Roadha Mihaaru
ޔުނައިޓެޑުން އާސެނަލްގެ ރެކޯޑަށް ނިމުން ގެނެސްފި

ޔުނައިޓެޑް އަތުން ބަލިވެ އާސެނަލްގެ މޮޅުވުމުގެ ރެކޯޑް ނިމިއްޖެ

04 ސެޕްޓެމްބަރ 2022

މެންޗެސްޓާ (ސެޕްޓެމްބަރު 4) - އަމިއްލަ ދަނޑުގައި އާސެނަލްއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެން މެންޗެސްޓަ ޔުނައިޓެޑުން މި ސީޒަނުގައި އާސެނަލް މެޗުތަކުން މޮޅުވަމުން އައި ރެކޯޑަށް ނިމުން ގެނެސްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

މެންޗެސްޓާ (ސެޕްޓެމްބަރު 4) - އަމިއްލަ ދަނޑުގައި އާސެނަލްއާ ވާދަކޮށް 3-1 އިން މެޗު ކާމިޔާބު ކޮށްގެން މެންޗެސްޓަ ޔުނައިޓެޑުން މި ސީޒަނުގައި އާސެނަލް މެޗުތަކުން މޮޅުވަމުން އައި ރެކޯޑަށް ނިމުން ގެނެސްފި އެވެ.

އާސެނަލް މި މެޗަށް ނުކުތުމުގެ ކުރިން އެޓީމު ވަނީ ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އާ ކޯޗު އެރިކް ޓެން ހަގް އާއެކު ޔުނައިޓެޑް ފުރަތަމަ ދެ މެޗުން ބަލިވި ނަމަވެސް ފަހުން ކުޅުނު ހަތަރު މެޗު ވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފަ އެވެ.

އޯލްޑް ޓްރެފޯޑުގައި މިރޭ ކުޅުނު މެޗުގެ 12 ވަނަ މިނިޓުގައި ބުޔަކޯ ސަކާ ދިން ބޯޅައަކުން ގެބްރިއެލް މާޓިނެލީ އާސެނަލް އަށް ގޯލެއް ޖަހައިދިނެވެ. ނަމަވެސް ސަކާ އަށް ބޯޅަ ހޯދި ވަގުތު ކެޕްޓަން މާޓިން އޮޑެގާޑް، ޔުނައިޓެޑްގެ ކްރިސްޓިއަން އެރިކްސަން އަށް ފައުލް ކޮށްފައި ވާތީ ރެފްރީ ވަނީ ވީއޭއާރު ރިވިއު އަށް ފަހު އެ ގޯލު ބަލައި ނުގަންނަން ނިންމައިފަ އެވެ.

މާޓިނެލީ އާސެނަލް އަށް ފުރަތަމަ ލީޑު ނަގައިދޭން ލަނޑު ޖަހަނީ. އޭނާ ލަނޑު ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފައި.-- ފޮޓޯ: އޭއެފްޕީ

މާޓިނެލީ އާސެނަލް އަށް ފުރަތަމަ ލީޑު ނަގައިދޭން ލަނޑު ޖަހަނީ. އޭނާ ލަނޑު ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފައި.-- ފޮޓޯ: އޭއެފްޕީ

އޭގެ ކުރިން އެރިކްސަން ފޮނުވާލި ހަމަލާއެއް ގޯލާ އަމާޒު ނުވި އިރު، ޖޭޑަން ސަންޗޯ ފޮނުވާލި ބޯޅައެއް އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ދިފާއު ކުރި އެވެ.

ޔުނައިޓެޑުން ފުރަތަމަ ލީޑު ނެގީ، ނިމިދިޔަ ޓްރާންސްފާގައި ނެދަލެންޑްސްގެ އަޔެކްސް އިން 100 މިލިއަން ޔޫރޯގެ އަގަކަށް ގެނައި އެންޓޮނީ، މެޗުގެ 35 ވަނަ މިނިޓުގައި ޖެހި ލަނޑުންނެވެ. ޔުނައިޓެޑްގެ ތާރީހުގައި ވެސް ދެވަނައަށް އެންމެ ބޮޑު އަގު ދީފައި ގެނައި އެންޓޮނީ އޭނާގެ ފުރަތަމަ މެޗުގައި ލަނޑު ޖެހީ މާކަސް ރަޝްފޯޑް ހުސްކޮށްލާފައި އަރިމަތިން ދިން ބޯޅަ ގޯލުގެ ތިރިން ދުރު ކަނަށް ފޮނުވާލައިގެންނެވެ.

