21 ޖުލައި 2016
"ކީރިތި ޤުރުއާނު ފަހުމްވުމަށް މަގެއް" މި ސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މި ސިލްސިލާ އަށް ދީފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިދެވޭތޯ މަސައްކަތް ކުރުމެވެ. ކީރިތި ޤުރްއާނުގެ ރިސާލަތަކީ، މެސެޖަކީ، ކޮބައިތޯ ދެނެގަތުމަށް އެހީތެރިކަމެއް ފޯރުކޮށް ދެވޭތޯ ބެލުމެވެ.
"ކީރިތި ޤުރުއާނު ފަހުމްވުމަށް މަގެއް" މި ސިލްސިލާ ގެނެސްދިނުމުގެ ބޭނުމަކީ، މި ސިލްސިލާ އަށް ދީފައިވާ ނަމުން އިޝާރަތް ކުރެވޭ ފަދައިން، ކީރިތި ޤުރްއާނުގެ މާނަ ދެނެގަތުމަށް އެހީވެ ދިނުމުގެ ގޮތުން މަގެއް ކޮށައިދެވޭތޯ މަސައްކަތް ކުރުމެވެ. ކީރިތި ޤުރްއާނުގެ ރިސާލަތަކީ، މެސެޖަކީ، ކޮބައިތޯ ދެނެގަތުމަށް އެހީތެރިކަމެއް ފޯރުކޮށް ދެވޭތޯ ބެލުމެވެ.
ކީރިތި ޤުރްއާނު އެކުލެވިގެންވަނީ ބައިތަކަކަށް، ސޫރަތްތަކަކަށް، ބަހައިލެވިގެންނެވެ. މިއިން ސޫރަތެއްގެ މާނަ ވިސްނާ ފަހުމް ކޮށްގަތުމަށް ދެނެގަންނަން ޖެހޭ މުހިއްމު ކަންތައްތަކެއްވެ އެވެ. ސޫރަތުގެ މައިގަނޑު މައުޟޫއު އާއި އިތުރު އެހެން ސާނަވީ މައުޟޫއުތައް ވާ ނަމަ އެއީ ކޮބައިކަން ދެނެގަތުމެވެ. އަދި ސޫރަތް ބިނާވެފައި ވަނީ ކިހިނެއް ކަމާއި، އޭގައި އެކުލެވޭ ބައިތަކަކީ ކޮބައިކަމާއި އެބައިތަކުގައި އައިސްފައިވާ ވާހަކަތައް، މައިގަނޑު މައުޟޫއުއާ ގުޅެނީ ކިހިނެއްކަން ދެނެގަތުމެވެ.
ސޫރަތުގައި އެކުލެވޭ މުހިއްމު މަފްހޫމުތަކަކީ ކޮބައިކަން ފާހަގަކޮށް، އެ މަފްހޫމުތަކުގެ މާނަ ދެނެގަތުމެވެ. އަދި ސޫރަތުގެ ނުވަތަ އާޔަތުގެ ސިޔާގު ނުވަތަ އޭގެ ތާރީޚީ، އިޖްތިމާއީ، ސިޔާސީ އޮނިގަނޑަކީ ކޮބައިކަން ދެނެގަތުމެވެ. އަދި ބަލައިލެވޭ ސޫރަތުން، މުއުމިނުންނަށް އޮތް ފިލާވަޅަކީ، ލިބިދޭ ފައިދާއަކީ ކޮބައިކަމާ މެދު ވެސް ވިސްނުމުގެ ނަޒަރު ހިންގާލަން ޖެހެ އެވެ. ކީރިތި ޤުރްއާން ފަހުމް ކޮށްގަތުމަށްޓަކައި، އެހީތެރިވެދިނުމުގެ ގޮތުން ކޮށާލަން ގަސްދުކުރާ މަގުގައި، މަތީގައި ދެންނެވި ނުކުތާތަކުގެ އަލީގައި ބަލައިލަން ގަސްދުކުރަނީ ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ޖުމްލަ މާނަ އާއި މެސެޖަކީ ކޮބައިކަމާ މެދުގަ އެވެ.
