Roadha Mihaaru
ފުރަތަމަ މޮޅު ވޭވަށަށް، މުލަކާއި ނާލާފުށި އެއްވަރު

ސެންޓްރަލް ލީގުގެ ދެވަނަ ޑިވިޝަން: ފުރަތަމަ މޮޅު ވޭވަށަށް، މުލަކާއި ނާލާފުށި އެއްވަރު

24 ނޮވެމްބަރ 2022

ދިވެހި ޕްރިމިއާ ލީގުގެ 2023-2024 ސީޒަނަށް ކޮލިފައިވާން ކުރިއަށް ގެންދާ ސެންޓްރަލް ލީގު ދެވަނަ ޑިވިޝަންގެ ފަހު ގުރޫޕް ކަމަށްވާ ގުރޫޕް އީ ގެ މެޗްތައް ފަށައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދިވެހި ޕްރިމިއާ ލީގުގެ 2023-2024 ސީޒަނަށް ކޮލިފައިވާން ކުރިއަށް ގެންދާ ސެންޓްރަލް ލީގު ދެވަނަ ޑިވިޝަންގެ ފަހު ގުރޫޕް ކަމަށްވާ ގުރޫޕް އީ ގެ މެޗްތައް ފަށައިފި އެވެ.

އަންގާރަ ދުވަހު ފެށި މި ގުރޫޕްގެ ފުރަތަމަ މެޗުގައި ވޭވަށު އެކުވެރިންގެ ދިރުން ވަނީ މ. މަޑުއްވަރީ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް 3-1 އިން މޮޅުވެފަ އެވެ.

ވޭވަށުން ވަނީ މެޗުގެ 15 ވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ އަހުމަދު ޒަޔާން އިސްހާގެވެ. ނަމަވެސް އޭގެ ހަ މިނިޓު ފަހުން ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް އަބްދުﷲ ޝަމްރޫޒް ވަނީ މަޑުއްވަރީ ޓީމަށް ނަތީޖާ އެއްވަރު ކޮށްދީފަ އެވެ.

މަޑުއްވަރީ ޓީމުގެ ގޯލްކީޕަރަށް ހެދުނު ބޮޑު ގޯހެއްގެ ފައިދާ ނަގައި 30 ވަނަ މިނިޓުގައި ވޭވަށުން ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު އެޓީމަށް ޖަހައިދިނީ އަބްދުﷲ ހަލީލް އެވެ. އަދި މެޗުގެ 59 ވަނަ މިނިޓްގައި ވޭވަށު ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ އަހުޝަން ނައީމް އެވެ.

މުލަކާއި ނާލާފުށި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

މުލަކާއި ނާލާފުށި ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް

ގުރޫޕްގެ ދެވަނަ މެޗުގައި އިއްޔެ ހަވީރު ބައްދަލުކުރީ މުލަކު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބާއި ނާލާފުށި ޔޫތު ކުލަބެވެ. މި މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.

މ. އަތޮޅުގެ ޖުމްލަ ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މި ގުރޫޕުގެ މެޗުތައް ކުޅެނީ ވޭވަށު ފުޓުބޯޅަ ދަނޑުގަ އެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ދެކޮޅަށް ކުޅެ، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަކަށް، އަންނަ އަހަރު ބާއްވާ ސެންޓްރަލް ލީގުގެ އެއްވަނަ ޑީވިޝަނުން ޖާގަ ލިބޭނެ އެވެ.

މާލެ ސަރަހައްދު ނުހިމެނޭ ހެން ކުރިއަށް ގެންދާ ސެންޓްރަލް ލީގުގެ އެއްވަނަ ޑިވިޝަނުގައި ޖުމްލަ އަށް ޓީމު ވާދަކުރާނެ އެވެ. ދެވަނަ ޑިވިޝަންގެ ފުރަތަމަ ހަތަރު ގުރޫޕުން މިހާތަނަށް ހަ ޓީމެއް ވަނީ އެއްވަނަ ޑިވިޝަނަށް ޕްރޮމޯޓް ވެފަ އެވެ.

ސެންޓްރަލް ލީގުން މިހާތަނަށް އެއްވަނަ ޑިވިޝަނުގެ ޖާގަ ހޯދާފައި ވަނީ، ގުރޫޕް އޭ އިން ކްލަބް އޭދަފުށްޓާއި، ގުރޫޕް ބީ ގެ އެއް ވަނަ ހޯދީ ކ. ގުރައިދޫ ސްޕޯޓްސް ރެކްރިއޭޝަން ކްލަބާއި ދެ ވަނަ ހޯދި ކ. ގުޅި ފުޓްބޯޅަ ކްލަބްގެ އިތުރުން ގުރޫޕް ސީ އިން އއ. މާޅޮހާއި ގުރޫޕް ޑީ ގެ އެއްވަނަ ނިލަންދޫ ސްޕޯޓްސް ކުލަބާއި ދެވަނަ ލިބުނު ކުޑަހުވަދޫ ޒުވާނުންގެ ޖަމިއްޔާ އެވެ.

މު ގުރޫޕުގައި ދެން މެޗެއް ކުޅޭނީ މިފެށޭ ހަފްތާ ބަންދުގަ އެވެ. ހުކުރު ދުވަހު މުލަކާއި ވޭވަށް ބައްދަލުކުރާއިރު، މަޑުއްވަރި އާއި ނާލާފުށި ބައްދަލުކުރާނީ ހޮނިހިރު ދުވަހު އެވެ.