Roadha Mihaaru
އިނގިރޭސި އާ ބޮޑުވަޒީރު މިއަދު އިއުލާން ކުރެވޭނެ

އިނގިރޭސި އާ ބޮޑުވަޒީރު މިއަދު އިއުލާން ކުރެވޭނެ

05 ސެޕްޓެމްބަރ 2022

އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވި ބޭފުޅަކު މިއަދު އިއުލާންކުރުމާއެކު، އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން މިއަދު އެނގިގެން ދާނެ އެވެ.

އިނގިރޭސި ވިލާތުގެ ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވި ބޭފުޅަކު މިއަދު އިއުލާންކުރުމާއެކު، އެ ގައުމުގެ އާ ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ ކޮން ބޭފުޅެއްކަން މިއަދު އެނގިގެން ދާނެ އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު، ޕާޓީގެ ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވައި، ބޮޑުވަޒީރުގެ މަގާމުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ. ބޮރިސް މިހާރު ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތައް އަދާކުރަމުން އެ ގެންދަވަނީ، މިއަދުގެ ވަގުތެއްގައި އާ ބޮޑުވަޒީރަކު ކަނޑައެޅެންދެނެވެ.

ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރެއްވި ދެ ބޭފުޅުންގެ މެދުގައި، ބޭއްވި އިންތިޚާބުގެ އެންމެ ފަހު ބުރުގެ ނަތީޖާ އިއުލާންކުރާނީ، އިނގިރޭސި ވިލާތުގެ ހޫނު މޫސުމުގެ ގަޑިން މިއަދު މެންދުރު 12:30 (ޖީއެމްޓީން 11:30)ގަ އެވެ. އެ މަގާމަށް ވާދަކުރެއްވީ، އިނގިރޭސި ޚާރިޖީ ވަޒީރު ލީޒް ޓްރަސް އާއި، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން

ދެ ބޭފުޅުންގެ ތެރެއިން ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް އިންތިޚާބުވާ ބޭފުޅަކު މާދަމާ ބޮޑުވަޒީރު ކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނީ، އިނގިރޭސި ރާނީ އެ ބޭފުޅަކު އެ މަގާމަށް ރަސްމީކޮށް އައްޔަން ކުރެއްވުމުންނެވެ.

އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅަކު ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ މައިގަނޑު ދެ މައްސަލައަކީ، އެ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާއި، އިންފްލޭޝަން ރޭޓް އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާ މައްސަލަ އެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ގައުމުގެ އިންފްލޭޝަން ރޭޓް މިހާރު ހުރީ މިދިޔަ 40 އަހަރުގެ ތެރޭގައި ނުދާހާ މައްޗަށް ގޮސްފަ އެވެ. އޭގެ އިތުރުން، މުޅި ޔޫރަޕް މިހަރު ތަހައްމަލުކުރަމުން ދާ ހަކަތައިގެ ދަތިކަން ވެސް، އިނގިރޭސި އާ ބޮޑުވަޒީރުގެ އެޖެންޑާގެ އެންމެ ކުރީގައި ހިމަނަންޖެހޭނެ އެވެ.

ޕާޓީގެ މެންބަރުންގެ މެދުގައި ނެގި ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން، އެ ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވާނެ ކަމަށް ބެލެވެނީ، މިހާރުގެ ޚާރިޖީ ވަޒީރު ލީޒް ޓްރަސް އެވެ. އޭނާ ވިދާޅުވެފައިވަނީ ބޮޑުވަޒީރުކަން ލިބިވަޑައިގެންފި ނަމަ، ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ މައްސަލަތައް ހައްލުކުރެއްވުމަށް އަޅުއްވާނެ ފިޔަވަޅުތައް، ހަފުތާއެއްގެ ތެރޭގައި އިއުލާން ކުރައްވާނެ ކަމަށެވެ.

ސެޕްޓެމްބަރ 4، 2022: އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވާނެ ކަމަށް ލަފާ ކުރެވޭ، އެ ގައުމުގެ މިހާރުގެ ޚާރިޖީ ވަޒީރު ލީޒް ޓްރަސް، ބީބީސީ އަށް އިންޓަވިއުއެއް ދެއްވަނީ. --އޭއެފްޕީ

ސެޕްޓެމްބަރ 4، 2022: އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް އިންތިޚާބުވާނެ ކަމަށް ލަފާ ކުރެވޭ، އެ ގައުމުގެ މިހާރުގެ ޚާރިޖީ ވަޒީރު ލީޒް ޓްރަސް، ބީބީސީ އަށް އިންޓަވިއުއެއް ދެއްވަނީ. --އޭއެފްޕީ

