Roadha Mihaaru
މަންޑޭގެ ގެ އޮތީ އަގު ބޮޑު މުދަލުން ޖަރީކޮށްފައި!

މަންޑޭގެ އަގުބޮޑު ދިރިއުޅުން: ގޭގައި ހުރި ގަހަނާތަކާއި އަތްދަބަހާއި ސެންޓުގެ އަގު ހަތް މިލިއަންގައި!

30 ނޮވެމްބަރ 2023

ހުޅުމާލެއިން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި މުއްސަނދި ދިރިއުޅުމެއްގައި ހަސަން މަމްދޫހް (މަންޑޭ) އާއި އޭނާގެ އަންހެނުން "އުދުހެމުން" ދިޔަ ގޮތް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ހުޅުމާލެއިން އެޕާޓްމަންޓް ވިއްކުމުގެ ނަމުގައި އެތައް ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައި މުއްސަނދި ދިރިއުޅުމެއްގައި ހަސަން މަމްދޫހް (މަންޑޭ) އާއި އޭނާގެ އަންހެނުން "އުދުހެމުން" ދިޔަ ގޮތް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު އާއްމުކޮށްފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ، ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް އާއްމުކޮށްފަ އެވެ.

ޝަމީމް ވިދާޅުވީ، މަންޑޭ ދިރިއުޅެމުން ދިޔަ އެ އެޕާޓްމެންޓުގެ އަގު އެކަނި ވެސް އަށް މިލިއަނަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު ހަތް މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޭޕާކް މައްސަލައިގައި ތުހުމަތުވާ މަންޑޭ އާއި އޭނާގެ އަންހެނުން ޝަހުދާ.

ކޭޕާކް މައްސަލައިގައި ތުހުމަތުވާ މަންޑޭ އާއި އޭނާގެ އަންހެނުން ޝަހުދާ.

އޭގެ ތެރޭގައި އެތައް ހާސް ޑޮލަރެއްގެ އަގުހުރި ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް ޕީޖީ ވިދާޅުވި އެވެ. މި ސެންޓު ފުޅިތައް ހުރީ ނުކަނޑާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

މި ތަފްސީލްތައް ޕީޖީ އޮފީހުން އާއްމުކޮށްފައި ވަނީ ތަހުގީގަށް މަންޑޭގެ ގެއަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައި ވަނިކޮށެވެ.

ކޭޕާކް މައްސަލައިގައި ތުހުމަތުވާ މަންޑޭ އާއި އޭނާގެ އަންހެނުން ޝަހުދާ.

ކޭޕާކް މައްސަލައިގައި ތުހުމަތުވާ މަންޑޭ އާއި އޭނާގެ އަންހެނުން ޝަހުދާ.

ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މަންޑޭގެ ޕެންޓް ހައުސެއް ވެސް ވަނީ ފުލުހުންގެ ތަހުގީގަށް ހިފަަހައްޓައިފަ އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި އެފްޑަބްލިއު ރެސިޑެންސް އިން ގަނެފައިވާ އެ އެޕާޓްމެންޓުގެ އަގު 7.8 މިލިއަނަށް އަރަ އެވެ. އެ ޕެންޓްހައުސް ގަނެފައިވަނީ ކޭޕާކް އެޕާޓްމެންޓެއް ހަތަރު މީހުންނަށް ވިއްކައިގެން ލިބުނު ފައިސާއިން ކަމަށް ޝަމީމް ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ އެ އެޕާޓްމެންޓް ފުލުހުން ބަލައި ފާސްކޮށް އެ ތަނުން ހިފެހެއްޓި މުދަލުގެ އަގު ޖުމްލަ ހަތް މިލިއަނަށް ވުރެ ގިނަ ކަމަށެވެ. ބައެއް އަގުބޮޑު މުދަލުގެ ތަފްސީލްތައް އޭނާ ހިއްސާކުރެއްވި އެވެ.

މަންޑޭގެ އަތުން ފެނުނު އަގު ބޮޑު މުދަލުގެ ތަފްސީލް

- ލަގްޒަރީ އަތް ދަބަސްތަކުގެ އަގު 90،000 ޑޮލަރު އަރާ. އޭގެ ތެރޭގައި 40،000 ޑޮލަރާއި 50،000 ޑޮލަރަށް ގަތް ދަބަސް އެބަހުރި

- 10،000 ޑޮލަރާއި 15،000 ޑޮލަރަށް ގަނެފައިވާ ގަހަނާ

- 200 އަށް ވުރެ ގިނަ ނުކަނޑާހުރި ބްރޭންޑެޑް ސެންޓުފުޅި

"އެ ތަނުގައި ހުރި މުދަލާއި އެ އެޕާޓްމެންޓު ގަންނަން ހޭދަކުރި ފައިސާ އެއްކޮށްލީމާ، ދައުލަތުގެ އިދާރާއެއްގެ ބަޖެޓުގެ އަހަރަކު ހޭދަ ކުރާ ފައިސާއަށް ވުރެ އިތުރު،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވި ގޮތުގައި މިހާތަނަށް ތަހުގީގު ފުރިހަމަ ކުރެވިފައިވާ މިންވަރަށް ބަލާއިރު، ކޭޕާކްގެ 41 އެޕާޓްމެންޓު 107 މީހުންނަށް ވިއްކާފައިވެ އެވެ.

މަންޑޭގެ މައްޗަށް ކުރަން ނިންމާފައިވަނީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމް ފައިނޭންސް ކުރުމުގެ ގާނޫނުގެ ދަށުން މަނީ ލޯންޑަރިންގެ ދައުވާ އެވެ. އަދި ސައްހަ ނޫން ލިޔުމުގެ ދައުވާއާއި އޮޅުވާލުމުގެ ކުށުގެ ދައުވާއާއި ޓެކުގެ ދައުވާ ކުރަން ވިސްނާ ކަމަށް ޕީޖީ ވިދާޅުވި އެވެ.

މި ހުރިހާ ދައުވާތަކެއް ކުރަން ނިންމާފައިވަނީ ކޮންމެ ހާދިސާއަކަށް ވަކިވަކިން ކަމަށް ވާތީ، މަންޑޭގެ މައްޗަށް 255 ދައުވާ ކުރާނެ ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.

ތަހުގީގަށް މަންޑޭ ހައްޔަރުކުރި އެވެ. އެކަމަކު ޕާސްޕޯޓް ހިފެހެއްޓުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.