Roadha Mihaaru
އުގެއިލް ފައުންޑޭޝަނުން ކުޑަކުދިންނަށް ބަހުގެ ކޯހެއް

އުގެއިލް ފައުންޑޭޝަނުން ކުޑަކުދިންނަށް ދިވެހި ބަހުގެ ކޯހެއް

11 ސެޕްޓެމްބަރ 2022

ކުޑަކުދިންގެ އިލްމާއި ހުނަރު ތަރައްގީކުރުމުގެ އެކި ޕްރޮގުރާމުތައް ހިންގާ އުގެއިލް ފައުންޑޭޝަނުން "ދިވެހި ދަސްކުރަމާ"ގެ ނަމުގައި ކޯހެއް ތައާރަފުކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކުޑަކުދިންގެ އިލްމާއި ހުނަރު ތަރައްގީކުރުމުގެ އެކި ޕްރޮގުރާމުތައް ހިންގާ އުގެއިލް ފައުންޑޭޝަނުން "ދިވެހި ދަސްކުރަމާ"ގެ ނަމުގައި ކޯހެއް ތައާރަފުކޮށްފި އެވެ.

އެ ކޯހަކީ އުުމުރުން ހަތް އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަ މަސްދުވަހުގެ ކޯހެކެވެ. އެ ފައުންޑޭޝަނުގެ ފައުންޑާ ޕްރޮފެސާ ހަސަން އުގެއިލް ވިދާޅުވީ އެ ކޯހުގެ މަގުސަދަކީ ކުޑަކުދިންގެ މެދުގައި ބަހަށް އޮންނަ ލޯތްބާއި އަހުލުވެރިކަން އިތުރުކުރުވުން ކަމަށެވެ. އަދި ބަސް ދަމަހައްޓާ، ކުރިއެރުވޭނީ ކުދިންނަށް އެ ބަސް އެންމެ ފުރިހަމައަށް ދަސްކޮށްދީގެން ކަމަށް ވެސް ވިދާޅުވި އެވެ.

އުގެއިލް ފައުންޑޭޝަނުން ކޮންމެ ސްކޫލު ބަންދަކާ ދިމާކޮށް ވެސް ހާއްސަ ކޯސްތަކެއް ދަނީ ހިންގަމުން. ފޮޓޯ: އުގެއިލް ފައުންޑޭޝަން

އުގެއިލް ފައުންޑޭޝަނުން ކޮންމެ ސްކޫލު ބަންދަކާ ދިމާކޮށް ވެސް ހާއްސަ ކޯސްތަކެއް ދަނީ ހިންގަމުން. ފޮޓޯ: އުގެއިލް ފައުންޑޭޝަން

އެ ކޯހަކީ އޮކްޓޯބަރު މަހުން ފެށިގެން އަންނަ އަހަރުގެ މާޗު މަހުގެ ނިޔަލަށް ބާއްވާ ކޯހެކެވެ. އެ ކޯހުގައި ކިޔަވާ ދިނުމަށް ހަމަޖެހިފައި ވަނީ ބަހުގެ ހަމަތަކާއި، ގަވާއިދުތަކާއި، އަމިއްލަ ހިޔާލު ބޭނުންކޮށްގެން ޖުމްލަތައް އެތުރުމާއި، ލިޔުންތަކުން ދޭހަވާ ކަންކަން ދެނެގަތުމެވެ.

ކޮންމެ އުމުރުފުރައެއްގެ މަންހަޖުގައި އެ ކަންކަން ކިޔަވައިދޭނީ އެ އުމުރުފުރައަކާ ގުޅުންހުރި ގޮތަށް ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ. އަދި އެ ކޯހުގައި ދަރިވަރުންނަށް އަކުރާއި ފިލި ލިޔަންވާ ބައްޓަމާއި ހަމަތަކާއި އުސޫލުތައް ވެސް ކިޔައިދޭނެ ކަމަށް ވެސް ބުންޏެވެ.

މި ޕޯސްޓުގައިވާ ލިންކުން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރޭނެ.

ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ކޯސް ފުރިހަމަކުރިކަމުގެ ސެޓުފިކެޓެއް ދޭނެ ކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.