ލީޒް މިހާތަނަށް ރާވާފައިވާ ގޮތުން، އިގްތިސާދީ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވާ ދަތިކަން ކުޑަކޮށްދިނުމުގެ ގޮތުން، މި މަހުގެ ފަހުކޮޅު ގާނޫނު ހަދާ މަޖިލީހަށް ކުއްލި ބަޖެޓެއް ހުށަހަޅުއްވާނެ އެވެ. އިގްތިސާދު ކުރި ނާރާ މައިގަނޑު ސަބަބަކީ ރައްޔިތުން އުފުލަންޖެހޭ ޓެކުހުގެ ބުރަ ބޮޑުވުން ކަމަށް ގަބޫލުކުރައްވާތީ، އާންމު ރައްޔިތުންގެ އަތުން މިހާރު ނަގަމުން އަންނަ ޓެކުހުގެ ތެރެއިން 30 ބިލިއަން ޑޮލަރު އުނިކުރުމަށް، ކުއްލި ބަޖެޓްގައި އޭނާ ހުށަހަޅުއްވާނެ އެވެ.

ޕާޓީގެ ލީޑަރުކަމަށް ލީޒްއާ ވާދަކުރެއްވި ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް އިއްޔެ ވަނީ، އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ކަމަށް ގަބޫލުކުރައްވާ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ އޭނާގެ މިހާރުގެ ވާޖިބެއް ކަމުގައި ދެކެނީ، ކޮންޒަވޭޓިވް ޕާޓީގެ ސަރުކާރަކަށް ތާއީދުކުރުން ކަމަށެވެ.

ކޮންޒަވޭޓިވް ޕާޓީގެ މިފަހަރުގެ އިންތިޚާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 180000 މެންބަރުން ތިބި އިރު، ޕާޓީގެ ލީޑަރު ކަނޑައެޅުމުގެ އިންތިޚާބު ފެށުނީ މިދިޔަ އޮގަސްޓު މަހުގެ ކުރީކޮޅުގަ އެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން އިންތިޚާބުގެ ނަތީޖާ އިއުލާންކުރާނީ މިއަދު އެވެ.

އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ ތެރެއިން، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް، ބީބީސީ އަށް އިންޓަވިއުއެއް ދެއްވަނީ. --އޭއެފްޕީ

އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަކުރައްވާ ދެ ބޭފުޅުންގެ ތެރެއިން، އެ ގައުމުގެ ކުރީގެ މާލީ ވަޒީރު ރިޝީ ސުނަކް، ބީބީސީ އަށް އިންޓަވިއުއެއް ދެއްވަނީ. --އޭއެފްޕީ

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިޚާބުކުރަން ޖެހުނީ، ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ބޮރިސް ޖޯންސަންގެ ސަރުކާރަށް އާންމު ރައްޔިތުންގެ މެދުގައި މަގުބޫލުކަން ކުޑަވުމާ ގުޅިގެން ބޮޑުވަޒީރުގެ މަގާމުން، ބޮރިސް އިސްތިއުފާ ދެއްވުމުންނެވެ. އަދި އަމިއްލަ ޕާޓީގެ ތެރެއިން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން، ޕާޓީގެ ލީޑަރުގެ މަގާމުން މިދިޔަ ޖުލައި މަހުގެ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވިކަން އިއުލާން ކުރެއްވުމަށް ފަހު، ބޮރިސް ޖޯންސަން ވަނީ އޭނާގެ ފަހުން ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ބޭފުޅަކަށް މުހިންމު ތިން ކަމަކަށް ވަސިއްޔަތް ކުރައްވައިފަ އެވެ. އޭގެ ތެރެއިން ފުރަތަމަ ކަމަކީ، އެމެރިކާއާ އެކުގައި އިނގިރޭސި ވިލާތުން ގާތް ގުޅުމެއް ބޭއްވުމެވެ. ދެ ވަނަ ކަމަކީ ޔޫކްރޭނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި ތިން ވަނަ ކަމަކީ ދުނިޔޭގެ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރުމެވެ.

އޭގެ އިތުރުން ޓެކްސް ކުޑަކޮށް، އިނގިރޭސި ވިލާތުގައި ދިރިއުޅެން ބޭނުންވާ މީހުންނާއި އިންވެސްޓް ކުރަން ބޭނުންވާ މީހުންނަށް ހިތްފަސޭހަ ގައުމަކަށް އިނގިރޭސި ވިލާތް ހެދުމަށްޓަކައި ގާނޫނީ ގޮތުން ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވެސް އޭނާ އެދިވަޑައިގަތެވެ.