Roadha Mihaaru
ދުވާފަރު ބަލިކޮށް އަލިފުށިން އުންމީދު ހޯދައިފި

ދުވާފަރު ބަލިކޮށް އަލިފުށިން އުންމީދު ހޯދައިފި

31 އޯގަސްޓް 2022

އުތުރު ލީގުގެ ދެވަނަ ޑިވިޝަނުގައި އަލިފުށި ރެކްރިއޭޝަން ކުލަބުން 3-1 އިން ދުވާފަރު ސްޕޯޓްސް ކުލަބް ބަލިކޮށް، އެ ސަރަހައްދުގެ އެއްވަނަ ޑިވިޝަނުން ޖާގަ ހޯދުމުގެ އުންމީދު ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އުތުރު ލީގުގެ ދެވަނަ ޑިވިޝަނުގައި އަލިފުށި ރެކްރިއޭޝަން ކުލަބުން 3-1 އިން ދުވާފަރު ސްޕޯޓްސް ކުލަބް ބަލިކޮށް، އެ ސަރަހައްދުގެ އެއްވަނަ ޑިވިޝަނުން ޖާގަ ހޯދުމުގެ އުންމީދު ހޯދައިފި އެވެ.

ދުވާފާރާ ދެކޮޅަށް އަލިފުށިން ކުޅުނު ފުރަތަމަ މެޗުގައި އެޓީމަށް ޖެހުނީ ފަހަތުން އަރައި އެއްވަރު ކުރާށެވެ. ނަމަވެސް އިއްޔެ ހަވީރު ކުޅުނު މެޗުގައި ފުރަތަމަ ތިން ލަނޑު ވެސް ޖެހީ އަލިފުށިންނެވެ.

އަލިފުށްޓަށް ލީޑު ނަގައިދިނީ މެޗުގެ 15 ވަނަ މިނިޓުގައި އަބްދުﷲ އާދަމް އެވެ. ދެވަނަ ލަނޑު 37 ވަނަ މިނިޓުގައި އިސްމާއިލް ނަސީމް ޖަހައިދިން އިރު، ތިންވަނަ ލަނޑު 61 ވަނަ މިނިޓުގައި ޖަހައިދިނީ އަބްދުﷲ ފާރިޝް އެވެ.

ދުވާފާރުން މެޗުގައި ޖެހި ހަމައެކަނި ލަނޑު، ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގައި ކާމިޔާބު ކުރީ އަހުމަދު މައިސޫން އެވެ.

މިއީ އަލިފުށި މުބާރާތުގައި މޮޅުވި ފުރަތަމަ މެޗެވެ. އަދި މިއީ ދުވާފަރު ބަލިވި ފުރަތަމަ މެޗު ވެސް މެއެވެ. ދުވާފަރުން ފުރަތަމަ ކުޅުނު ދެ މެޗު ވެސް ވަނީ އެއްވަރު ވެފަ އެވެ.

ރ. އަތޮޅުގެ ތިން ޓީމު ވާދަކުރާ އުތުރު ލީގު ދެވަނަ ޑިވިޝަނުގެ ގުރޫޕް ޑީ ގައި، އަލިފުށްޓަށް ބާކީ އެއް މެޗު އޮތްއިރު، އެޓީމަށް ވަނީ ކުޅުނު ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަލިފުށީގެ ފަހު މެޗުގައި އެޓީމު ނުކުންނާނީ އުނގޫފާރާ ދެކޮޅަށެވެ.

ބާކީ ދެ މެޗު ކުޅެން އޮތް އުނގޫފާރު ފުޓުބޯޅަ ކުލަބަށް ވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ދުވާފަރަށް ތިން މެޗުން ލިބިފައި ވަނީ ދެ ޕޮއިންޓެވެ.

އަލިފުށީގައި ކުރިއަށްދާ މި ގުރޫޕުގައި މާދަމާ ހަވީރު، ދުވާފަރުގެ ފަހު މެޗުގައި ނުކުންނާނީ އުނގޫފާރާ ދެކޮޅަށެވެ.