Roadha Mihaaru
ގޮނޑިން ތެދުވެ އަލުން އުދުއްސައިގަންނަން ބޭނުން!

ޝަފާ: ގޮނޑިން ތެދުވެ އަލުން އުދުއްސައިގަންނަން ބޭނުން!

05 ސެޕްޓެމްބަރ 2022

ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރި އެވެ. އުފަން ރަށް، ފުވައްމުލަކަށް ޗުއްޓީއަކަށް ގޮސް އާއިލާ މީހުންނާ އެކު އެ ދުވަހު މޫދަށް ދިޔައީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އެކަމަކު، 30 އަހަރުގެ ޝަފާ ސޮބްރީގެ މުޅި ހަޔާތް އެފުށްމިފުށަށް ޖަހާލައި، ދިރިއުޅުމުގެ ހުވަފެންތައް ފުނޑުފުނޑުކޮށްލީ، ފްލައި ބޯޑު ދުއްވަމުން ގޮސް، ޖެޓްސްކީގެ މައްޗަށް އޭނާ ވެއްޓި ޖެހިގެންނެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރި އެވެ. އުފަން ރަށް، ފުވައްމުލަކަށް ޗުއްޓީއަކަށް ގޮސް އާއިލާ މީހުންނާ އެކު އެ ދުވަހު މޫދަށް ދިޔައީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށެވެ. އެކަމަކު، 30 އަހަރުގެ ޝަފާ ސޮބްރީގެ މުޅި ހަޔާތް އެފުށްމިފުށަށް ޖަހާލައި، ދިރިއުޅުމުގެ ހުވަފެންތައް ފުނޑުފުނޑުކޮށްލީ، ފްލައި ބޯޑު ދުއްވަމުން ގޮސް، ޖެޓްސްކީގެ މައްޗަށް އޭނާ ވެއްޓި ޖެހިގެންނެވެ.

"ހަމަ ވަރަށް ނޯމަލް ދުވަހެއް. އެހާ ދުވަސްކޮށްލާފައި ރަށަށް ދެވުނީމަ އާއިލާ މީހުންނާ އެކު މޫދަށް ގޮސްގެން އުޅުނީ... ފްލައި ބޯޑުގައި ހުރެފައި މޫދަށް ވެއްޓުނީ ފުރަތަމަ. ދެން ސްވިޗް އޮފް ނުކުރެވި އުޅެނިކޮށް ގޮސް މީހާ ގެޓްސްކީގެ މައްޗަށް ޖެހުނީ،" މިދިޔަ އަހަރުގެ އޮގަސްޓް 27 ގައި ހިނގި އެ ހިތްދަތި ހާދިސާ ޝަފާ ކިޔައިދޭން ފެށި އެވެ.

ޝަފާ ބުނި ގޮތުގައި ޖެޓްސްކީގެ މައްޗަށް އޭނާ ވެއްޓުނު ވަގުތު "ކެތްނުކުރެވޭ ވަރުގެ" ތަދެއް އެރި އެވެ. އެކަމަކު ވީގޮތެއް ނޭނގެ އެވެ.

"ވެއްޓުނީމަ ދެން ބުނެފިން ފައިގައި އޮތް ބައި ނައްޓުވާލަން. އެކަމަކު އޭރު އެބައި ނައްޓުވާލައިފައި އޮތީ. އެ މީހުން ފައި މައްޗަށް ނެގީމަ އެނގުނީ ފައިގެ އެއްވެސް އިހުސާސެއް ނުކުރެވޭކަން."

އެ ހިސާބުން މީހާ ޕެނިކްވެ ހަނދާނެ ގޮތް ހުސްވިޔަސް އޭނާ ޖެޓްސްކީ އަށް އެރީ އަމިއްލަ އަށް ފަތާފައި ގޮހެވެ. އެކަމަކު އޭރު ވެސް ދެ ފައިގެ އެއްވެސް އިހުސާސެއް ނެތެވެ. އެއްގޮތަކަށް ވެސް ހަރަކާތެއް ނުކުރެވެ އެވެ.

