Roadha Mihaaru
އިނގިރޭސި ބޮޑުވަޒީރު ކަމަށް ރިޝީ ޢައްޔަންކުރައްވައިފި

އިނގިރޭސި ބޮޑުވަޒީރު ކަމަށް ރިޝީ ޢައްޔަންކުރައްވައިފި

25 އޮކްޓޯބަރ 2022

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، އެ ގައުމުގެ 57 ވަނަ ބޮޑުވަޒީރު ކަމުގެ މަގާމަށް، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް އިއްޔެ އިންތިޚާބުވެވަޑައިގެންނެވި، ރިޝީ ސުނަކް މިއަދު އައްޔަން ކުރައްވައި، އާ ސަރުކާރެއް އެކުލަވައިލެއްވުމުގެ ދައުވަތު ދެއްވައިފި އެވެ.

އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިނެއް، އެ ގައުމުގެ 57 ވަނަ ބޮޑުވަޒީރު ކަމުގެ މަގާމަށް، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް އިއްޔެ އިންތިޚާބުވެވަޑައިގެންނެވި، ރިޝީ ސުނަކް މިއަދު އައްޔަން ކުރައްވައި، އާ ސަރުކާރެއް އެކުލަވައިލެއްވުމުގެ ދައުވަތު ދެއްވައިފި އެވެ.

ރަސްގެފާނު ޗާލްސް، ރިޝީއާ ބައްދަލުކުރެއްވީ، ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ލީޒް ޓްރަސް މިއަދު ހެނދުނު ބަކިންހަމް ގަނޑުވަރަށް ވަޑައިގެން، ރަސްގެފާނާ ބައްދަލުކުރައްވައި ރަސްމީކޮށް އިސްތިއުފާ ހުށަހެޅުއްވުމުންނެވެ. ރިޝީއާ ބައްދަލުކުރެއްވުމަށް ފަހު، ރަސްގެފާނު ޗާލްސް ވަނީ އިނގިރޭސި ތަޚުތުގެ ނަމުގައި އާ ސަރުކާރެއް އެކުލަވައިލެއްވުމުގެ ދައުވަތު، ރިޝީ ސުނަކް އަށް ދެއްވައިފަ އެވެ.

އޮކްޓޫބަރ 25، 2022؛ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ލީޒް ޓްރަސް އޭނާގެ އިސްތިއުފާގެ ސިޓީ ރަސްމީކޮށް ރަސްގެފާނު ޗާލްސް އަށް އެރުވުމުގެ ކުރިން، އެންމެ ފަހުގެ ބަޔާން އިއްވަވަނީ. --އޭއެފްޕީ

އޮކްޓޫބަރ 25، 2022؛ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރުކަމުގެ މަގާމުން އިސްތިއުފާ ދެއްވި ލީޒް ޓްރަސް އޭނާގެ އިސްތިއުފާގެ ސިޓީ ރަސްމީކޮށް ރަސްގެފާނު ޗާލްސް އަށް އެރުވުމުގެ ކުރިން، އެންމެ ފަހުގެ ބަޔާން އިއްވަވަނީ. --އޭއެފްޕީ

ރަސްގެފާނުގެ ދައުވަތާއިގެން، ބޮޑުވަޒީރުގެ ރަސްމީ އޮފީސް، ޑައުނިން ސްޓްރީޓް 10 އަށް ވަޑައިގެން، އެ އޮފީހުގެ ކުރިމަތީގައި ހުންނަވައިގެން، ރިޝީ ވަނީ އޭނާގެ ވެރިކަމުގެ ފުރަތަމަ ތަގުރީރު ރައްޔިތުންނާ ހިއްސާ ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ އިސްތިއުފާ ދެއްވި ބޮޑުވަޒީރު ލީޒް ޓްރަސް އަށް ގޯސްތަކެއް ހެއްދެވުނު ކަމަށެވެ.

އަދި އެ ގޯސްތައް ރަނގަޅު ކުރައްވާނެ ކަމަށާއި ސަރުކާރުގެ ނަޒާހަތްތެރިކަން ދަމަހައްޓަވާނެ ކަމަށް ވެސް ބޮޑުވަޒީރު ރިޝީ ވިދާޅުވި އެވެ. ސިޔާސީ ގޮތުން އިނގިރޭސި ވިލާތަށް ކުރިމަތިވެފައިވާ މައްސަލަތަކާއި އިގްތިސާދީ މައްސަލަތައް ހައްލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށް، ޖުމްލަ ގޮތެއްގައި ވިދާޅުވި އެވެ.

ނަމަވެސް ކުރިއަށް އޮތް ފިނި މޫސުމުގައި، ގޭހާއި ޕެޓްރޯލް ލިބުމުގައި މިހާރު ހުރި ދަތިތަކުގެ ސަބަބުން ދެން ނުކުންނާނެ މައްސަލަތައް ހައްލު ކުރައްވާނެ ގޮތެއް، ބޮޑުވަޒީރު ވިދާޅުނުވާ ކަމަށް، ލިބެރަލް ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު އެޑް ޑާވޭ ވިދާޅުވި އެވެ.