މިއީ ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގް، ތިން މެޗަށް ފަހު ޔުނައިޓެޑްގެ ފުރަތަމަ 11 އަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ. ކުރީ ތިން މެޗުގައި ވެސް އެންތަނީ އެލަންގާ ކުޅެން އެރުވި ނަމަވެސް މިރޭ އޭނާގެ މަގާމުގައި ސްޓާޓް ކުރީ އެންޓޮނީ އެވެ.

އެންޓޮނީ، ޔުނައިޓެޑަށް މެޗުގައި ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު. މިއީ އޭނާ ޔުނައިޓެޑްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

އެންޓޮނީ، ޔުނައިޓެޑަށް މެޗުގައި ލީޑު ނަގައިދިން ލަނޑު ޖެހުމަށް ފަހު. މިއީ އޭނާ ޔުނައިޓެޑްގެ ޖޯޒީގައި ކުޅުނު ފުރަތަމަ މެޗު.-- ފޮޓޯ: އޭއެފްޕީ

ދެވަނަ ހާފު ފަށައިގެން އާސެނަލް އިން ގިނަ ފުރުސަތުތަކެއް ތަނަވަސް ކުރި އެވެ. ގެބްރިއެލް ޖީސަސް ހުސްކޮށްލާފައި ދިން ބޯޅައެއް އޮޑެގާޑަށް ރަނގަޅަށް ފޮނުވާ ނުލެވުނު އިރު، ސަކާ ފޮނުވާލި ހަމަލާއެއް ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ. އަދި ސަކާ ގޯލު ކުރިމައްޗަށް ނަގައިދިން ބޯޅައެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒު ވިއެވެ.

މެޗުގެ 57 ވަނަ މިނިޓުގައި އެންޓޮނީގެ ބަދަލުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެން އެރުވިތާ ތިން މިނިޓު ފަހުން، 60 ވަނަ މިނިޓުގައި ސަކާ ވަނީ ޔުނައިޓެޑްގެ ފަހަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި އާސެނަލް އަށް ލަނޑެއް ޖަހައިދީ ނަތީޖާ އެއްވަރު ކޮށްފަ އެވެ. ނަމަވެސް ޔުނައިޓެޑުން އަލުން ލީޑު ނަގަން މާ ގިނައިރެއް ނުނަގަ އެވެ. އޭގެ ހަ މިނިޓު ފަހުން ބްރޫނޯ ފެނާންޑޭޒް ދިން ތުރޫ ޕާހެއް ހޯދައި މުޅިން ހުސްކޮށް ކުރިއަށް އަރައި ޔުނައިޓެޑަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ރަޝްފޯޑެވެ.

އޭގެ އިރުކޮޅެއް ފަހުން ކީޕަރު ރަމްސްޑޭލް އަށް ހެދުނު ގޯހެއްގެ ފައިދދާ ނަގައި، ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ފްރެޑް ބޯޅަ ހޯދައި ދިން ޕާހަކުން ފެނާންޑޭޒް ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު ވަނީ ދިފާއު ކޮށްފަ އެވެ.

ރަޝްފޯޑް މިރޭ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފުރަތަމަ ލަނޑު އެސިސްޓް ކޮށްދިން އިރު، ފަހު ދެ ލަނޑު ޖެހީ އޭނާ.-- ފޮޓޯ: އޭއެފްޕީ

ރަޝްފޯޑް މިރޭ ލަނޑެއް ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފުރަތަމަ ލަނޑު އެސިސްޓް ކޮށްދިން އިރު، ފަހު ދެ ލަނޑު ޖެހީ އޭނާ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑުގެ ތިންވަނަ ލަނޑު 75 ވަނަ މިނިޓުގައި ޖަހައިދިނީ ވެސް ރަޝްފޯޑެވެ. އޭނާ މި ލަނޑު ޖެހީ އެރިކްސަން ދިން ޕާހަކުންނެވެ. މި ގޯލަށް ފަހު ފްރެޑް ވަނީ އާސެނަލްގެ ގްރޭނިޓް ޒާކާ އަތުން ގެއްލުނު ބޯޅައެއް ފިފައިގެން ކުރިއަށް އަރައި، ހުސްކޮށް ހުރި ރޮނާލްޑޯ އަށް ދޭން މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ރޮނާލްޑޯ އަށް ލިބުމުގެ ކުރިން ކީޕަރު ރަމްސްޑޭލް ވަނީ އޭރިއާ ބޭރަށް ނުކުމެ އެ ބޯޅަ ދިފާއު ކޮށްފަ އެވެ.

