Roadha Mihaaru
ފުނަދޫ ކުޅީގައި އަނެއްކާ ވެސް ފްލެމިންގޯތަކެއް!

ފުނަދޫ ކުޅީގައި އަނެއްކާ ވެސް ފްލެމިންގޯތަކެއް!

28 އޯގަސްޓް 2022

އަހަރެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ށ. ފުނަދޫގެ ކުޅި އަށް ފްލެމިންގޯތަކެއް އަތުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އަހަރެއްހާ ދުވަސް ފަހުން އަނެއްކާ ވެސް ށ. ފުނަދޫގެ ކުޅި އަށް ފްލެމިންގޯތަކެއް އަތުވެއްޖެ އެވެ.

ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު މިއަދު "މިހާރު" އަށް މިއަދު ވިދާޅުވީ، ފްލެމިންގޯތައް އެ ރަށުގެ ކުޅި އަށް ތިރިކުރީ އިއްޔެ ކަމަށެވެ. މި ފަހަރު ފަސް ފްލެމިންގޯ އައި ކަމަށާއި އެ ދޫނިތައް އަދިވެސް އެ ރަށު ކުޅީގައި އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ފަހަރު ތަފާތު ކަމަކަށް ފާހަގަކުރެވުނީ ވަރަށް ކުޑަކުޑަ ދެ ފްލެމިންގޯ ވެސް އެބައުޅޭ. ހީވަނީ މި ފަހުން ވިހޭ ދޫނިތަކެއްހެން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރު އޮކްޓޯބަރުގައި ވެސް ފުނަދޫގެ ކުޅިއަށް ފްލެމިންގޯތަކެއް ދިޔަ އެވެ. އެ ކުޅީގައި ދުވަސްތަކެއް ވަންދެން އުޅުމަށް ފަހު، އެ ދޫނިތައް ދެން މިސްރާބު ބަދަލުކުރީ އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅު ރަށެއް ކަމަށް ފަރުކޮޅަށެވެ.

އާންމުކޮށް އަހަރުގެ ފަހުކޮޅު ދޫނިތައް ހިޖުރަކުރާއިރު، ރާއްޖެ އަށް ވެސް އެކި ބާވަތުގެ ދޫނިތައް އާދެ އެވެ. އެކަމަކު ފްލެމިންގޯތަކެއް ފުރަތަމަ ފަހަރަށް ރާއްޖެ އައީ މިދިޔަ އަހަރެވެ. އެ ފަހަރު ހއ. ބާރަށަށް ދިޔަ ފްލެމިންގޯއެއް ހިފައި، އެ ވިއްކަން ޖެހި މައްސަލަ ހޫނުވެ، އީޕީއޭ އިން ވަނީ ފިޔަވަޅު ވެސް އަޅައިފަ އެވެ.

އެ ފްލެމިންގޯގެ ފިޔަ ކޮށާލައިފައި އޮތުމުން ޅ. މާކޯ އަށް ގެންގޮސް އެ އަށް ފަރުވާ ވެސް ދިނެވެ.