ކީރިތި ޤުރުއާން ބާވާލައްވަން ފެށީ ކީރިތި ރަސޫލާ މަދީނާ އަށް ހިޖުރަކުރެއްވުމުގެ 13 އަހަރު ކުރިންނެވެ. މީލާދީ ސަނަތުން 610 ވަނަ އަހަރެވެ. އެންމެ ފުރަތަމަ ބާވައިލެއްވީ އަލަޤް ސޫރަތުގެ ފުރަތަމަ ފަސް އާޔަތެވެ. "ކަލޭގެފާނު (މުހައްމަދުގެފާނު) ހެއްދެވި، ކަލޭގެފާނުންގެ ސާހިބުވަންތަ ރަސްކަލާނގެ އިސްމުފުޅު (ނަންގަނެ، ފަށްޓަވައިގެން) ކަލޭގެފާނު ކިޔަވައި ވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! އެކަލާނގެއީ ހުރިހާ އެއްޗެއްމެ އުފެއްދެވި ކަލާނގެ އެވެ. އެކަލާނގެ، ގަނޑު ލޭކޮޅަކުން އިންސާނާ އުފެއްދެވި އެވެ. ކަލޭގެފާނު ކިޔަވައިވިދާޅުވެ، އުނގެނި ވަޑައިގަންނަވާށެވެ! ކަލޭގެފާނުންގެ ސާހިބުވަންތަ ކަލާނގެއީ އެންމެ ދީލަތިވަންތަ ކަލާނގެ އެވެ. އެކަލާނގެއީ ގަލަން މެދުވެރިކޮށް (ލިޔެކިޔުން މެދުވެރިކޮށް) އުނގަންނައިދެއްވި ކަލާނގެ އެވެ. އެކަލާނގެ، އިންސާނާ އަށް، އޭނާ އަށް ނޭނގޭ ކަންތައްތައް (ލިޔެކިޔުން މެދުވެރިކޮށް) އުގަންނަވައި ދެއްވި އެވެ."
މިސުރުގެ ޖާމިއުލް އަޒްހަރުގައި 1800ގެ އަހަރުތަކުގައި އޮތް އިލްމީ ހަލަގާތަކުގެ ތެރެއިން: އިހު ޒަމާނުގައި ކީރިތި ޤުރްއާން ކިޔަވައިދިނުމާއި އުނގެނުމުގެ މަސައްކަތްތައް ކުރި އަށް ގެންދިޔައީ މިފަދަ ހަލަގާތަކުގައި.
ކިޔެވުމާއި އުނގެނުމަށް ބާރުއަޅައި ކީރިތި ޤުރްއާނުގެ އެންމެ ފުރަތަމަ އާޔާތް ބާވައިލެއްވުމަށް ފަހު، އޭގެ 23 ވަރަކަށް އަހަރު ފަހުން، ހިޖުރަ އިން 11 ވަނަ އަހަރުގައި ކީރިތި ޤުރްއާނުގެ އެންމެ ފަހުން ބާވާލެއްވި އާޔަތް ކަމަށް ބެލެވެނީ އަލްބަޤަރާ ސޫރަތުގެ 281 ވަނަ އާޔަތެވެ. ކޮންމެ މީހަކު ވެސް، ދުނިޔަވީ ހަޔާތުގައި އޭނާގެ އަމަލުތައް ހެޔޮ ގޮތުގައި ބަހައްޓަން ހަނދާންކޮށްދީ ބާރު އަޅަމުންނެވެ. "ކަލޭމެން އެދުވަހަކަށް ބިރުވެތިވެ ރައްކާތެރިވެ ތިބޭހުށިކަމެވެ. އެދުވަހަކީ ކަލޭމެން އެންމެން (މާތް)ﷲގެ ހަޒުރަތަށް (އަނބުރާ) ގެންދެވޭނޭ ދުވަހެވެ. އަދި އެއަށް ފަހު، ކަލޭމެންގެ ކޮންމެ މީހަކަށް ވެސް (އެމީހެއްގެ އަމަލުތަކުން) ލިބިގަތް ކަމެއްގެ ޖަޒާ، ފުރިހަމަ ގޮތުގައި، އެމީހަކަށް ދެވޭނެ އެވެ. އެއްވެސް މީހަކަށް (ކުޑަކޮށް ވެސް) އަނިޔާވެރިވުމެއް (ބޭއިންސާފުވެރި ވުމެއް) ނެތި އެވެ."