މޯލްޑިވިއަންގެ ފްލައިޓެއްގައި ޝަފާ މާލެ ގެންނަނީ--

މޯލްޑިވިއަންގެ ފްލައިޓެއްގައި ޝަފާ މާލެ ގެންނަނީ--

ފުވައްމުލަކު ހޮސްޕިޓަލަށް އޭނާ ގެންދިއުމަށް އެމްބިއުލާންސް އަށް ގުޅި ނަމަވެސް ވެހިކަލް އައީ އޭގެ 30 މިނެޓް ފަހުންނެެވެ. އެމްބިއުލާންސް އައިއިރު ވެސް އޭގައި އިނީ ޑްރައިވަރު އެކަންޏެވެ. ނަރުހަކު ނެތެވެ.

"މިކަހަލަ އިންޖަރީއެއްވީމަ އެ މީހާ އުފުލާނެ އެއްޗެއް އެތަނަކު ނެތް. އެ މީހުން އުފުލާ ހެދީ ފޮތިގަނޑެއްގެ މަތީގައި ބާއްވައިގެން،" ޝަފާ ބުނެ އެވެ.

އޭނާ ބުނި ގޮތުގައި އެ ހޮސްޕިޓަލުން ވަރަށް ބޮޑަށް ފަރުވާ ލަސްވި އެވެ. ޑޮކްޓަރު އައީ ވެސް އެތައް އިރެއްވީ ފަހުން ކަމަށް ބުންޏެވެ.

"ޑޮކްޓަރަކު އައީ ވަރަށް އިރުވީ ފަހުން. އޭރު ތަދުވާތީ އަޅުގަނޑަށް ކެތްނުވެގެން ބައެއް ފަހަރު ހަޅޭއް ވެސް ލެވޭ. ނަރުހުން ވެސް އެކި ގޮތްގޮތަށް ހަރަކާތްކޮށް ހެދި މިކަހަލަ އަނިޔާއެއް ލިބޭ މީހުންގެ ހަރަކާތްކުރުވަން ނުޖެހޭ ވަރަށް. އެންމެ ފަހުން ޑޮކްޓަރު އައިސް އެވަރަށް ހަރަކާތް ނުކުރުވަން ބުނީމަ އެކަން ހުއްޓާލީ."

އެ ހޮސްޕިޓަލުގައި އެހާ ވޭނުގައި އުޅުމަށް ފަހު އޭގެ 12 ގަޑިއިރު ފަހުން ޝަފާ އިތުރު ފަރުވާ އަށް މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެތަނުން ހެދި ޓެސްޓުތަކުން އެނގުނު ގޮތުގައި ޝަފާގެ މައިބަދަ ބިނދި، މޭކަށިގަނޑު ވެސް އޮތީ ބިނދިފަ އެވެ. އަދި ފައިގެ ކުޑަހުޅު ކައިރި ކަށިމަތިން ވެސް ރެނދުލާފައިވާކަން އެނގުނެވެ.

ޝަފާގެ ބުރަކައްޓަށް ލިބިފައިވާ އަނިޔާގެ އެކްސްރޭއެއް.

ޝަފާގެ ބުރަކައްޓަށް ލިބިފައިވާ އަނިޔާގެ އެކްސްރޭއެއް.

ޝަފާ ބުނީ މައިބަދައަށް ކަށިގަނޑު ވަދެފައިވާތީ އެ ހޮސްޕިޓަލުން ވަނީ ސާޖަރީއެއް ހަދާފައި ކަމަށާއި ވައަތު ފައިގެ ކުޑަހުޅާ ދިމާލުން ވެސް ސާޖަރީ ހެދި ކަމަށެވެ.

މަސް ދުވަހަށް ވުރެ ގިނަ ދުވަހު އެ ހޮސްޕިޓަލުގައި އޮންނަން ޖެހުނުއިރު އޭނާ ސަލާމަތްވީ ނާރުތައް އިތުރަށް ހަލާކުވިޔަ ނުދޭން އެ ހޮސްޕިޓަލުން ހެދި އޮޕަރޭޝަންގެ ސަބަބުން ކަމަށް އޭނާ ބުންޏެެވެ.

