Roadha Mihaaru
ޔާމީންގެ ގެކޮޅުގައި 15 މިލިއަން ގުނީ އަތުން: ނަރީޝް

1 މިލިއަން ޑޮލަރަށް ދޭން ޔާމީންގެ ގެކޮޅުގައި 15 މިލިއަން ރުފިޔާ ގުނީ އަތުން: ނަރީޝް

07 ސެޕްޓެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ބައްލަވައިގެން، އޭގެ ބަދަލުގައި ދެއްވި ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށާއި އެ ފައިސާ ގުނީ ޔާމީންގެ ގެކޮޅުގައި، އަތުން ކަމަށް ޔާމީންގެ ދިފާއުގައި ހެކި ބަސް ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ބައްލަވައިގެން، އޭގެ ބަދަލުގައި ދެއްވި ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށާއި އެ ފައިސާ ގުނީ ޔާމީންގެ ގެކޮޅުގައި، އަތުން ކަމަށް ޔާމީންގެ ދިފާއުގައި ހެކި ބަސް ދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް މިއަދު ވިދާޅުވެއްޖެ އެވެ.

ނަރީޝް މިގޮތަށް ހެކިބަސް ދެއްވީ ވ. އާރަށް ކުއްޔަށް ދިނުމުގެ އެއް މިލިއަން ރުފިޔާގެ ރިޝްވަތު ޔާމީން ނެންނެވި ކަމަށް ދައުވާކުރާތީ، އެ ފައިސާ އަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް ސާބިތުކޮށްދިނުމުން ޔާމީންގެ ފަރާތްޕުޅުން ހެއްކެއްގެ ގޮތުގައި ހުށަހެޅުމުންނެވެ.

ހެކި ބަސް ދެއްވަމުން ނަރީޝް ވިދާޅުވީ، ޔާމީނަކީ 2013 ގެ ރިޔާސީ އިންތިހާބުގެ ދުވަސްވަރުން ފެށިގެން ވަރަށް ގާތް ބޭފުޅެއް ކަމަށެވެ. އަމިއްލަފުޅު ވަރަށް ގިނަ ކަންކަން ވެސް ޔާމީން ހިއްސާކުރައްވާ ކަމަށާއި އަމިއްލަފުޅު ކަންކަން ޔާމީން، ނަރީޝްއާ ހަވާލުކުރައްވައިގެން ކުރައްވާ ކަމަށް ވެސް ނަރީޝް ވިދާޅުވި އެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަގައި އަދި މަނީ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރާ ދައުވާގައި، ރިޝްވަތު ދިނުމުގެ ދައުވާ ލިބޭ ޔޫސުން ނައީމް ވެސް ދަންނަ ކަމަށާއި ދެތިން ފަހަރަކު ދިމާވި ކަމަށް ނަރީޝް ވިދާޅުވި އެވެ.

"ޔޫސުފް ނައީމާ އަޅުގަނޑާ ދިމާވީ، އެއް ދުވަހަކު ރައީސް ޔާމީން އަޅުގަނޑަށް ގުޅުއްވާފައި ވިދާޅުވީ ނަރީޝްއޭ ވަރަށް ބޮޑު ކަމެއް ކޮށްދޭން އެބަ ޖެހެއޭ، ގ. ދޫވެއްސަށް ޖައްސާލަދެވިދާނެހޭ،" ނަރީޝް ވިދާޅުވި އެވެ.

ދޫވެއްސަށް ދިއުމުން، ޔޫސުފް ނައީމް އަތުން ޑޮލަރުތަކެއް ބައްލަވައިގެން އުޅުއްވާ ކަމަށް ޔާމީން ވިދާޅުވި ކަމަށާއި އެއަށްވާ ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކޮށްދޭން ޔާމީން އެދިވަޑައިގެން ކަމަށެވެ. ނަރީޝް ވިދާޅުވި ގޮތުގައި ޔޫސުފް ނައީމާ ދިމާވީ އެކަމުގެ ތެރެއިންނެވެ.