މެޗުގެ ފަހު 10 މިނިޓަށް ޓެން ހަގް ވަނީ ކަސެމީރޯ އާއި، ކެޕްޓަން ހެރީ މެގުއާ ކުލެން އަރުވައިފަ އެވެ. މިއީ ލީގުގެ ފުރަތަމަ ދެ މެޗަށް ފަހު މެގުއާ ކުޅެން އެރުވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑް މޮޅުވި ފުރަތަމަ ތިން މެޗުގައި ވެސް އޭނާ އިނީ ބެންޗުގަ އެވެ. މެގުއާގެ ބަދަލުގައި ޔުނައިޓެޑް ލީޑު ކުރަނީ ފެނާންޑޭޒް އެވެ. މިރޭ ޔުނައިޓެޑުން ޖެހި ތިން ގޯލުގެ ބިލްޑްއަޕް ގައި ވެސް އޭނާ ވަނީ މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

ފަހު ވަގުތުގައި އާސެނަލް އިން ގޯލު ޖަހަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް ކާމިޔާބެއް ނުވި އެވެ. އާސެނަލް އިން ގޯލު ކުރިމައްޗަށް ނަގައިދިން ހުރަހެއް މާޓިނެލީ އަށް ލިބުމުގެ ކުރިން ސްކޮޓް މެކްޓޮމިނޭ ދިފާއު ކުރި އިރު، ބަދަލު ކުޅުންތެރިން ގޮތުގައި ކުޅެން އެރި ފަބިއޯ ވިއޭރާ އާއި އެމީލް ސްމިތު-ރޯ ފޮނުވާލި ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ.

މި މެޗުން މޮޅުވެގެން އެއްވަނައިގައި އޮތް އާސެނަލް އަށް އެންމެ މަތީގައި ހަތަރު ޕޮއިންޓަށް ލީޑު ފުޅާ ކުރުުމުގެ ފުރުސަތު އޮތް ނަމަވެސް، މެޗުން ބަލިވުމާ އެކު، ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ދެމެދު އޮތް ފަރަގު ވަނީ ޕޮއިންޓަކަށް ކުޑަ ވެފަ އެވެ.

އާސެނަލް އަށް 15 ޕޮއިންޓް ލިބިފައި ވާއިރު، ސިޓީ އާއި ޓޮޓެންހަމަށް ލިބިފައި ވަނީ 14 ޕޮއިންޓެވެ. މިރޭގެ މެޗުން އާސެނަލް ބަލިވުމާ އެކު، ލީގުގައި މިހާތަނަށް ބަލި ނުވެ އޮތީ ސިޓީ އާއި ޓޮޓެންހަމެވެ.

ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން ވަނީ ލެސްޓާ ސިޓީއާ ވާދަކޮށް އަމިއްލަ ދަނޑުގައި 5-2 އިން މޮޅޮ ވެފަ އެވެ. މި ނަތީޖާއާ އެކު ބްރައިޓަން އޮތީ ކުޅުނު ހަ މެޗުން، ޔުނައިޓެޑަން ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދައިގެން، 13 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ. ފަސްވަނައިގައި އޮތް ޔުނައިޓެޑަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

ޔުނައިޓެޑްގެ ފަހަތުން ހަވަނައިގައި އޮތީ 10 ޕޮއިންޓް ހޯދައިފައި ވާ ޗެލްސީ އެވެ. ލިވަޕޫލާއި ބްރެންޓްފޯޑަށް ވަނީ ހަތް ޕޮއިންޓް ލިބިފަ އެވެ.

ލީގު ތާވަލްގެ ފުލުގައި އޮތީ ޕޮއިންޓަކާ އެކު އޮތް ލެސްޓާ ސިޓީ އެވެ. ނޮޓިންހަމް ފޮރެސްޓާއި ވެސްޓް ހޭމް ޔުނައިޓެޑް އަދި އެސްޓަން ވިލާ އާއި އެވަޓަން އަށް ވެސް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. ލީގުގައި މިހާތަނަށް މޮޅެއް ނުހޯދި އޮތީ ލެސްޓާ އާއި އެވަޓަން އެވެ.