އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ އެއްޗެހި މަރާލި ކަމަށް ބެލެވިއްޖެ އެވެ.
11 އޮކްޓޯބަރ 2025
އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ އެއްޗެހި މަރާލި ކަމަށް ބެލެވިއްޖެ އެވެ.
ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހެދި އެ ޕާކުގައި ގެންގުޅޭ އަސްދޫންޏާއި އެކި ބާވަތުގެ އެހެން ދޫނިތައް ވެސް ވަނީ މަރުވެފަ އެވެ. އަދި އެ ޕާކުގެ ފެންގަނޑުގެ ތެރޭގައި އުޅޭ މަސްތައް ވެސް މަރުވެގެން ފެނުން މައްޗަށް ވަނީ އަރައިފަ އެވެ.
އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ މަސްތައް މަރުވެގެން ފެނުން މައްޗަށް އަރައިފައި.-- ފޮޓޯ: ޖަމްބެ ސަންރައިސް ފޭސްބުކް
މި މައްސަލައާ ގުޅޭ ގޮތުން ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒް ރަހްމާން މިއަދު "މިހާރު" އަށް ވިދާޅުވީ އެ ޕާކުގައި އުޅޭ ދޫނިތަކާއި މަސްތައް މަރުވާކަން ފާހަގަވާން ފެށިތާ މިހާރު ދެތިން ދުވަސް ވެއްޖެ ކަމަށެވެ. އެ އެއްޗެހި މަރުވާން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގުނަސް މިހާރު ބޮޑަށް ބެލެވެނީ ބަޔަކު ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައިގެން ދިރުންތައް މަރާލީ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑަށް ހީވަނީ ބަޔަކު ކޮންމެވެސް އެއްޗެއް އަޅައިގެން ކަމަށް. އެހެން މި ބުނަނީ ހަމައެކަނި އަސްދޫނިތަކެއް ނޫން މަރުވީ ކީ. އެ ތަނަށް ނެޗުރަލީ އައިސް އުޅޭ ރާބޮނދި ކަހަލަ ބައެއް އެއްޗެހި ވެސް މަރުވެފައި އޮއްވާ އެބަ ފެނޭ،" އޭނާ ވިދާޅުވި އެވެ.
އައްޑޫ ހުޅުދޫގެ ޑަކް ޕާކުގައި އުޅޭ އަސްދޫންޏަކާއި މަސްތައް މަރުވެފައި.-- ފޮޓޯ: ޖަމްބެ ސަންރައިސް ފޭސްބުކް
އެ ފެންގަނޑުގައި އުޅޭ މަސްތަކާއި އެތަނަށް އަޅާފައި ހުރި މަސްތައް ވެސް މަރުވެގެން ފެނުން މައްޗަށް އަރާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިޒް ވިދާޅުވީ އާންމުކޮށް ހުޅުވާލާފައި އޮންނަ އެ ޕާކަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ހިތްހަމަޖައްސާލަން ދާ ތަނެއް ކަމަށެވެ. އަދި އެތަނަކީ ހުޅުދޫގެ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ހަދައި ރައްޔިތުން އަމިއްލައަށް ބަލަހައްޓަމުން އަންނަ ތަނެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހަމަ ނެޗުރަލީ އެތަނުގައި އޮތް ފެންގަނޑެއް، އަޅުގަނޑުމެން އެތަން ރީތިކޮށްލައި މީހުންނަށް ގޮސް ތިބޭވެނެ ގޮތަށް ބެންޗުތަކާއި ޕްލެޓްފޯމަކާ އެކު ހަދައިފައި ހުރި ތަނެއް އެއީ،" އޭނާ ވިދާޅުވި އެވެ.
މި މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް މިހާރު ރިޕޯޓްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑަކް ޕާކަށް ބަޔަކު ގެއްލުން ދިން ކަމަށް ބެލެވޭއިރު، މިދިޔަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު އައްޑޫ މީދޫގެ މަތިކިޅި އިކޯ ގާޑެންގައި އަލިފާން ރޯވެ ބޮޑު ގެއްލުމެއް ލިބިފައިވެ އެވެ. އެ ކުޅީގެ 80 ޕަސެންޓް އަނދައިގެން ދިޔަ ކަމަށް ބެލެވޭއިރު، އެތަނުގައި ވެސް ބަޔަކު ގަސްތުގައި ރޯކޮށްލީ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ހުޅުދޫ ޑަކް ޕާކުގެ ދިރުންތައް މެރި މައްސަލަ ބަލަނީ
އައްޑޫގެ ރީތި އިކޯ ގާޑެން "އަންދާލައި" އަޅިއަށް
ދޮންދީނި ހިމާޔަތްކުރަން ކާޅު މެރުމުގެ ލަފަޔަކަށް އެދެފި
އައްޑޫގެ ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި
ދޮންދީނީގެ އާބާދީ ބަލަން އައްޑޫގައި ސާވޭއެއް
ހުއްދަ ނުހޯދައި އައްޑޫގައި ބީޗުތައް ނަހަދަން އަންގައިފި
ދަލެއްގައި އޮޅި ވެލަޔާއި މިޔަރާއި މަޑިތައް މަރުވެފައި!
އައްޑޫގައި 200 މިލިއަން ރުފިޔާގެ މަޝްރޫއެއް ފަށަނީ
ހިތަދޫ މޫލެކެޑެ ނުހިއްކަން އެދި ރައީސަށް ސިޓީއެއް
ހުޅުދޫ/މީދޫ ވަކިކުރުމަކީ ތަރައްގީގެ ފެށުން: ރައީސް