Roadha Mihaaru
މަގުމަތިން ގާނޫނު ތަންފީޒެއް ނުކުރެވޭނެ: ޕީޖީ ޝަމީމް

މަގުމަތިން ގާނޫނު ތަންފީޒުކުރުން އިސްލާމީ ޝަރީއަތުގައި ހުއްދައެއް ނޫން: ޕީޖީ ޝަމީމް

04 ސެޕްޓެމްބަރ 2022

އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ ދައުލަތުން، ގާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި އެ މީހަކަށް އިންސާފުކަމަށް ގަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި އަދި އެއީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން މަނާ ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ ދައުލަތުން، ގާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ޒިންމާއެއް ކަމަށާއި އެ މީހަކަށް އިންސާފުކަމަށް ގަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި އަދި އެއީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން މަނާ ކަމެއް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ކުށުގެ ތުހުމަތު ކުރެވޭ މީހުންނަށް އަތުލައިގަނެ އަނިޔާކުރުން އިތުރުވާން ފަށާފައި ވަނިކޮށް ޝަމީމް އޭނާގެ އަމިއްލަ ބްލޮގްގައި މިހެން ވިދާޅުވީ "އިސްލާމީ ޝަރީއަތުގައި މަގުމަތިން ގާނޫނު ތަންފީޒުކުރުން ހުއްދައެއް ނޫން" މައުލޫގައި ލިޔުއްވަމުންނެވެ.

"އިންސާފު ގާއިމުކުރުމުގެ ޒިންމާއަކީ، ދައުލަތުން، ގާނޫނު ތަންފީޒުކުރާ މީހުންނާ މަތިކޮށްފައިވާ ޒިންމާއެކެވެ. އެމީހަކަށް އިންސާފުކަމަށް ގަބޫލުކުރެވޭ ކަމެއް، އަމިއްލަ އަތުން ތަންފީޒުކުރުމަކީ ނުރައްކާތެރި، ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބޮޑުވެގެންވާ މަނާކަމެކެވެ." ލިޔުއްވުން ފައްޓަވަމުން ވިދާޅުވެފައިވެ އެވެ.

ރާއްޖޭގައި ގާނޫނީ ނިޒާމު ބިނާވެފައި އޮތީ އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަމަށް ފާހަގަކުރައްވަމުން ޝަމީމް ލިޔުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގާނޫނަކީ އިސްލާމްދީނާ ހިލާފު ގާނޫނެއް ނަމަ، އެ ގާނޫނު ބާތިލުކުރަން ހިނގަންޖެހޭ މަގު ވެސް ގާނޫނުގައި އެބައޮތް ކަމަށެވެ.

"އެމަގުން ގޮސް، އެ ގާނޫނަކީ އިސްލާމްދީނާ ޚިލާފު ގާނޫނެއްކަމަށް ކޯޓަކުން ކަނޑަނާޅާހާ ހިނދަކު، ރައްޔިތުންނަށް އޮތީ ގާނޫނުގައިވާ ގޮތުގެ މަތިން އުޅުމެވެ." ލިޔުމުގައިވެ އެވެ.

ގާނޫނު ތަންފީޒުކުރާ މީހާ ތަންފީޒުކުރަންޖެހެނީ، ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނަކީ އިސްލާމީ އުސޫލުތަކާ އެއްގޮތް ގާނޫނެއްކަމަށް ބަލައިގެންނެވެ. ގާނޫނު ތަންފީޒުކުރަންޖެހޭ ހަމަ ކޮންމެ ފަހަރަކު، އެ ގާނޫނަކީ ރަނގަޅު ގާނޫނެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ.

