Roadha Mihaaru
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް

ޗެލްސީ އާއި ސިޓީ އެއްވަރު، ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް

13 ނޮވެމްބަރ 2023

ލަންޑަން (ނޮވެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓޭބަލްގެ އެއްވަނައިގައި އޮތް ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރޭ ޗެލްސީން 4-4 އިން އެއްވަރު ކުރުމާ އެކު، ލީގުގެ އެއްވަނަ އާއި ފަސްވަނައާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ތިނަކަށް ކުޑަވެއްޖެ އެވެ.

ލަންޑަން (ނޮވެމްބަރު 13) - އިނގިރޭސި ޕްރިމިއާ ލީގުގެ ޓޭބަލްގެ އެއްވަނައިގައި އޮތް ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ރޭ ޗެލްސީން 4-4 އިން އެއްވަރު ކުރުމާ އެކު، ލީގުގެ އެއްވަނަ އާއި ފަސްވަނައާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ތިނަކަށް ކުޑަވެއްޖެ އެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ސިޓީންނެވެ. މެޗުގެ 25 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން މި ގޯލު ޖަހައިދިނީ އާލިން ހާލަންޑެވެ. އޭގެ ހަތަރު މިނިޓު ފަހުން ކޮނޯ ގަލަގާ ނަގައިދިން ކޯނަރަކުން ޗެލްސީއަށް ނަތީޖާ އެއްވަރު ކޮށްދިނީ ތިއާގޯ ސިލްވާ އެވެ.

މެޗުގެ 37 ވަނަ މިނިޓުގައި ރަހީމް ސްޓާލިން ކާމިޔާބު ކޮށްދިން ގޯލުން ޗެލްސީން ލީޑު ވެސް ނެގި އެވެ. ނަމަވެސް ހާފުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓުގައި މެނުއެލް އަކަންޖީ ކާމިޔާބުކުރި ގޯލާ އެކު ސިޓީން ފުރަތަމަ ހާފު ނިންމާލީ ނަތީޖާ އެއްވަރު ކޮށްގެންނެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ހާލަންޑް އިތުރު ގޯލެއް ޖަހައި ސިޓީ އަށް އަލުން ލީޑު ހޯދައިދީފައި ވަނިކޮށް 67 ވަނަ މިނިޓުގައި ޗެލްސީން ނަތީޖާ އެއްވަރު ކުރީ ނިކޮލަސް ޖެކްސަން ޖަހައިދިން ގޯލުންނެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް މިޑްފީލްޑަރު ރޮޑްރީ، ސިޓީ އަށް ގޯލެއް ޖަހައިދީ، މެޗުގައި ތިންވަނަ ފަހަރަށް އެޓީމަށް ލީޑު ނަގައިދިނެވެ.

ޗެލްސީން އެއްވަރުކުރީ އިތުރު ވަގުތުގައި އާމަންޑޯ ބްރޯޔާ އަށް ސިޓީގެ ރުބެން ޑިއާޒް ފައުލް ކޮށްގެން ލިބުނު ޕެނަލްޓީއަކުން، ކޯލް ޕާމާ ކާމިޔާބު ކުރި ގޯލުންނެވެ.

ރޭގެ މެޗާއެކު އިންޓަނޭޝަނަލް ބްރޭކަށް ދެ ހަފްތާއަށް ލީގު މެދުކަނޑާލިއިރު، ލީގުގައި ކޮންމެ ޓީމެއް ވެސް ވަނީ 12 މެޗު ކުޅެފަ އެވެ. ޗެލްސީ ވަނީ ސިޓީ އަތުން ހޯދި ޕޮއިންޓާ އެކު ޖުމްލަ 16 ޕޮއިންޓު ހަމަކޮށްގެން 10 ވަނައިގައި މަގާމު ދަމަހައްޓައިފަ އެވެ.

ލީގު އެއްވަނައިގައި ސިޓީ އޮތީ 28 ޕޮއިންޓް ހޯދައިގެންނެވެ. ޗެލްސީ އަތުން މޮޅު ނުވެވުމުގެ ސަބަބުން ސިޓީ އަށް ވަނީ 27 ޕޮއިންޓާ އެކު ދެވަނައިގައި އޮތް ލިވަޕޫލާއި ތިންވަނައިގައި އޮތް އާސެނަލްއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ބޮޑުކުރަން ލިބުނު ފުރުސަތު ނަގާލައިފަ އެވެ. ހަތަރުވަނައިގައި އޮތީ 26 ޕޮއިންޓް ހޯދާފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ. އަދި ފަސްވަނައިގައި އޮތް އެސްޓަން ވިލާ އަށް ވަނީ 25 ޕޮއިންޓް ލިބިފަ އެވެ.

ހޮނިހިރު ދުވަހު ޓޮޓެންހަމް ވަނީ ވުލްވްސްއާ ވާދަކޮށް މެޗުގެ އިތުރު ވަގުތުގައި ވަން ގޯލުތަކާ އެކު 2-1 އިން ބަލިވެފަ އެވެ. އެ ރޭ އާސެނަލް 3-1 އިން ބާންލީ ބަލިކުރިއިރު، ލިވަޕޫލް ވަނީ ރޭ 3-0 އިން ބްރެންޓްފޯޑް އަތުން މޮޅުވެފަ އެވެ. އަދި އެސްޓަން ވިލާ ވަނީ 3-1 އިން ފުލަމް ބަލިކޮށްފަ އެވެ.

ލީގުގެ ފަސްވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 21 ޕޮއިންޓް ލިބިފަ އެވެ. ހަތްވަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑަށް 20 ޕޮއިންޓް ލިބިފައި ވާއިރު އަށްވަނައިގައި އޮތީ 19 ޕޮއިންޓް ލިބިފައިވާ ބްރައިޓަން އެވެ. ނުވަވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ.

ވެސްޓް ހޭމުން ރޭ މެޗުގެ އެންމެ ފަހު ވަގުތު ގޯލު ޖަހައިގެން 3-2 އިން ނޮޓިންހަމް ފޮރެސްޓް ބަލިކުރިއިރު، ބްރައިޓަން ވަނީ ޝެފީލްޑް ޔުނައިޓެޑާ ކުޅެ 1-1 އިން އެއްވަރު ވެފަ އެވެ. ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑުން 1-0 އިން ލޫޓަން ޓައުންގެ މައްޗަށް ކުރި ހޯދިއިރު ނިއުކާސަލް ވަނީ 2-0 އިން ބޯންމަތު އަތުން ބަލިވެފަ އެވެ.