މިއާޔަތް ބާވާލެއްވީ ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމުގެ ނުވަ ވަރަކަށް ދުވަސް ކުރިން ކަމަށް ބައެއް ހަދީސްތަކުގައި ރިވާވެގެންވެ އެވެ. އެންމެ ފުރަތަމަ ބާވައިލެއްވި އާޔަތާއި އެންމެ ފަހުން ބާވައިލެއްވި އާޔާތާ ދެމެދުގައި، 23 އަހަރުގެ ދިގު މުއްދަތެއްގައި، ކީރިތި ޤުރްއާނުގެ އާޔަތްތައް ބާވާލައްވައި އެފޮތް ފުރިހަމަ ކުރެއްވި އެވެ. ކީރިތި ޤުރްއާނުގެ އިނގިރޭސި ތަރުޖަމާއަކާއި ތަފްސީރެއް ލިޔުއްވި މުހައްމަދު އަސަދު ވިދާޅުވާ ގޮތުގައި، މި މުއްދަތުގެ ތެރޭގައި ބާވައިލެއްވި ފޮތް، އާދެ، ކީރިތި ގުރްއާން ހިމެނިފައިވަނީ ދުނިޔޭގެ ތާރީޚުގައި ހިނގައި ދިޔަ އެހެން އެއްވެސް ހާދިސާއެއް ނުކުރުވާ ފަދަ ބޮޑު ތައުސީރެއް އިންސާނާގެ ދީނީ، އިޖުތިމާއީ އަދި ސިޔާސީ ހަޔާތަށް ކުރުވި ކަމެއްގެ ގޮތުގަ އެވެ. ތައުރާތާއި އިންޖީލު ފަދަ މުގައްދަސު އެހެން އެއްވެސް ފޮތެއް، ނޫނީ ތާރީޚީ އެހެން އެއްވެސް ހާދިސާއެއް، ކީރިތި ޤުރުއާން، އެންމެ ފުރަތަމަ، އެބައެއްގެ މައްޗަށް އެފޮތް ބާވާލެއްވި މީހުންގެ ހަޔާތަށް، ކުރުވި ފަދަ ތައުސީރެއް ކުރުވާފައެއް ނުވެ އެވެ. ކީރިތި ޤުރުއާން އެމީހުންގެ ހިތްތަކަށް ވިސްނުމާއި ފިކުރުކުރުމުގެ އިންގިލާބެއް ގެނަ އެވެ.
އަދި ކިޔެވުމާއި އިލްމު އުނގެނުމުގެ އެދުން އެމީހުންގެ ހިތްތަކުގައި އަށަގެންނެވި އެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ދެން އައި ތިން ހަތަރު ޖީލެއްގެ މުސްލިމުން، ދުނިޔެ އަށް، އިލްމީ ބޮޑު އިންގިލާބެއް ގެނުވި އެވެ. އަދި މި އިންގިލާބު އަދުގެ ހުޅަނގުގެ އިލްމީ ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކުރި އެވެ. ހުޅަނގުގެ ހަޟާރަތުގެ ބިންގާ ކަމަށްވާ ޔޫނާނީ ޙަޟާރަތުގެ އިލްމީ ތަރިކަ ދިރުވައި ރައްކާކޮށް، އެތަރިކަ އަށް އިތުރު މުއްސަނދިކަން ގެނެސް، އެތަރިކަ ހުޅަނގަށް ފޯރުކޮށްދިނެވެ. މުސްލިމުންގެ ތެރޭގައި، މިދެންނެވި އިލްމީ އަދި ފިކުރީ އިންގިލާބު ގެނައީ ކީރިތި ޤުރްއާނެވެ. އެފޮތުގައި ކިޔެވުމާއި އުނގެނުމަށް ބާރުއަޅާފައި އޮތް އޮތުމުގެ ސަބަބުންނެވެ.
އަތުން ލިޔެފައިވާ، ކީރިތި ޤުރްއާނުގެ ވަރަށް ކުރީގެ ލިޔުމެއް.