ޝަފާއަށް އަމިއްލަ ފައިމައްޗަށް ތެދުވެވިދާނެ ކަމުގެ އެއްވެސް އުއްމީދެއް އެ ހޮސްޕިޓަލަކުން ނުދިނަސް ރޫމަށް ބަދަލުކުރި ފަހުން ޑޮކްޓަރުންނާއި ނަރުހުންގެ ފަރާތުން ހިތްވަރު ދިން ކަމަށް އޭނާ ބުންޏެވެ.

ސާޖާރީއަށް ފަހު ޝަފާ ފުރަތަމަ ފަހަރަށް ވީލްޗެއާ އަށް އެރި ދުވަސް--

ސާޖާރީއަށް ފަހު ޝަފާ ފުރަތަމަ ފަހަރަށް ވީލްޗެއާ އަށް އެރި ދުވަސް--

"ޑޮކްޓަރުން ދިނީ ވީލްޗެއާ. އެންމެ ބޮޑު އުއްމީދަކަށް ވެސް އެ މީހުން ދިނީ ވީލްޗެއާގައޭ ދެން އުޅެވޭނީ،"

އެހިސާބުން ހިނގޭނެ ކަމަށް ކުރި އުއްމީދު ގެއްލިގެންދިޔަ އެވެ.

އަލުން ހިނގޭނެ ކަމުގެ އުއްމީދު ލިބުނީ އިންޑިއާ އިން!

އޭޑީކޭގެ ޑޮކްޓަރުންގެ ފަރާތުން އެއްވެސް އުއްމީދެއް ނުލިބުނަސް، އިންޑިއާއަށް ދިޔަ ފުރަތަމަ ދުވަހަކީ ވެސް ޝަފާއަށް ވަރަށް އުއްމީދީ ދުވަހެކެވެ. ޑޮކްޓަރުންނާއި ނަރުހުން ވެސް އޭނާއަށް ހިތްވަރުދީ އަލުން ހިނގޭނެކަމުގެ އުއްމީދު ދިނެވެ.

"އިންޑިއާގެ ގަންނާ ހޮސްޕިޓަލަށް ދިޔައީ. އެތަނުން އޭޑީކޭ އިން ހެދި ސްޕައިނަލް ކޯޑް ސާޖަރީގެ އިންސްޓްރުމަންޓް ބަދަލުކޮށް ސާޖަރީ ހެދީ. ސާޖަރީ އަށް ފަހު ފުރަތަމަ ދުވަހު ވެސް ހިނގުވަން އެ މީހުން މަސައްކަތްކުރީ،" ޝަފާ ބުންޏެވެ.

އިންޑިއާގެ ގަންގާ ހޮސްޕިޓަލުގެ ރިހެބް ސެންޓަރުގައި ކޮށިގަނޑުގައި ހިފައިގެން ޝަފާ ހިނގަން މަސައްކަތްކުރަނީ.

އިންޑިއާގެ ގަންގާ ހޮސްޕިޓަލުގެ ރިހެބް ސެންޓަރުގައި ކޮށިގަނޑުގައި ހިފައިގެން ޝަފާ ހިނގަން މަސައްކަތްކުރަނީ.

ސާޖަރީއަށް ފަހު ކޮންމެ ދުވަހެއްގެ ހެނދުނު ނުވައަކުން ފެށިގެން ހަވީރު ފަހެއް ޖަހަންދެން އޭނާ އަށް އުޅެން ޖެހެނީ ރިހެބް ސެންޓަރުގަ އެވެ. ގާތްގަނޑަކަށް މަސް ދުވަސް ވަންދެން އެތަނުގައި ހިނގަން ދަސްކޮށްދީ އެތައް ކަސްރަތަކެއް އޭނާ ލައްވާކުރުވުމުގެ ފެށުމުން އޭގެ ނަތީޖާ ފޮންޏެވެ. ކުރިން ވީލްޗެއާގައި ނޫން ގޮތަކަށް ނީންދެވޭ ޝަފާއަށް ކޮށިގަނޑުގައި ހިފައިގެން ހިނގަން ދަސްވި އެވެ.

"ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ފެންނަން ފެށި އިންޑިއާގައި ފަރުވާ ހޯދަމުން ދިޔައިރު. އެއްވެސް އުއްމީދެއް އަސްލު ނެތް މިކޮޅުން [ރާއްޖެއިން] ދިޔައިރު. އެތަނަށް ގެންދިޔައީ ވެސް ސްޓްރެޗާގައި."

އެކަމަކު އެތަނުގައި މާގިނަ ދުވަހު ފަރުވާ އަށް މަޑުކުރެވޭ ގޮތެއް ނުވި އެވެ. އާސަންދަ ލިބުނީ ސާޖަރީ އެކަނި ހެދުމަށެވެ. ޕިޒިއޮތެރަޕީ އާއި ރިހެބްގައި ފަރުވާ ހޯދަން ޖެހުނީ އެ މީހުންގެ އަމިއްލަ ހަރަދުގައި ކަމަށްވާތީ އެތަނުގައި ގިނަ ދުވަސްތަކަށް މަޑުނުކުރެވޭ ގޮތެއް ނުވި އެވެ.

ޝަފާ، އިންޑިއާއަށް ފަރުވާއަށް ގޮސް އުޅުނުއިރު.

ޝަފާ، އިންޑިއާއަށް ފަރުވާއަށް ގޮސް އުޅުނުއިރު.

އިންޑިއާ އިން ފަރުވާ ހޯދައިގެން އައި ގޮތަށް އޭނާ ދިޔައީ މައިންބަފައިންގެ ގާތުގައި ހުންނަން ބޭނުންވާތީ ރަށަށެވެ. އެކަމަކު ފުވައްމުލަކު ހޮސްޕިޓަލުގައި ޕިޒިއޮތެރަޕިސްޓެއް ނެތުމުގެ ސަބަބުން ހަތަރު މަސް ވަންދެން ޕޮޒިއޮތެރަޕީ ނުހެދި ހާލު އިތުރަށް ގޯސްވި އެވެ.

"އެކޮޅަށް ދިޔައީ މާލޭގައި އެކަނި ހުންނަން ޖެހޭތީ. ގޭގައި އުޅޭ މީހުން ޑިއުޓީއަށް ދިޔައިމަ އެކަނި އިންނަން ޖެހޭތީ ވަރަށް ބޮޑަށް ވިސްނޭ. މީހާ އެކީ ޑިޕްރެޝަނަށް ދިޔަ. އެކަނި އޮވެގެން ރޮވެނީ ހަމަ ދެން ރަނގަޅުވާނެ ކަމާ މެދު ވިސްނާފައި. އެހެންވެ މަންމަމެންނާއި ކޮއްކޮމެން ކައިރިގައި ހުންނަން ރަށަށް ދިޔައީ. އެކަމަކު އެކޮޅުގައި ހަތަރު މަސްވީއިރު ވެސް ޕިޒިއޮތެރަޕިސްޓެއް ނެތިގެން އަންނަން ޖެހުނީ."

އެންމެ ފަހުން ރަށް ދޫކޮށް އަނެއްކާ ވެސް މާލެއަށް އަންނަން އޭނާ އަށް މަޖުބޫރުވީ އެވެ. އޭރު ޕިޒިއޮތެރަޕީ ނަހަދާތާ ގިނަ ދުވަސްވުމުގެ ސަބަބުން ފައި އޮތީ ވަރަށް ބޮޑަށް ހަރުވެފަ އެވެ.

"ރަށުގައި ހުރެގެން ދިވެހި ބޭސް ވެސް ކުރި. ގެއަށް މީހަކު ގެނެސްގެން ވަކި ވަރެއް ދީގެން ތެޔޮ ދެމިން. އެކަމަކު ޕިޒިއޮތެރަޕީން ކުރިއެރުން ލިބޭތަން ފެންނަނީ. އެހެންވެ އަލުން މިކޮޅަށް [މާލެ] އަށް އައީ،" ކެބިންކްރޫއެއްގެ ގޮތުގައި ހަތް އަހަރުވަންދެން މަސައްކަތްކުރި ޝަފާ ބުންޏެވެ.

