޚިރަތުގައި ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހޭނޭކަމުގެ އިންޒާރެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.