ނަރީޝް ވިދާޅުވީ ޔާމީން ބައްލަވައިގަތީ އެއް މިލިއަން ޑޮލަރު ކަމަށާއި އެ އަށްވާ 15،420،000ރ. ޔާމީން ދެއްވުމުން ޔޫސުފް ނައީމާ ހަވާލުކުރި ކަމަށެވެ. އެ ފައިސާ ހަވާލުކުރި އިރު ލިޔުމެއްގައި އަދަދުތައް ޖަހައި ޔާމީން ސޮއިކުރެއްވި ކަމަށާއި ފައިސާ ހުރީ ދެ ދަބަހެއްގައި 500ރ. ގެ ނޫޓުން ކަމަށް ނަރީޝް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާކަން ޔަގީންކަމާ އެކު އެނގެނީ އެ ފައިސާ ޔާމީންގެ އޭރުގެ ޑްރައިވަރަކާއި ޔާމީންގެ ހާޒިރުގައި ގުނާފައި ގެންދިއުމުން ކަމަށެވެ. އެ ފައިސާ ދެ ދަބަހުގައި ކާރެއްގައި ދިޔައީ ވެސް ޔާމީންގެ އޭރުގެ ޑްރައިވަރު އަބްދުﷲ ރަޝީދާ އެކުގައި ކަމަށް ވިދާޅުވި އެވެ.

ޔާމީން މި ފައިސާ ހަވާލުކޮށްދޭން އެދިވަޑައިގަތީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅުގެ ދުވަހެއްގައި ކަމަށާއި ހަމަ އެ ދުވަހު ފައިސާ ގެންގޮސް ޔޫސުފް ނައީމާ ހަވާލުކުރެއްވި ކަމަށް ނަރީޝް ވިދާޅުވި އެވެ.

ދައުލަތުން ވަނީ ނަރީޝް އަކީ ޔާމީންގެ ޕާސަނަލް އެސިސްޓެންޓް ތޯ ނުވަތަ ފައިނޭންޝަލް މެނޭޖަރުތޯ ނުވަތަ އެކައުންޓެންޓްތޯ ސުވާލުކޮށްފަ އެވެ. ނަރީޝް ވިދާޅުވީ "ނޫން" ކަމަށެވެ. އެހެންވެ ދައުލަތުގެ ވަކީލް އަހްމަދު ނައުފަލް ވަނީ އެހެންވީއިރު އެއްވެސް ހައިސިއްޔަތެއް ނެތީސް ޔާމީން އެހާ ބޮޑު ފައިސާގެ މުއާމަލާތެއް ކުރެއްވި އިރު އެތަން ދެކެލަން ވިދާޅުވުމުން އެތަނަށް ވަޑައިގަތީތޯ އައްސަވައިފަ އެވެ. ނަރީޝް ވިދާޅުވީ ޔާމީން ގުޅުއްވީ އޭނާއަށް އިތުބާރު ކުރައްވާތީ ކަމަށާއި އެ ސަބަބު އެނގިވަޑައިގަންނަވާނީ ޔާމީނަށް ކަމަށެވެ.

ދައުލަތުން ކުރި ގިނަ ސުވާލުތަކާ ގުޅިގެން ދިފާއުން ވަނީ ހެކިވެރިޔާ އަށް ފުރައްސާރަކުރަނީ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން ޝަރީއަތުގައި އެދިފަ އެވެ. މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ ދައުލަތުން ކުރި ސުވާލުތަކަށް އިއުތިރާޒުކޮށް، ހެކިވެރިޔާ ހުށަހެޅި ދާއިރާގެ ބޭރުން ސުވާލުކުރާ ކަމަށް ބުނެ ދިފާއުން ހުށަހެޅި ހުރިހާ ކަމެއްހެން ބަލައިގެން ގިނަ ސުވާލުތައް ހުއްޓުވައިފަ އެވެ.