ކެބިން ކްރޫއެއްގެ ގޮތުގައި ޝަފާ މަސައްކަތްކުރިއިރު.

ކެބިން ކްރޫއެއްގެ ގޮތުގައި ޝަފާ މަސައްކަތްކުރިއިރު.

އައިޖީއެމްއެޗުން ޕިޒިއޮތެރަޕީ ހެދުމަށް ފަހު މިހާރު އޭނާ ޕިޒިއޮތެރަޕީ ހަދަން ދަނީ ޓްރީޓޮޕް ހޮސްޕިޓަލަށެވެ.

"އައިޖީއެމްއެޗަށް ދާއިރު ވިއްސަކަށް މިނެޓް ކޮންމެ ދުވަހަކު ޕިޒިއޮތެރަޕީ ހަދަން ލިބެނީ. ގަޑި ޖެހެނީއޭ ޑޮކްޓަރަކު ނެތޭ ކިޔައިފައި ދެން ފޮނުވާލަނީ. އެހެންވެ އެއްވެސް ވަރަކަށް ނަތީޖާ ނުފެންނާތީ ޓްރީޓޮޕް ހޮސްޕިޓަލަށް ދާން ފެށީ."

ސާޖަރީއަށް ފަހު ޝަފާ، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިއިރު ނަރުހުންނާ އެކު ފޮޓޯއަށް ހުއްޓިލައިގެން.

ސާޖަރީއަށް ފަހު ޝަފާ، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯދިއިރު ނަރުހުންނާ އެކު ފޮޓޯއަށް ހުއްޓިލައިގެން.

އެކަމަކު ޓްރީޓޮޕްގައި ވެސް ކޮންމެ ހަފްތާއަކު ނަގަނީ އެއް ގަޑިއިރުގެ އެންމެ ތިން ސެޝަން އެވެ. އެހެންވެ މާބޮޑު ކުރިއެރުމެއް އޭނާގެ ފަޔަށް ލިބޭ ކަމަށް ނުބެލެވޭ ކަމަށް ބުންޏެވެ،

"އިންޑިއާގައި ރިހެބްގައި ދުވާލަކު އަށް ވަރަކަށް ގަޑިއިރު ހޭދަކުރިން ކޮންމެ ދުވަހަކު ވެސް ސެޝަން ނެގުމުގައި. ޑޮކްޓަރުންނާއި ނަރުހުން ވެސް ތިބޭ ކައިރީގައި ދެން ހަދަންވާ ގޮތްތައް ކިޔައިދޭން. އެކަމަކު މިކޮޅަށް އައިސް އެގޮތަށް ނުގެންދެވޭނީ ނަތީޖާއެެއް ނުފެނޭ."

އެހެންވެ އާންމުންގެ އެހީތެރިކަން ހޯދައިގެން އޭނާ މަސައްކަތް ކުރަނީ ރާއްޖެއިން ބޭރަށް އަލުން ފަރުވާއަށް ފުރާށެވެ. ކުއްލިއަކަށް އާއިލާއަށް އެހާ ބޮޑުކަމެއް ދިމާވުމުގެ ސަބަބުން މާލީ ތަނަވަސްކަން ވެސް މި ދަނޑިވަޅުގައި ނެތުމުން އާންމުންގެ އެހީތެރިކަމަށް އެދެން ޖެހުނީ ކަމަށް ޝަފާ ބުންޏެވެ.

"ރާއްޖޭގައި ލިބޭ ފަރުވާއެކޭ ކިޔާފައި އެކަމަށް އާސަންދައެއް ނުލިބޭ. އެހެންވެ އެހީތެރިކަން ހޯދައިގެން ވެސް އަޅުގަނޑު ބޭނުންވަނީ ތަންކޮޅެއް ރަނގަޅު ތަނަކަށް ގޮސް ފަރުވާ ހޯދައިގެން އަމިއްލަ ފައިމައްޗަށް ތެދުވަން."