މި ހިސާބުން އުފެދޭ ސުއާލަކީ އިލްމީ ތަފާތު ރޮނގުރޮނގުގައި އިލްމު އުނގެނި ކުރިއަށް ދާން، ކީރިތި ޤުރުއާނު، އެފޮތް އެންމެ ފުރަތަމަ ބަލައިގަނެ ކިޔެވި ޖީލުތަކަށް ބާރުއަޅައި ހިތްވަރު ދިން އިރު، ފަހުގެ ޖީލުތަކުގެ މުސްލިމުން، ވަކިން ޚާއްސަކޮށް އަދުގެ މުސްލިމުން އިލްމީ ރޭހުގައި ފަހަތަށް ޖެހުނީ ކީއްވެބާ އެވެ؟ އިހުގައި ކީރިތި ޤުރުއާން ވެފައި އޮތީ އިލްމީ ގޮތުން ކުރިއެރުމަށް ބާރުއަޅައި ހިތްވަރު ދޭ ފޮތަކަށެވެ. މިހާރު ކަންތައް އޮތީ މިހެން ބާވަ އެވެ؟ މި ސުވާލުތަކުގެ ޖަވާބު ހޯދައި ކަނޑައަޅާލުމަކީ މި ލިޔުމުގެ މަގްސަދެއް ނޫނެވެ. ނަމަވެސް، މި ސުވާލާ ދޭތެރޭ ވިސްނާލުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށްލުމުގެ ގޮތުން މިސުވާލު އުފުލައި ލެވުނީ އެވެ.
އެއްވެސް ޝައްކެއްނެތެވެ. ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް، އެފޮތް އުނގެނި ދަސްކޮށް، އެފޮތުގެ އާޔަތްތަކާ މެދު ވިސްނައި ފިކުރުކުރުމަށް، ބާރު އަޅާފައި އެބަ އޮތެވެ. މަތީގައި ދެންނެވި ދިޔަ ޢަލަޤު ސޫރަތުގެ އާޔަތްކޮޅަށް ބަލައިލިޔަސް މިކަން ފެނިގެންދެ އެވެ. މީގެ އިތުރުން މިކަމަށް ބާރުއަޅައި އެހެން އެތައް އާޔަތެއްގައި ވެސް ތަކުރާރުކޮށް ވާރިދުވެފައިވެ އެވެ. މިސާލެއްގެ ގޮތުން ދެތިން އާޔަތަކަށް އިޝާރަތް ކޮށްލާނަމެވެ.
އަލްއަންޢާމު ސޫރަތުގެ 98 ވަނަ އާޔަތުގައި ކީރިތި ޤުރްއާން ބާވައިލައްވާފައި ވަނީ "ރަނގަޅަށް ފަހުމްކޮށް ވިސްނާނޭ" ބައެއްގެ މައްޗަށް ކަމަށް އައިސްފައިވެ އެވެ. އަދި ޔޫނުސު ސޫރަތުގެ 24 ވަނަ އާޔަތުގައި އެފޮތް ބާވާލައްވާފައިވަނީ "ވިސްނައި ފިކުރުކުރާ" ބައެއްގެ މައްޗަށް ކަމަށް ވެސް އައިސްފައިވެ އެވެ. އަދި އައްނަޙްލު ސޫރަތުގެ 12 ވަނަ އާޔަތުގައި، އެފޮތް ބާވައިލެއްވީ "ބުއްދީގެ ހަމަތައް ބޭނުންކުރާ" ބައެއްގެ މައްޗަށް ކަމަށް އައިސްފައިވެ އެވެ. އަދި އައްނިސާ ސޫރަތުގެ 82 ވަނަ އާޔަތުގައްޔާއި ޞޯދު ސޫރަތުގެ 29 ވަނަ އާޔަތުގައި، ކީރިތި ޤުރްއާނުގެ އާޔަތްތައް އިޝާރާތް ކުރާ މާނައަކީ ކޮބައިކަމާ މެދު "ތަދައްބުރު ކުރުމަށް"، "ފުންކޮށް ވިސްނައި ފިކުރުކުރުމަށް" ގޮވައިލަ އެވެ. މިއިން އެނގެނީ ކީރިތި ގުރްއާނަކީ އުނގެނި ދަސްކުރަން އޮތް ފޮތެއްކަމެވެ. އެފޮތުގެ އާޔަތްތަކަކީ އެއާ މެދު ވިސްނައި ފިކުރުކުރުމަށް އޮތް އާޔަތްތަކެއް ކަމެވެ. މިކަން އަދައިގެން މަސައްކަތްކޮށްފި ކޮންމެ މީހަކަށްމެ އެއީ ކުރެވިދާނޭ ކަމެއްކަން ވެސް މި އާޔަތްތަކުން ދޭހަވެ އެވެ.