ދުނިޔަވީ އެކި ކަންކަމަށް ގާނޫނު ހެދުން އިސްލާމް ދީން ހުއްދަކުރާ ކަމަށާއި އިސްލާމީ އެތައް މުޖުތަމައެއްގައި މިކަން މިގޮތަށް ކުރަމުން އަންނައިރު އިމާމް ޝާފިއީގެ ރައުޔުގައި އާންމު މަސްލަހަތު ރައްކާތެރިކުރުމުގެ ބާބުގެ ދަށުން، ތަފާތު އެކި ކަންކަމަށް ގާނޫނު ހަދައި ތަންފީޒުކުރެވިދާނެ ކަމަށް އޮންނަ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

"ގާނޫނު ތަންފީޒުކުރާ މީހާ ތަންފީޒުކުރަންޖެހެނީ، ރައްޔިތުންގެ މަޖިލީހުން ހަދާފައިވާ ގާނޫނަކީ އިސްލާމީ އުސޫލުތަކާ އެއްގޮތް ގާނޫނެއްކަމަށް ބަލައިގެންނެވެ. ގާނޫނު ތަންފީޒުކުރަންޖެހޭ ހަމަ ކޮންމެ ފަހަރަކު، އެ ގާނޫނަކީ ރަނގަޅު ގާނޫނެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނު ރަނގަޅު ނޫންނަމަ، ކޯޓުން އެކަމަށް ގޮތެއް ނިންމާނެއެވެ."

ކީރިތި ގުރުއާނާއި އިސްލާމީ ތާރީޚުން ބައެއް މިސާލުތައް ދައްކަމުން ޝަމީމް ލިޔުއްވާފައިވާ ގޮތުގައި މީހަކު ކުރާކަމަށް ތިމާއަށް ގަބޫލުކުރެވޭ ނުވަތަ މީހަކު ތުހުމަތުކުރާ ކަމެއްގެ ސަބަބުން، އެ މީހަކު ދެކެ ތިމާ އަންނަ ރުޅިއަކީ ނުވަތަ ކުރާ ނަފްރަތަކީ، ގާނޫނުތަކުގައި ކަނޑައަޅާފައިވާ ހަމަތަކުން ބޭރުން މީހުންނާ މެދު އަމަލުކުރުން ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ވެސް ހުއްދަކުރާ ކަމެއް ނޫނެވެ.

"ކަން މިގޮތަށް ހަމަޖެހިފައިވަނީ އެތައް އެތައް މަސްލަހަތެއް ހިމާޔަތް ކުރުމަށެވެ. މިސާލަކަށް، ބަޔަކު މީހުން، ވަކި މިވެނި މީހަކީ ވަގެއް ކަމަށް ބުނެ، އެމީހަކަށް އަނިޔާކުރަން ގޮވާލަފާނެ އެވެ. އޭނާ އަކީ ވަގެއްތޯ ނުވަތަ ނޫންތޯ ބެލުން، އިސްލާމީ ދައުލަތެއްގައި އޮތީ ގާނޫނީ ނިޒާމާ މަތިކޮށްފަ އެވެ." އެ ނޫން ގޮތަކަށް އެކަން ކުރުމަކީ ދީނީ ގޮތުން މަނާ ކަމެއްކަން އަލްމާއިދާ ސޫރަތުގެ 8 ވަނަ އާޔަތުން ދަލީލު ލިބޭކަން ފާހަގަކުރައްވަމުން ޝަމީމް ލިޔުއްވާފައިވެ އެވެ.

ޝަމީމް ލިޔުއްވާފައިވާ ގޮތުގައި، ކަމެއް ހިނގި ގޮތް އެނގުނަސް އެކަމަކަށް އޮންނަ އަދަބެއް ދެވޭނީ ގާނޫނީ ނިޒާމުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލިގެންނެވެ. އެ ނިޒާމު ރަނގަޅު ނޫން ނަމަ، ރައްޔިތުންގެ މަޖިލީހުން ގާނޫނަށް ބަދަލު ގެންނަންވީ ކަމަށާއި މަގުމަތިން، މި މައްސަލަ ހައްލުކުރުން ހުއްދަ ނުވަނީ އެ ކަމުގެ ނުރައްކާތެރިކަން ބޮޑުވީމާ ކަމަށް ޝަމީމް ވިދާޅުވި އެވެ.