Roadha Mihaaru
ރިޝްވަތެއް ނުދެން، ހެކިން ނުވެސް ދަންނަން: ޔާމީން

ރިޝްވަތެއް ނުދެން، ހެކިން ނުވެސް ދަންނަން: ޔާމީން

18 ފެބުރުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލައިގައި ހެކި ބަސް ދިން މީހުން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެއްވެސް މީހަކަށް ރިޝްވަތު ދެއްވާފައި ނުވާ ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދެއްކި ވާހަކަތައް އެމަނިކުފާނު މިއަދު ދޮގުކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގެ މައްސަލައިގައި ހެކި ބަސް ދިން މީހުން އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެއްވެސް މީހަކަށް ރިޝްވަތު ދެއްވާފައި ނުވާ ކަމަށް ވިދާޅުވެ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އިން ދެއްކި ވާހަކަތައް އެމަނިކުފާނު މިއަދު ދޮގުކުރައްވައިފި އެވެ.

ނަމަވެސް، މަނީ ލޯންޑަރިންގެ މައްސަލަ އާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ޚިޔާނާތުގެ ފައިސާއާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތެރެއަށް ޔާމީން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ، ޕީޖީން ވަނީ އެމަނިކުފާނު ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެދިވަޑައިގެންފަ އެވެ. އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް ވަނީ ޔާމީން ފާހަގަ ކުރެއްވި ނުކުތާތަކަށް ރިއާޔަތް ނުކުރައްވައި، ޕީޖީގެ ވާހަކަތަކަށް ބުރަވެ، ޝަރީއަތް ނިމެންދެން ޔާމީން ބަންދު ކުރަން އަމުރުކޮށްފަ އެވެ.

ޔާމީންގެ މައްޗަށް ޕީޖީން ދައުވާ އުފުލައި ކްރިމިނަލް ކޯޓަށް ފޮނުވީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށްފައި ހުރި އެއް މިލިއަން ޑޮލަރު ލޯންޑަކުރި މައްސަލައިގަ އެވެ. އިސްލާމިކް ބޭންކްގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ.

ޔާމީންގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ކޯޓު ދޮށުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ޔާމީންގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައިރު ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފާއި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ކޯޓު ދޮށުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ޔާމީން ކޮޅަށް ތެދުވެވަޑައިގެން ހުންނަވައި ވިދާޅުވީ، ޕީޖީން ކޯޓަށް ހުށަހެޅި މައްސަލައަކީ ފައިސާ ލޯންޑަކުރި މައްސަލައެއް ކަމަށްވާ އިރު، ހެކީގެ ގޮތުގައި ހުންނާނީ ބޭންކް ސްޓޭޓްމެންޓްތައް އެކަނި ކަމަށެވެ. އެ ބޭންކް ސްޓޭޓްމެންޓްތަކަކީ އެއްވެސް ހާލެއްގައި ބަދަލު ކުރެވޭނެ ސްޓޭޓްމަންޓްތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އެހެންވީމަ، އަޅުގަނޑުގެ ދިފާއުގައި ހުރީ ބޭންކް ޑޮކިއުމަންޓްރީ ހެކި،" ހުދާއި އަޅި ކުލައިގެ ރޮނގު ޖެހި ގަމީހެއް ތުރުކުރައްވައިގެން ވަރަށް އާދައިގެ ގޮތަކަށް ހުންނަވައި ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން، ޕީޖީން މި މައްސަލަ ސާބިތު ކުރަން ހުށަހެޅީ ކޮން ހެކިންނެއްކަން އެނގިވަޑައިގެންފައި ނުވާ ކަމަށް ތަކުރާރުކޮށް ޔާމީން ވިދާޅުވި އެވެ. އަދި ރިޝްވަތު ދެއްވައިގެން، އެއްވެސް ކަމެއް ކުރައްވާފައި ނުވާ ކަމަށް ވިދާޅުވެ، ޔާމީން ވަނީ ޕީޖީގެ ހުރިހާ ވާހަކަތަކެއްހެން ދޮގު ކުރައްވައިފަ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު އެކައުންޓަށް އެސްއޯއެފްއިން އެއް މިލިއަން ޑޮލަރުގެ ޗެކެއް ޖަމާކުރީ އެމަނިކުފާނަށް އެނގިވަޑައިގެން ނޫން ކަމަށެވެ. ފައިސާ ޖަމާވުމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގަށް އެއްބާރުލުން ދެއްވާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިއުމަށްޓަކައި ލޯންޗަށް އަރާވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް، ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ޔާމީން މާފުށީ ޖަލަށް ގެންދިއުމަށްޓަކައި ލޯންޗަށް އަރާވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަމަވެސް މިހާތަނަށް އައިއިރު، ޖަމާވި ފައިސާއަކީ ހިޔާނާތުގެ ފައިސާކަން ތަހުގީގީ އެއްވެސް އިދާރާއަކުން ހާމަކޮށްފައި ނުވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެކައުންޓުގައި ހުރީ އަޅުގަނޑަށް ނޭނގި މީހަކު ވެއްދި ފައިސާ. އެ ފައިސާއަކީ ހިޔާނާތުގެ ފައިސާތަކެއް ކަމެއް އެއްވެސް އިދާރާއަކުން ނުބުނޭ،" ޔާމީން ވިދާޅުވި އެވެ.

