Roadha Mihaaru
ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރަނީ

ޖީއެސްޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މި މަހު ހާމަކުރަނީ

14 ސެޕްޓެމްބަރ 2022

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މި މަހު ހާމަކުރަން ޓެކްސް އިދާރާ، މީރާ އިން ނިންމައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓެކްސް ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާ އުސޫލުގެ ދަށުން، ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މި މަހު ހާމަކުރަން ޓެކްސް އިދާރާ، މީރާ އިން ނިންމައިފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި މިދިޔަ އަހަރުގެ ނިޔަލަށް ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ވިތުހޯލްޑިން ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާގެ ވެބްސައިޓާއި ސާވިސް ސެންޓަރުގައި އާންމުކުރާނެ ކަމަށެވެ.

މީރާ އިން ވަނީ އިންކަމް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު އަންނަ މަހު ހާމަ ކުރާނެ ކަމަށް ކުރިން ބުނެފަ އެވެ.

ދައުލަތަށް ދައްކަން ޖެހި، ނުދައްކާ ހުރި ޓެކްސް އާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަން ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް މިހާރު އަންނަނީ އަޅަމުންނެވެ.

މީރާ އަށް ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރާ "ނޭމް އެންޑް ޝޭމް" ގެ ދަށުން މިދިޔަ މޭ މަހު ވަނީ ރިސޯޓު ކުލި ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކޮށްފަ އެވެ.

ރިސޯޓު ކުލީގެ ގޮތުގައި 12 ރިސޯޓަކުން 665 މިލިއަން ރުފިޔާ ނުދައްކާ އެބައޮތް ކަމަށް މީރާ އިން ބުނެފައިވެ އެވެ. ނަމަވެސް އެ ފަރާތްތަކުން މިހާރު އަންނަނީ ޓޫރިޒަމް މިނިސްޓްރީއާ އެކު ކުލި ދެއްކުމުގައި އަމަލު ކުރާނެ ގޮތްތަކެއް ހޯދަމުންނެވެ. އެހެންވެ، ނޭމް އެންޑް ޝޭމް އުސޫލުގެ ދަށުން ކުލި ނުދައްކާ ރިސޯޓުތަކުގެ މައުލޫމާތު ގެޒެޓުގައި ހާމައެއް ނުކުރެ އެވެ.

މީރާގެ ސާވިސް ސެންޓަރާއި ވެބްސައިޓުގައި މައުލޫމާތު އާންމު ކުރުމަށް ފަހު، ޓެކްސް ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ގެޒެޓު ކުރާނެ އެވެ.