Roadha Mihaaru
މައްސަލައަކީ ހުތުބާ އަށް އުނިއިތުރު ގެނައުން: ސަރުކާރު

މައްސަލައަކީ ހުތުބާ އަށް އުނިއިތުރު ގެނައުން: ސަރުކާރު

07 ސެޕްޓެމްބަރ 2022

އައްޑޫ މީދޫގައި މިދިޔަ ހުކުރު ދުވަހު ކުރި ހުކުރު ނަމާދުގައި އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމަށް ވުރެ ބޮޑު މައްސަލައަކީ ހުތުބާ އަށް އުނިއިތުރު ގެނައުން ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

އައްޑޫ މީދޫގައި މިދިޔަ ހުކުރު ދުވަހު ކުރި ހުކުރު ނަމާދުގައި އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމަށް ވުރެ ބޮޑު މައްސަލައަކީ ހުތުބާ އަށް އުނިއިތުރު ގެނައުން ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

"އެއީ މަނާކަމެއް. ފާސްކޮށްފައިވާ ހުކުރު ހުތުބާ އަށް ހަތީބުން އަމިއްލަ އަށް އުނި އިތުރު ގެންނަ ނަމަ، އެ އިން ނިކުންނަ ނަތީޖާ ރަނގަޅު ނުވެދާނެ،" ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި އެ މައްސަލަ ބަލަނީ އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީންނެވެ. އެ ކޮމިޓީން އިސްކަމެއް ދީގެން ބަލަނީ "އޮންނަ އުސޫލާ ހިލާފަށް، ފާސްކޮށްފައިވާ ހުތުބާ އަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި" ކަމަށް މިއުވާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ ގޮތާ ހިލާފަށް މީދޫގައި ހުތުބާ ކިޔާފައިވާ މައްސަލަ ބަލައި ނިމެންދެން، އެ ހަތީބަށް ހުކުރު ކުރަން ނުޖައްސަން އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި ނިންމައި، އެ ކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީ އަށް މިއަދު ލިބޭނެ ކަމަށް ބެލެވޭ ކަމަށް މިއުވާން ވިދާޅުވި އެވެ.

ހުތުބާގެ މި މައްސަލައިގައި ޝާމިލުވަނީ މީދޫގެ ހަތީބެއް ކަމަށްވާ މުހައްމަދު ރަޝީދެވެ.

އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހު "މިހާރު" އަށް ރޭ ވިދާޅުވީ ހުތުބާ ކިޔުމުގެ އުސޫލުގައި އޮންނަނީ، ހުތުބާ ކިޔަން ވާނީ މިނިސްޓްރީން ދޭ ހުތުބާ އަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ. އެކަމަކު މީދޫގެ ހަތީބު އެ އުސޫލާ ހިލާފުވުމުން ސަސްޕެންޑްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.