"އެސްއޯއެފްގެ ފައިސާތަކެއް އަޅުގަނޑުގެ އެކައުންޓަށް ވަނުމަކީ މައްސަލައެއް ނޫން."

ރައީސް ޔާމީން ވިދާޅުވީ އެ ފައިސާއަކީ ކޮރަޕްޝަންގެ ފައިސާ ކަމަށް މިހާތަނަށް ކަނޑައަޅާފައިނުވި ނަމަވެސް އޭސީސީގެ އެދުމުގެ މަތިން އެކްސްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓާފައިވާ ކަމަށެވެ. އަދި އެ ފައިސާ "ފޮރުވާން" ޖެހޭ ސަބަބެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެކައުންޓަށް އެ ފައިސާ ވަނުމުގެ ކުރިން ވެސް ފައިސާ ހުންނާނެ އެކައުންޓުގައި. އެސްއޯއެފްގެ ފައިސާއަކީ ދައުލަތަށް ވަންނަންޖެހޭ ފައިސާއެއް ނޫން، ދައުލަތަށް ވަންނަން ޖެހެނީ އެމްއެމްޕީއާރްސީގެ ފައިސާ، އެހެންވެ އެސްއޯއެފްގެ ފައިސާތަކެއް އެކައުންޓަށް ވަނުމަކީ ކުށެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވި މައްސަލައިގެ ފުރަތަމަ ޝަރީއަތުގެ އަޑުއެހުމުގައި ޔާމީން ކޮޅަށް ތެދުވެވަޑައިގެން ހުންނަވައި ވިދާޅުވީ، ޕީޖީން ކޯޓަށް ހުށަހެޅި މައްސަލައަކީ ފައިސާ ލޯންޑަކުރި މައްސަލައެއް ކަމަށްވާ އިރު، ހެކީގެ ގޮތުގައި ހުންނާނީ ބޭންކް ސްޓޭޓްމެންޓްތައް އެކަނި ކަމަށެވެ. އެ ބޭންކް ސްޓޭޓްމެންޓްތަކަކީ އެއްވެސް ހާލެއްގައި ބަދަލު ކުރެވޭނެ ސްޓޭޓްމަންޓްތަކެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި އެސްކްރޯ އެކައުންޓެއްގައި ފައިސާ ބެހެއްޓީ އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ކަނޑައެޅިއްޖެ ހާލަތެއްގައި ވެސް އަނބުރާ އެ ފައިސާ ނެގޭނެ ގޮތް ހެދުމަށެވެ.

ޔާމީން ވިދާޅުވީ އެ ފައިސާ ލޯންޑާކުރުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އެމަނިކުފާނަކީ ރިޝްވަތު ދީގެން އެއްވެސް ކަމެއް ކުރައްވާނެ ބޭފުޅެއް ނޫން ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވަނީ އެ މައްސަލާގައި ތަހުގީގު ނިންމައި މިހާ ދުވަސް ވަންދެން ދައުވާނުކޮށް ބޭއްވި ސަބަބާމެދު ވެސް ސުވާލު އުފައްދަވައިފަ އެވެ. އެކަމަށް ރައްދު ދެއްވައި ޕީޖީން ބުނީ ޔާމީން ވެރިކަމުގައި ހުންނެވި އިރު ތަހުގީގީ އިދާރާތަކުގެ ވެރިންނަށް ނުފޫޒު ފޯރުވައިގެން އެ މައްސަލަ ހުއްޓުވާފައިވާ ކަމަށެވެ.