އެންމެ އިހުގައި މުސްލިމުން ކީރިތި ގުރްއާން ކިޔަވައި އުޅުނީ އެފޮތް ވިސްނައި ފަހުމްކޮށް ގަތުމަށްޓަކަ އެވެ. އިސްލާމީ ތާރީޚުގެ ސަފުހާތަކުން މިކަން ވަރަށް ސާފުކޮށް އެނގެން އެބަ އޮތެވެ. ހިޖުރަ އިން އަށް ވަނަ އަހަރު މައްކާ ފަތަހަކުރެވި، އެއާ ވިދިގެން އަރަބި ބައެއް ގަބީލާތައް އިސްލާމް ދީން ގަބޫލުކުރުމުން، ކީރިތި ރަސޫލާ އެ ގަބީލާތަކުގެ މީހުންގެ ގާތަށް ބައެއް އަސްހާބު ބޭކަލުން ފޮނުއްވި އެވެ. އެމީހުންނަށް ޤުރުއާން ކިޔަވައިދެއްވުމަށްޓަކަ އެވެ. (ليقرئ عليهم القرآن)." އަދި އެހެން ރިވާޔަތެއްގައި "އެމީހުންނަށް ޤުރްއާން އުނގަންނައި ދެއްވުމަށްޓަކަ އެވެ (ليعلمهم)". މި ދެ ރިވިޔާތް އަޅައިކިޔާލުމުން، ކިޔަވައިދިނުމުގެ (ليقرئ) މާނައަކީ އުނގަންނައިދިނުން (ليعلم) ކަން އެނގެ އެވެ.
ކީރިތި ރަސޫލާ ސުވަރުގެ ވަޑައިގަތުމަށް ފަހު ވެސް ކީރިތި ޤުރްއާން އުނގެނުމުގެ މަސައްކަތް ކުރިއަށް ގެންދިޔަ އެވެ. އެ ދުވަސްވަރުގެ އިސްލާމީ އުއްމަތުގެ މައި ރަށްތަކުގަ އެވެ. ހިޖާޒުކަރައިގެ މައްކާ އާއި މަދީނާގަ އެވެ. ޝާމްކަރާއިގެ ދިމިޝްގުގަ އެވެ. އިރާގުގެ ކޫފާ އާއި ބަސްރާ އަދި ބަޣްދާދުގަ އެވެ. މިސުރުގެ ފުސްތާތުގަ އެވެ. (އިހުގެ ފުސްތާތު ކަމުގައި ހިމެނުނު ރަށުގެ ސަރަހައްދު މިއަދު ހިމެނެނީ މިސުރުގެ ވެރިރަށް ގާހިރާގެ ތެރޭގަ އެވެ.) އަދި، ފަހުން އުތުރު އެފްރިކާގެ ރަށްތަކުގައްޔާއި އަންދަލުސް (މުސްލިމް ސްޕެއިން)ގައި ވެސްމެ އެވެ. މި ރަށްރަށުގެ މިސްކިތްތަކުގައްޔާއި މަދަރުސާތަކުގަ އެވެ. މި މަސައްކަތުގެ ތަސައްވުރެއް، އަޅުގަނޑުމެންގެ އަތުގައިވާ ބައެއް އިސްލާމީ ފޮތްތަކުން ލިބެން އެބަ އޮތެވެ. ހަދީސް ފޮތްތަކުގެ ޤުރްއާން ތަފްސީރާ ބެހޭ ބާބުތަކުންނެވެ. އަދި އިހުގެ ޤުރްއާން ތަފްސީރުތަކުންނެވެ.
(ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.
ކެތްތެރިވުމުގެ ފިލާވަޅުތައް ޚިޟްރުގެފާނުގެ ވާހަކަ އިން
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 1
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު
ކޮލަމް ކޯދު: ފާތިޙާ ސޫރަތުން ލިބޭ ބައެއް ފިލާވަޅު
ކޮލަމް ކޯދު: ފާތިޙާ ސޫރަތުގެ މާނަ އަށް ބަލައިލުމެއް
އާއިލާ ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-2
އާއިލާތައް ހިމާޔަތް ކުރުމަށް ދީނުން ލިބޭ ބާރުތައް-1
އާއިލާ ހިމާޔަތް ކުރުމުގައި މުޖުތަމައުގެ މަސްއޫލިއްޔަތު
ކައިވެންޏަށް ހިތްވަރު ދިނުމަށް ކުރެވިދާނެ ކަންކަން