ވީއެންމެ އަވަހަކަށް އަލުން ހިނގައިގަނެ މަސައްކަތަށް ނިކުންނަން އޭނާ ބޭނުން ވަނީ އޭނާގެ އާއިލާ އާއި މައިންބަފައިންނަށް އިތުރަށް ބޮޑު ތަކުލީފެއް ޖައްސަން ބޭނުންނުވާތީ ކަމަށް އޭނާ ބުންޏެވެ.

ޝަފާ މި ވަގުތު ހުރީ އޭނާ މަސައްކަތްކުރަމުން އައި މަންޓާ އެއާގައި އަދާކުރަމުންދިޔަ ވަޒީފާއިން ނޯޕޭ ލީވްއެއްގަ އެވެ. މިދިޔަ އަހަރުން ފެށިގެން ނޯޕޭ ލީވް ނެގީ އޮގަސްޓް މަހާ ހިސާބަށެވެ. ޝަފާ ބުނި ގޮތުގައި އޭނާ އުއްމީދުކޮށްގެން ހުރީ އެހާ ތަނަށް އަމިއްލަ އަށް ހިނގަން ފެށޭނެ ކަމަށެވެ.

"އޮފީހުން ވެސް ވަރަށް ރަނގަޅު. މިކަން ހިނގީމަ ވަޒީފާއިން ކަނޑާނުލައި އަދިވެސް ނޯޕޭ ލީވްއެއްގައި ބަހައްޓައިދީފައި ހުރީ. އަޅުގަނޑުގެ މުޅި ކެރިއަރު މިކަމުގެ ސަބަބުން ހިނގައިދާނެ."

ޝަފާއަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކަށް އޭނާގެ އެކައުންޓް މައުލޫމާތު.

އެހެންވެ ކޮންމެ ދުވަހަކު ވެސް އޭނާ ތެދުވަމުން އެދަނީ އާ އުއްމީދުތަކަކާ އެކު އެވެ. އަމިއްލަ ފައިމައްޗަށް ތެދުވެ ހިނގައިގަތުމަށް ކުރާ އުއްމީދެއްގެ ބޮޑުކަމުންނެވެ. ވީލްޗެއާގައި އިނދެ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު މީހުން ހުއްޓާ ނުލާ ބަލާތީ އުނދަގޫ ވިޔަސް، އޭނާގެ އަޒުމު މިފަހަރު ވަރުގަދަ އެވެ. އާއިލާ އަށް ޓަކައި ވެސް ކޮޅަށް ތެދުވާން އޭނާ ބޭނުންވެ އެވެ.

"މިހެން އިންނަން ބޭނުމެއް ނޫން. މިހާރު ވެސް މި ފާއިތުވި އަހަރުގެ ތެރޭގައި އާއިލާއިން ހުރިހާ ހަރަދެއް އެ ކުރީ. އާއިލާގައި ޝަފާއާ ޖެހިގެން ކުޑައަށް ހުންނާނީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއް. އޭނާގެ ހަރަދުތައް ބަލަހައްޓަމުން އަޅުގަނޑު ބަލަމުން، ވަރަށް ބޮޑު ބުރައެއް އާއިލާ އިން އެ އުފުލަނީ."

އެ ހާދިސާއާ އެކު ޝަފާގެ މުޅި ދިރިއުޅުން ބަދަލުވެއްޖެ އެވެ. އޭނާ މިހާރު ކުރާހާ ވެސް އުއްމީދަކީ އެހެން މީހެއްގެ އެހީއަކާ ނުލައި އަމިއްލަ އަށް ދިރިއުޅެވޭނެ ގޮތެއް ވުމެވެ. އެ އުއްމީދުގައި ހަގީގީ ކުލަ ޖެހެން އޮތީ ރާއްޖެއިން ބޭރުން ރަނގަޅު ފަރުވާއެއް ލިބިގެންނެވެ. އެކަން ވާން އޮތީ އާންމުންގެ އެހީތެރިކަމާ އެކު އެވެ.