Roadha Mihaaru

އައްޑޫ ވޯޓު: ސިޓީ ކައުންސިލުން ވަކިވާން ފޭދޫ ދެކޮޅު، ހުޅުދު އާއި މީދޫ ބޭނުންވަނީ ވަކި ދެ ކައުންސިލެއް!

އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓު ނެގުން ދެންމެ ފަށައިފި އެވެ.

ވަކިވާން ފޭދޫ ދެކޮޅު، ހުޅުދޫ/ މީދޫ ބޭނުމީ ވަކިވާން!
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

25 އޮކްޓޯބަރ 2025

އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓު ނެގުން ދެންމެ ފަށައިފި އެވެ.

ވޯޓުލުން ފެށުން ހެނދުނު 8 ޖަހާއިރަށް ތާވަލް ކޮށްފައިވީ ނަމަވެސް އެ ގަޑީގައި ނުކުތް މީހުންގެ އަދަދު މަދު ކަމުން ބައެއް މަރުކަޒުތަކުގައި ވޯޓުލުން ފެށުނީ ލަހުންނެވެ. ފޭދޫގައި ވެސް ވޯޓުލުން ފެށުނީ ލަހުންނެވެ. މާލޭގައި 8 ޖަހާ ބޮޑުވި އިރު ވެސް ވޯޓުލުން ނުފެށެ އެވެ.

ފޭދޫ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ހޯމް މިނިސްޓަރު އިހުސާން މިއަދު ވޯޓު ލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފޭދޫ ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ހޯމް މިނިސްޓަރު އިހުސާން މިއަދު ވޯޓު ލައްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

މިއަދުގެ ހަވީރު ހަތަރެއް ޖަހަންދެން ނަގާ މި ވޯޓުގައި 9,576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބެ އެވެ. އެއީ:

- ފޭދޫން 4,355 މީހަކަށް - ހުޅުދޫން 2،874 މީހަކަށް - މީދޫން 2,347 މީހަކަށް

ހުޅުދޫގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލާން މީހަކު ނަން ޗެކް ކުރަނީ.

ހުޅުދޫގައި ބަހައްޓާފައިވާ ފޮއްޓަށް ވޯޓުލާން މީހަކު ނަން ޗެކް ކުރަނީ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ގޮތުން، މާލެ އާއި މީދު އާއި ހުޅުދޫ އަދި ފޭދޫގައި 18 ވޯޓު ފޮށި ހުންނާނެ އެވެ. އެއީ ހުޅުދޫގައި ތިން ފޮށި، މީދޫގައި ތިން ފޮށި، ފޭދޫގައި ފަސް ފޮށި އަދި މާލޭގައި ދިރިއުޅޭ އެ ތިން ރަށުގެ މީހުންނަށް ހަތް ވޯޓު ފޮއްޓެވެ.

މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައި ވަނީ ކަލާފާނު ސްކޫލްގަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން މީދު އާއި ހުޅުދޫ އަދި ފޭދޫ ވަކިކުރުމާ މެދު، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ ރިފަރެންޑަމްގެ ވޯޓު ގުނައި ނިމުމާ އެކު، އެ ފޮޓެއްގެ ކައިރީގައި ވަގުތީ ނަތީޖާ އިއުލާން ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ފޭދޫ ސްކޫލްގައި ގާއިމް ކޮށްފައިވާ ވޯޓުލާ މަރުކަޒުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން މިއަދު ހަރަކާތްރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ފޭދޫ ސްކޫލްގައި ގާއިމް ކޮށްފައިވާ ވޯޓުލާ މަރުކަޒުގައި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން މިއަދު ހަރަކާތްރިވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ހުރިހާ ފޮޓެއްގެ ވޯޓު ގުނައި ވަގުތީ ނަތީޖާ އިއުލާން ކުރާނީ ވެސް އައްޑޫގަ އެވެ. އަދި ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރާނެ އެވެ.