އާދަކާދައިގެ މަތިން، އާ ބޮޑުވަޒީރު އޭނާގެ ފުރަތަމަ ތަގުރީރު ބޮޑުވަޒީރުގެ އޮފީސް ކުރިމަތީގައި ދެއްވާއިރު، އެ ބޭފުޅެއްގެ ސަޕޯޓަރުން އެ ތަނަށް އެއްވެ ތިބެ އެވެ. ނަމަވެސް ރިޝީ ސުނަކް މިއަދު އޭނާގެ ފުރަތަމަ ތަގުރީރު ދެއްވި އިރު، އޭނާގެ ސަޕޯޓަރުންނަށް ދައުވަތެއް ނުދެއްވަ އެވެ.

ސަބަބެއް ކަމަށް އޭނާގެ އަރިސް ބޭފުޅުން ވިދާޅުވީ، މިއީ އުފާ ފާޅުކޮށް ޕާޓީ ބާއްވަންވީ ވަގުތު ނޫން ކަމަށެވެ. އޭގެ ބަދަލުގައި މުޅި ޕާޓީ އެކުގައި މަސައްކަތް ކުރަންވީ، ހައްލުކުރަންވެފައި ހުރި މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

އިދިކޮޅު ލޭބާ ޕާޓީން ބުނީ ރިޝީ ސުނަކް އަކީ އެ ގައުމުގެ އިގްތިސާދާ މެދު މިހާރު އުފެދިފައިވާ ސުވާލުތަކަށް ލިބުނު ޖަވާބެއް ނޫން ކަމަށެވެ. އެ ޕާޓީގެ ޗެއާމަން އެނެލީޒް ޑޮޑްސް ވިދާޅުވީ އިނގިރޭސި ވިލާތް މިހާރު ބޭނުންވަނީ އާންމު އިންތިޚާބަކާ އެކު މުޅިން އާ ފެށުމަކުން ފަށަން ކަމަށެވެ.

"މި ހުރިހާ މައްސަލައެއްގެ އަސްލަކީ ކޮންޒަވޭޓިވުން ކަމަށް ވާއިރު ވެސް، ރިޝީ އެ ވިދާޅުވަނީ ތިމަންނާއަކީ މައްސަލަތަކުގެ ޖަވާބޭ. ރިޝީ ސުނަކް އަކީ ކޮންޒެވޭޓިވުންގެ ސަބަބުން ކުރިމަތިވި 12 އަހަރުގެ ނާކާމިޔާބީގެ އެއް ހިއްސާދާރު،" އެނެލީޒް ޑޮޑްސް ވިދާޅުވި އެވެ.

ލޭބާ ޕާޓީން ބުނީ އެންމެ ފަހުން 2019 ވަނަ އަހަރު އޮތް އާންމު އިންތިޚާބުގައި، އިނގިރޭސި ރައްޔިތުން ރިޝީ ސުނަކަށް އެއްވެސް ޒިންމާއެއް ހަވާލު ނުކުރާ ކަމަށެވެ. އެހެންކަމުން ބޮޑުވަޒީރުގެ މަގާމުގައި ހުންނެވުމުގެ ހައިސިއްޔަތެއް ނެތް ކަމަށް ވެސް އެ ޕާޓީން ބުނެ އެވެ.

އެކަމަށް ރައްދު ދެއްވައި ރިޝީ ވިދާޅުވެފައިވަނީ، 2019 ވަނަ އަހަރު ކޮންޒަވޭޓިވުން ހޯދި ކާމިޔާބަކީ ވަކި މީހަކަށް ލިބުނު ކާމިޔާބެއް ނޫން ކަމަށާއި، އެއީ މުޅި ޕާޓީ އަށް ލިބުނު ކާމިޔާބެއް ކަމަށެވެ. އަދި ރައްޔިތުން ވޯޓު ދިނީ ވަކި މީހަކަށް ނޫން ކަމަށާއި، އެއީ ކޮންޒަވޭޓިވުން ވައުދުވި އެޖެންޑާ އަށް ރައްޔިތުން ދިން ވޯޓެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ

ރިޝީ، 42، އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ އެކު އޭނާއަކީ މިދިޔަ 200 އަހަރުގެ ތެރޭގައި އެ މަގާމަށް އައްޔަންކުރެވުނު އެންމެ ހަގު ބޮޑުވަޒީރެވެ. އަދި އޭނާއަކީ އެ ގައުމުގައި ބޮޑުވަޒީރުކަން ކުރައްވާ އިންޑިއާ ދަރިކޮޅުގެ ފުރަތަމަ ބޭފުޅާ އެވެ. އަދި ދޮން ނަސްލު ނޫން އެހެން ނަސްލެއްގެ ފުރަތަމަ ބޮޑުވަޒީރު ވެސްމެ އެވެ. އަދި ކްރިސްޓިއަން ދީން ނޫން އެހެން ދީނެއްގެ ފުރަތަމަ ބޮޑުވަޒީރަށް ވުމުގެ އިތުރުން ހިންދީ ދީނުގެ ފުރަތަމަ ބޮޑުވަޒީރު ވެސްމެ އެވެ