ދޫވެހީގައި ފައިސާ ހުރީ ކޮން ތަނެއްގައިތޯ ދައުލަތުން ސުވާލުކުރުމުން ނަރީޝް ވިދާޅުވީ ފައިސާ ހުރީ ސިޓިންރޫމްގެ ބިންމަތީގައި ބަހައްޓާފައި ކަމަށެވެ. އެ ފައިސާ ގުނީ ކިހިނެއްތޯ އެހުމުން ނަރީޝް ފުރަތަމަ ވިދާޅުވީ "ގުނީ ގުނާ ގޮތަށް" ކަމަށެވެ.

"ކޮބައިތޯ ގުނާ ގޮތަކީ؟،" ދައުލަތުގެ ވަކީލް ސުވާލުކުރެއްވި އެވެ.

"އަތުން ގުނީ،" ނަރީޝް ޖަވާބުދެއްވި އެވެ.

ނަރީޝް މިހެން ޖަވާބު ދެއްވުމުން ފައިސާ ގުނަން ހޭދަވީ ކިހާ ވަގުތެއްތޯ ދައުލަތުން އެހި އެވެ. އެކަމަކު ތަކުރާރުކޮށް ސުވާލުކުރުމުން ވެސް ޖަވާބަކަށްވީ "ހަނދާނެއް ނެތް" ކަމަށެވެ.

"ސީދާ ހޭދަވީ ކިހާ ވަގުތެއްކަން ނޭނގުނަސް ގާތްގަނޑަކަށް ހޭދަވީ ކިހާ ވަގުތެއްތޯ ދަންނަންވަން އެނގޭނެތޯ؟" ދައުލަތުން އަނެއްކާވެސް އެހި އެވެ.

"ގާތްގަނޑަކަށް ވެސް ނޭނގެ ދަންނަވާކަށް،" ނަރީޝްގެ ޖަވާބު ތަކުރާރުކުރެއްވި އެވެ.

ދައުލަތުން އެކި ގޮތްގޮތަށް މި ސުވާލުކުރުމުން ވެސް އިތުރު ޖަވާބެއް ނުދެއްވަ އެވެ. އަދި ފަހުން ވަނީ ދިފާއުން އެ ސުވާލާ މެދު ޝަކުވާކުރުމުން އެ ސުވާލު ހުއްޓުވައިފަ އެވެ. ދިފާއުން ބުނީ ހަނދާން ނެތީ ކީއްވެތޯ އާއި މާގިނައިން ފައިސާ ގުނުމުގައި ބައިވެރިވެވަޑައިގަންނަވަނީތޯ އެހުމުން އެއީ ފުރައްސާރަކުރުން ކަމަށް ބުނެފަ އެވެ.

ދައުލަތުގެ ގިނަ ސުވާލުތަކެއް ވަނީ ޝަރީއަތުން ހުއްޓުވީ ހެކިވެރިޔާ ހުށަހެޅި ދާއިރާގެ ބޭރުން ކުރާ ސުވާލު ކަމަށް ނިންމަވައިފަ އެވެ.

ޔޫސުފް ނައީމްގެ ފަރާތުން ސުވާލުކުރުމަށް ފުރުސަތު ދެއްވުމުން، ޔާމީންގެ ފަރާތުން ކުރެއްވީ ޔޫސުފް ނައީމް ވެސް ކުރައްވަން ބޭނުންވާ ސުވާލުތައް ކަމަށާއި ތަކުރާރު ނުކުރުމުގެ ގޮތުން ސުވާލެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.

ގާޒީ މިއަދު ޝަރީއަތް ނިންމަވާލެއްވީ މާދަމާ ވެސް ހެކިބަސް ނެގުމުގެ އަޑުއެހުމެއް އޮންނާނެކަން އިއުލާނުކުރައްވައިފަ އެވެ. މާދަމާ ތިން ހެކިވެރިޔަކު ހާޒިރުކުރާނެ ކަމަށާއި ދެން އޭގެ ފަހުން އަޑުއެހުމެއް އޮންނާނީ މި މަހުގެ 25 އާއި 29 ގައި ކަމަށް ގާޒީ ވިދާޅުވި އެވެ. ގާޒީ ވިދާޅުވި ގޮތުގައި ޝަރީއަތުގެ ތާވަލެއް އަލުން ކަނޑައަޅާނީ އޭގެ ފަހުންނެވެ.