މީގެ 15 އަހަރު ކުރި:

އައްޑޫގެ ވަކިވަކި ރަށްތަށް ސިޓީއެއްގެ ގޮތުގައި ގުޅުވައިލަން ބޭނުންވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ރަށްތަކުގެ ރައްޔިތުންގެ ރުހުން ހުރި ގޮތް ބަލަން އޮކްޓޫބަރު 9، 2010 ގައި ވޯޓެއް ނެގި އެވެ.

އެ ވޯޓުގެ ނަތީޖާ އިން ދެއްކި ގޮތުން އައްޑޫގައި ސިޓީ ކައުންސިލެއް އުފައްދަން ތާއީދުކުރީ ހިތަދު އާއި މަރަދު އާއި މަރަދޫފޭދު އާއި ހުޅުދޫގެ ރައްޔިތުންނެވެ. ސިޓީ ކައުންސިލެއް އުފެއްދުމާ ދެކޮޅަށް އެ ދުވަހު ވޯޓު ދިނީ މިއަދު ވެސް އެ ކަމާ ދެކޮޅަށް ވަކާލާތުކުރާ ތިން ރަށުގެ ތެރެއިން ފޭދު އާއި މީދޫގެ ރައްޔިތުންނެވެ.

އައްޑޫގެ ތިން ރަށެއްގެ ރައްޔިތުންގެ މެދުގައި މިއަދު ނަގަމުން އަންނަ ފެންނަ ނުފެންނަ ވޯޓުލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ ގައިޑްލައިން ފާރުގައި ހަރުކުރަން އީސީގެ އޮފިޝަލުން މަސައްކަތް ކުރަނީ.---ފޮޓޯ: ނިޝާން އަލީ
 މިހާރު

އައްޑޫގެ ތިން ރަށެއްގެ ރައްޔިތުންގެ މެދުގައި މިއަދު ނަގަމުން އަންނަ ފެންނަ ނުފެންނަ ވޯޓުލުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ ގައިޑްލައިން ފާރުގައި ހަރުކުރަން އީސީގެ އޮފިޝަލުން މަސައްކަތް ކުރަނީ.---ފޮޓޯ: ނިޝާން އަލީ މިހާރު

އައްޑޫގައި އުފެދިފައިވާ ރަށްތައް އިދާރީ ގޮތުން އެއްކޮށްލައި ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށަށް ދިއުމާ މެދު މީގެ 15 އަހަރު ކުރިން ނެގި ފެންނަ ނުފެންނަ ވޯޓުގައި ސިޓީ ކައުންސިލެއް އުފައްދަން ފޭދޫން ވޯޓު ދިނީ 397 މީހެކެވެ. ނުފެންނަ ކަމަށް 494 މީހުން އެ ދުވަހު ފޭދޫން ވޯޓުލި އެވެ. އެ ވޯޓަށް ފޭދޫން ޝަރުތު ހަމަވާ ކަމަށް އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓަރީ ކުރީ 3،571 މީހެކެވެ.

މީދު އަށް ބަލާއިރު އައްޑޫ ސިޓީ ކައުންސިލެއް އުފައްދަން ފެންނަ ކަމަށް މީގެ 15 އަހަރު ކުރިން ވޯޓުލީ 77 މީހެކެވެ. ނުފެންނަ ކަމަށް އެ ރަށުން 271 މީހަކު ވޯޓު ދިނެވެ. މީދޫގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ އަދަދަކީ އޭރު 1،880 އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އިދާރީ ގޮތުން ވަކިވާން މިހާރު ވެސް ބޭނުންވާ ރައްޔިތުންތަކެއް ތިބި ހުޅުދޫން މީގެ 15 އަހަރު ކުރިން ފެންނަ ކަމަށް ވޯޓު ދިނީ 102 މީހެކެވެ. ސިޓީ ކައުންސިލެއް އުފައްދައި އެ ކައުންސިލްގެ ދަށުން މަސައްކަތް ކުރުމާ ދެކޮޅަށް އޭރު ހުޅުދޫން 93 މީހަކު ވޯޓު ދިނެވެ. ހުޅުދޫން އެ ވޯޓަށް ޝަރުތު ހަމަވީ 2،566 މީހެކެވެ.